ގެއްލޭ ކަރުދާސް ދަތިތައް ޖަމާވަނީ ކޮންތާކަށްބާ؟

އަޅުގަނޑުމެންގެ އޮފީސްތަކުގައްޔާއި ސްކޫލް ތަކުގެ އިތުރުން ގޭގޭގައާއި އަދި އަޅުގަނޑު ހިތުން މިހާރުގެ ކަންނެލި އޮޑިފަހަރުގައިވެސް، ޕޭޕަރކްލިޕްސް މިކިޔާ ކުދިކުދި، ކުލަކުލައިގެ ކަރުދާސް ދަތިތައް ގިނަ އަދަދަކަށް ހުންނާނެއެވެ. ތަފާތު އެތައް ކަމަކަށް ފުދޭތީކަމަށްވެސް ވެދާނެއެވެ. ދެ ކަރުދާސް ކޮޅު ނުވަތަ ދިހަވަރަކަށް ގަނޑު ވަގުތީގޮތުން އެއްކޮށްލުމަށް މި ބޭނުންކުރާހައި ކަރުދާސް ދަތިތައް ފިސާރި އަވަހަށް ގެއްލޭ ކަމީ ފާހަގަ ކުރެވިފައިވާ ކަމެއްތޯއެވެ؟

މި ދެންނެވި  ކަރުދާސްދަތި ގިނައިން ބޭނުންކުރަން ޖެހިފައިވި ކޮންމެ މީހަކުމެ ހިތަށް އަރާނެ ސުވާލަކީ، ލޮނދި ހިކައެއް ކަހަލަ މި  ދަތިތައް ފިލަން މިދަނީ ކޮން މައިދާނަކަށް ބާއެވެ؟  ކޮންމެ ދަތިފޮއްޓެއްގައި  100 ދަތި އެކުލެވޭއިރު، ކޮންމެ އޮފީހަކަށްމެ މި ގަންނަނީ މަދުވެގެން ފަހަރަކު ޑަޒަނެކެވެ. މިއީ އަދި އަޅުގަނޑުމެން، އަމިއްލަ ކުދިވިޔަފާރިވެރިންގެ އޮފީސްތަކުގެ ވާހަކައެވެ. ވެލާނާގޭގައި އެވާ މިނިސްޓްރީތަކަށް އަދި ކިތަން ޑަޒަން ބޭނުންވާނެތޯއެވެ؟ އަޅުގަނޑު މި މަސައްކަތް ކުރާ އޮފީހުގައި މިކަހަލަ ކުދިކުދި އެއްޗެތި އޮފީހަށް ހޯދުމަކީ އަޅުގަނޑު ކުރާ ކަމެކެވެ. އެހެންވެ، މިކަހަލަ ކަންކަމާމެދު ވިސްނެނީއެވެ.

ވީމާ، މިހާރު ކުރިމަތިވެފައިމިވާ ސުވާލަކީ، މި ރީތި، ކުލަކުލައިގެ ކުދިކުދި ކަރުދާސް ދަތިތައް ފިލައިގެން ނުވަތަ މަރުވާން ދަނީ ކޮން ގަބުރުސްތާނަކަށްބާއެވެ؟ މަރުވާން ދާ ވާހަކަ މި ލިޔެވުނީ، އަޅުގަނޑުމެން ކުޑައިރު ކިޔާ ފޮތްފޮތުން ފެންނަ ގޮތުގައި އޮޅުދޫވަލު އެތް، މަރުވާން ކައިރިވުމުން ވަކި ޚާއްސަ ތަނަކަށް (މަރުވާން) ދާކަމަށް ލިޔެފައި ހުންނާތީއެވެ. އޮޅުދޫވަލު އެތަކީ އުމުރު ދިގު އެއްޗަކަށްވާތީ އަޅުގަނޑުމެނަށް ދިމާވާ، ދަތްވެރުމުގެ ހިތި ތަޖުރިބާ ހިއްސާކުރާ ޖަނަވާރެކެވެ. ދަތްވެރުމުން އެތަށް ލިބޭ ނިކަމެތި ހިތްދަތި ކަމަކީ ދަތްޖެހެން ނޯންނަކަމެވެ. ވީމާ ދަތްތައް ވެރުމުން، މަޑުމަޑުން ހާނތިވެގެން މަރުވާނީކަން އެނގޭތި މި މުސްކުޅި އެތްތަށް މަރުވާން އެއްތަނަކަށް އެއްވާ ވާހަކަ ކިޔައި އުޅެމެވެ. ނަމަވެސް މިޒަމާނުގެ ފަސޭހަތަކުގެ އެހީގައި މިކަން ކަށަވަރު ކުރެވޭނެގޮތެއްނެތެވެ. ވީމާ އެއީ ގިނަގިނައިން އިވުނަސް ހަގީގަތެއް ނެތްކަމަކަށް ވެދާނެއެވެ.

