ކުނި އަންދައިގެން 1.5 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެ

އައްޑޫސިޓީ ހިތަދޫގައި ހިންގާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން ކުނި އަންދައިގެން 1.5 ކިލޯވޮޓުގެ ކަރަންޓުގެ އުފެއްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީކައުންސިލުން މިހެން ވިދާޅުވެފައިވަނީ"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ބޭއްވި "ކިކްއޮފް މީޓިން" އަށްފަހުއެވެ.

ކައުންސިލް އިދާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު އަޙްމަދު އާއި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވާ ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗަރ ގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫޢުގެ ދަށުން ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށްޓަކައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. "މިފެސިލިޓީއަށް ޖަމާކުރެވޭ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ." ކައުންސިލުން ވިދާޅުވެފައިވެއެވެ.

ގްރީން ޓެކްސް ފަންޑުން ހިންގާ މިޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ފެށޭނެއެވެ. މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.