ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ލިބޭނެ: ޑިފެންސް

ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ: އެ ޙާދިސާގައި ވަނީ ބޮޑެތި ގެއްލުންވެފައި

ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު މިއަދުން ފެށިގެން ހުއްދާ ދޫކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިއޮތީ ސެޕްޓެމްބަރ 20 ވަނަ ދުވަހާއި 30 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ދެ ޙާދިސާއަށްފަހުގައެވެ.

ޑިފެންސް މިނިސްޓްރީން މިހާރުވަނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމާއި ގުދަން ކުރުމާ ބެހޭ ޤަވާޢިދެއް އެކުލަވާލައި ޢާއްމު ކުރައްވައިފައެވެ. އެ ޤަވާޢިދުގެ ދަށުން ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޭނީ މާލޭ ފިޔަވައި އެހެން ރަށެއްގައި ރައްކާތެރިކަމާއެކު އެ ގުދަންކުރާ ކަމަށްވާނަމައެވެ.

"ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމް ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަންކުރާނަމަ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަމުން ގެންދެވޭނެ ކަމުގައި ދެންނެވީމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވެސް ކެމިކަލް ގުދަންކުރަންވާނީ މީހުން ނޫޅޭ ސަރަޙައްދުގައެވެ. މީހުން އުޅޭ ސަރަޙައްދުގައި މިފަދަ ކެމިކަލް ގުދަން ކުރުމުން އަލިފާނުގެ ޙާދިއެއްފަދަ ކަމެއް ހިނގާއިރު މާލެއެކޭ އެއްފަދައިން އެމީހުންނަށް ވެސް އަނިޔާއާއި ގެއްލުންވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.