ހަމަބުއްދިން ވިސްނައިލާއިރު، މި އިޝާރާތްކުރާ ދައްޗަކީ އޭގެ ލޫޅާފަތިކަމަށް ބަލައި ރިއާޔަތްކޮށްފިނަމަ، ހެދިފައިވާ ބައްޓަމެއްގެ ސަބަބުން ނިސްބަތުން ހަމަ ވަރުގަދަ އެއްޗެކެވެ. ކަންފަތިވެ ކުލަ ވެއްޓިފައިވާ ދައްޗެއް އަޅެ ދުއްމިހަކު އުޅޭބާއެވެ. ހުވަނދުމާ ގަހުން ދޮންފަތެއް ފެނުން ކަހަލަ ހަމަ މުސްތަހީލު ކަމެކެވެ.  ކަންފަތިވެ ކުލަ ނުވެއްޓުނަސް، ކޮންމެ އޮފީހެއްގައިވެސް ދިހަވަރަކަށް ދަތި މަހަކު އެއްފަހަރު ގެއަށް ގެންދާ މީހުން އުޅުން އެކަށީގެންވެއެވެ. އެއީ ފޮއްޓެއްގެ 10 އިންސައްތައެވެ. ވީމާ ފޮއްޓެއްގައި ހިމެނޭ އަނެއް 90 ދަތި އެނބުރެން ޖެހޭނީ އޮފިހުގައިތާއެވެ. ނުވަތަ މި އޮފީހުން ނިކުމެ އަނެއް އޮފީހަށް ވަދެ މިހެންތާއެވެ. މިހެން އުޅުމަކުން ކަރުދާސް ދަތީގެ ނަސްލަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއް ހަމަ ހިލާ ނުވިސްނުނެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ކުޅަދާނަ ސިޔާސީ ރާޅާއެޅުންތެރިން އެއްރާޅުން، މާފު ކުރައްވާ، އެއް ޕާޓީން އަނެއް ޕާޓީން އަދި ފަސްވަނަ ޕާޓީއަށް ބަދަލުވެލެއްވި ނަމަވެސް މި ކުޅަދާނަ ރާޅާއެޅުންތެރިން މަދެއްނުވޭ ނޫންތޯއެވެ. މެދުތެރެއިން ގެއްލިގެން  ހޯދަން އުޅޭކަށް ނުޖެހެއެވެ. ވީމާ މި ދަތިތައް ގެއްލޭ ހިސާބެއް  ޔަގީންކަމާއެކު ބެލޭނެ ޓެކްނޮލޮޖީއެއް އިޖާދު ކުރެވިއްޖެބާއެވެ؟

ކޮންމެ އޮފީހެއްްގައިވެސް  ދިހަވަރަކަށް ދަތި މަހެއްހާ ދުވަހުގެ ތެރޭގައި ގެއަށް ގެންދާ މީހަކު ފަހަރެއްގައި އުޅެފާނެކަމަށް އަންދާޒާ ކުރެވުނު ގޮތަށް،  މިދެންނެވި ދަތީގެ ތެރެއިން އެއް ދަތި ދެ ދަތި  ސީދާ ކޮށްލާފައި އޭނާ ބޭނުން ކިއްސަރެއްގެނެސް، އެ ދަތިން ކަންފަތް ސާފުކޮށްލާ މީހުންވެސް ތިބެއެވެ. މިއީ އަދި ދަތީގެ ނަސްލު ނެތިގެންދާވަރުގެ ނުރައްކާ އާދައެއް ނޫނެވެ. އޮފީހުގެ ރިވެތި އަދަބު ސަދަބު ކިޔަވައިދޭއިރު މިއީ ހުތުރު އާދައެއްކަމުގައި ކިޔައިދިނަސް، މިއީ އަދި ދައްޗަށް ހުރި ނުރައްކަލެކޭ ކިޔުމަކީ ކަންބޮޑުކުރުމެވެ.

