ދަނޑުވެރިން އުފައްދާތަކެތި މާކެޓު ކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދަނީ

ދަނޑުވެރިން އުފައްދާތަކެތި މާކެޓު ކުރުމަށް ޚާއްސަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން ހާމަކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރުސިޓީގައި މިއަދު ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނަކަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ "ކަންޓްރީ ޖެންޑަރ އެސެސްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ދަ ރޫރަލް ސެކްޓަރ އިން މޯލްޑިވްސް" ނެރެދެއްވައިފައެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް މިނިސްޓްރީން މުހިންމު ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ދަނޑުވެރިން އުފައްދާތަކެތި މާކެޓު ކުރުމަށް ކުންފުންޏެއް އުފެއްދުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިނިސްޓްރީން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމައަގު ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެއްވު ހިމެނެއެވެ. އަދި އެތަކެތި މާކެޓު ކުރުމަށްހުރި ދަތި ކަމާއި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްކާނާ އާއި މުޑުވައް ފޯރުކޮށްދިނުމަށް ދިމާވާ މައްސަލަ ޙައްލުކޮށްދެއްވުން ވެސް އޭގެތެރޭގައި ހިމެނެއެވެ. އޭގެ އިތުރަށް ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށިގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.