އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭނީ ރާއްޖޭގެ އިޤްތިޞާދު އިނދަ ނުޖެހޭނެގޮތަކަށް: ޝަރީފް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭނީ ރާއްޖޭގެ އިޤްތީޞާދު އިނދަ ނުޖެހޭނެ ގޮތަކަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށްޓެވި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ ޝަރީފް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައިގެ ގޮތުގައި މިހާރުވެސް ރާއްޖެއިން 500 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭރުވާކަމަށެވެ. އެންމެ ދަށް އުޖޫރަ ކަނޑައެޅޭއިރު، ބޭރުމީހުންގެ މުސާރައަށް، މިހާރުގެ މުސާރަ ތިން ގުނައަށް ބޮޑުވާ ވަރަށް މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ ކުދި ވިޔަފާރިތައް ހަލާކުވެ ސުންނާފަތިވެގެން ހިނގައިދާނެކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެންމެ ކުޑަ މުސާރަ ކަނޑައެޅިގެންދާއިރު އެހެން ޤައުމުތަކާ ތަފާތުކޮށް އެކި ކެޓަގަރީތަކަށް ބަހާ އެކި އެކި ވަޒީފާއަދާ ކުރާފަރާތްތަކަށް ތަފާތު ވާގޮތަށް، އެންމެ ދަށް އުޖޫރަ ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

“ބޭރުމީހުންނާ ދިވެހިންނަށް އެއްވަރު މިނިމަމް ވޭޖެއް ކަނޑައެޅިއްޖެނަމަ، މުޅި ޤައުމު އިނދަޖެހި ޤައުމުން ބޭރަށް މިހާރު ދާ 500 މިލިއަން ޑޮލަރުގެ ބަދަލުގައި 1500 މިލިއަން ޑޮލަރު ގޮސް ބޭރު ފައިސާގެ އަގު މިހާރު ބްލެކް މާކެޓްގައި ހުރީ 16 ރުފިޔާ އަށް ކަމުގައިވާނަމަ 25 ރުފިޔާއަށް ނުވަތަ އެއަށްވުރެވެސް މައްޗަށް އަރައިގެން ދާނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ބިލް އެކުލަވާލައްވާ އިރު ދިވެހިންނަށް ރަނގަޅު އުޖޫރައެއް ލިބޭ ގޮތަށް އެ ބިލް ބައްޓަން ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެންމެ ދަށް އުޖޫރަ ކަނޑައެޅުމަކީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ގޮތެއް ނިންމަން ޖެހޭނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް 256,000 ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ އެއީ ރާއްޖޭގެ 18 އަހަރުން މަތީގެ ޢާބާދީއާ ދާދި އެއްވަރު ޢަދަދެއްކަން ފާހަގަ ކުރެއްވިއެވެ. މިކަން ޙައްލުކުރުމަށް ދިވެހިންނަށް ޓްރޭނިން ދީ ޤާބިލިއްޔަތު އިތުރުކުރަންޖެހޭ ކަމަށާއި ދިވެހިން ވަޒިފާއަށް އަހުލުވެރި ކުރެވޭނެ ގޮތް ހަދަން ޖެހޭކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ އެންމެ ބޮޑު ޝަކުވާއަކީ ޢަބުރުވެރިކަމާއެކު އުޅެވޭނެ އުޖޫރައެއް ނުލިބުންކަން ޝަރީފް ފާހަގަކުރެއްވިއެވެ. ރިސޯރޓްތަކުގައި ވެސް ބޮޑު މުސާރަލިބޭ އެކައުންޓެންޓުންނާއި މެނޭޖަރުން ލެވެލްގައި ވެސް ގިނައިން ތިބެނީ ބޭރު މީހުންކަން ފާހަގަ ކުރެއްވިއެވެ. އެހެން އެކަން ދިމާވެފައިވަނީ ދިވެހިންނަށް ފުރުޞަތު ލިބޭނެ ގޮތަށް ސިޔާސަތުތައް ރޭވިފައި ނެތުމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ އުޞޫލުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރ ޝަރީފް ވިދާޅުވީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ މުސާރަ ކަނޑައެޅެނީ ޖީޑީޕީގެ 20 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ ޢަދަދެއްގައިކަމަށެވެ. ނަމަވެސް ރާއްޖޭގެ ޙާލަތު ތަފާތު ކަމަށް އެނާ ވިދާޅުވިއެވެ. ޤައުމަށް ލިބޭ އެއްޗަކަށްވުރެ ބޮޑުއެއްޗެއް ބޭރުވާންޖެހޭ ގޮތަކަށް އެންމެ ދަށް އުޖޫރަ ކަނޑައެޅިއްޖެނަމަ މުޅި ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ދަށް އުޖޫރަކަނޑައެޅުމުގެ ޤަރާރު ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރ ޢިސްމާޢީލް އަޙްމަދެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ އެންމެ ދަށް އުޖޫރަ ކަނޑައެޅުންކަމުގައެވެ. މިހާރު ވަރަށް ބާރަށް އެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވާ އަންނަ އަހަރު އެ ވަޢުދު ތަންފިޒު ކުރުމަށްޓަކައި ދެ މަހެއްހާ ދުވަސް ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ. މެމްބަރ އިސްމާޢީލް ވިދާޅުވީ ބިލް އެކުލަވާލެވޭއިރު ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުދޭ ފަރާތްތަކާ މެދު އަދަބުވެސް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާއިރު، އެކަށީގެންވާ އުޖޫރައަކާއެކު ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ވަޒިފާ ހޯދުމަށް ބޭނުންވާ ދިވެހިންނަށް ފުރުޞަތު ފަހިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފް ވިދާޅުވީ ވަޒީފާ ބެހޭ ޤާނޫނުގެ ދަށުންވެސް އެންމެ ދަށް އުޖޫރަ ކަނޑައެޅޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ނުވެ އޮތްކަން ފާހަގަ ކުރެއްވިއެވެ. ޤާނޫނަކުން އެންމެ ދަށް އުޖޫރައެއް ކަނޑައެޅެން ޖެހެނީ ސަރުކާރަށް، ބަދަލު ނުކުރެވޭނެ އެއްޗެއްގެ ގޮތުގައި އެންމެ ދަށް އުޖޫރަ ކަނޑައަޅަންޖެހޭތީ ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ.

1 ޚިޔާލު

  1. އެކަނިވެރި މައިންނާއި ބަފައިންނަށް މުސާރަ ބޮޑުކުރީ ތިޔަބުނާ އިޤްތިޞާދަށް ނުބަލާތަ؟ އެ ހިތްވަރު ދެވެނީ ކޮންކަމަކަށްކަން އެނގޭބާ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.