ދެމީހެއްގެ ހުރި ތަފާތުވެސް ބޮޑަށް ހާމަވަނީ ދެމީހެއްގެ ހުނަރާއި އިލްމާއި، އަދަބު އަޚްލާޤުވެސް އަޅއިކީމައެވެ. މިހެން މިރޮނގުން ވިސްނާލައިފިނަމަ ކަރުދާސް ދަތީގެ ފިލްމުސްޓާރު ކަމާއި ހީރަސް ނަރުގެ މަޑުމައިތިރިކަންވެސް ހާމަވެއެވެ. ހީރަސް ނަރަކީ އެއްނަރު އަނެއްނަރާއި ފިތިގެން އެކުވެރިކަމާއި ބަދަހި ކަންމަތީގައި ފެންނަ އެއްޗެކެވެ. އޮފީހުގައި އަޅުގަނޑުމެން ބޭނުންކުރާ ތަކެއްޗަކީ އަޅުގަނޑުމެން ބޭނުން އިރަކު ބޭނުންކުރަން ހުންނަ ތަކެއްޗެވެ. ބޭނުންވާ ވަގުތު ފެންނަންވާނެއެވެ. މިގޮތުން ހީރަސް ނަރުވަރެއްނެތެވެ.  ދުވަހަކުވެސް މީހަކު  ހީރަސްނަރެއް ގެއްލިގެން ރުޅިގަދަވާހިސާބަކަށް ކަންތައް ގޯހެއްނުވެއެވެ.

ނަމަވެސް ޕޭޕަރކްލިޕްގެ ނަމުން ފަހަކަށް އައިސް މަޝްހޫރުވެފައިމިވާ ދައްޗަކީ އެދަތި ތައް ގަނެގެން ގެނެސް އަޅާ  (ދަގަތްފާނުލީ) ޕްލާސްޓިކް ފޮށިން ފަހުން ބޭނުންޖެހިގެން އެއްދަތި ނަގަން އުޅޭއިރަށް، ‘މަވެސް ނަގާށޭ’ ކިޔައި ދެތިން ހަތަރު ދަތި އެއްފަހަރާ ނިކުންނަ ހިތުން އުޅޭ ހަލަނި އެއްޗެކެވެ. ވީމާ ކުޑަ ފުރުސަތެއް ހަމަ ލިބޭއިރަށް ފިލުމުގެ ކުދި ކުދި ސިގުނަލްތައް ފެނެއެވެ. ނަމަވެސް ނިކުމެގެން މި ދަނީ ކޮންތާކަށްބާއެވެ؟

އަޅުގަނޑު އާންމުގޮތެއްގައި ކަރުދާސް ދަތި ބޭނުންކުރަނީ ޗެކުތަކެއް، ބޭންކަށް ޖަމާކުރަން ގެންދާއިރު ‘ ޑިޕޮޒިޓް ސްލިޕް’ ކޮޅާއެކު ހައްޔަރުކޮށްލާށެވެ. ވީމާ އަޅުގަނޑުމެން އޮފީހުގެ ދަތިތައް ހަމަ ގައިމުވެސް ބޭންކުތަކަށް ވަދެއެވެ.  މިހެން ކިތައް ފިހާރައިން، ކިތައް ވިޔަފާރި ކުންފުނިން ޗެކުތަކާއެކު  ބޭންކަށް ކަރުދާސް ދަތިތައް ވަންނާނެ ނޫންތޯއެވެ؟ ބުއްދިއަށް ފެންނަނީ ބޭންކުތަކަކީ ދަތިތައް ޖަމާވާނޭ ތަނެއްކަމުގައެވެ. މައްސަލައަކީ އަޅުގަނޑުމެންގެ އޮފީހުން ދަތި ހުސްވެގެން، ދަތި ގަންނަން ދާއިރު ބޭންކުން ފޮނުވައިގެންވެސް ހަމަ ދަތިގަންނަން މީހަކު ގޮސްއުޅެނިކޮށް ފެންނާތީއެވެ!! އެންމެފަހުން ކަރުދާސް ދަތި ގަންނަން ދިޔަ ދުވަހުވެސް، އެފިހާރަ ކުދިން ހާސްވެގެން ސިއްރުސިއްރުން ވާހަކަ ދައްކާތީ ކައިރިއަށް ޖެހިލާފައި އަޑުއެހުމުން ވައްކަންކޮށްލިއިރު މި ކިޔާ އެއްޗަކީ ”ސިސްޓަމުން 8 ކޭސް ހުންނާނެކަމަށް ދެއްކިޔަސް…………………. ގުދަނުގައި މިހާރު ހުރީ 5 ކޭސް ކަމުގައެވެ!!

ވީމާ މިހާރު ދެން މީ އަރަތައަކަށްވެ، ވިއްސާރަ ދުވަސްދުވަހު ވިސްނައި ފިކުރުކޮށްލުން ހަމަ ރަނގަޅު ލުއިލުއި މައްސަލައެކެވެ!!!

 

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.