އިތުރު ދައުރަކަށް އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތި ލައްވަނީ

އެމްޑީޕީގެ ރައީސް އަލުން އިންތިޚާބު ކުރާއިރު އެ މަގާމަށް ކުރިމަތި ލައްވަން މިހާރުވެސް އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި މުޙަންމަދު ނަޝީދު ނިންމަވައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރައީސަކު ހޮވުމުގެ އިންތިޚާބާބެހޭ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތި ލައްވަން ނިންމަވާފައިވާ ކަމަށާއި، އެހެންވެ އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އެމަނިކުފާނަށް ބޭނުންފުޅު ކަމަށެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް ކަމަށް އިތުރު ދައުރަކަށް އަޅުގަނޑު ކުރިމަތިލަން. އެމްޑީޕީގެ އެންމެ މެމްބަރުންގެ އަރިހުން ވަރަށް އިޚްލާސްތެރިކަމާއެކު މި އެދެނީ އަޅުގަނޑަށް ތާއީދު ކުރައްވާ، ވޯޓު ދެއްވުމަށް" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ކަމާއި، ނައިބު ރައީސް ކަމުގެ މަގާމު ހުސްވާތީ އެޕާޓީން މިހާރު ވަނީ އެމަގާމަށް ކުރިމަތި ލެއްވުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. ރައީސް ކަމާއި ނައިބު ރައީސް ކަމުގެ  މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތު މިމަހުގެ 19 ވަނަ ދުވަހު 12:00 އަށް ހަމަވާނެއެވެ.

ޕާޓީގެ ރައީސް ކަމަށް ނަޝީދު އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ކަށަވަރު ވެގެންދިޔައިރު، ނައިބު ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އަދި އެއްވެސް ބޭފުޅަކު ހާމަކުރައްވާފައި ނުވެއެވެ. އެ ޕާޓީގެ ނައިބު ރައީސް ކަމުގައި މިވަގުތު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ޝިފާޒެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.