އެމްޕީ މުޢިއްޒުގެ ފޭސްބުކު ސްޓޭޓަސްއާ ބެހޭގޮތުން އޭނާއާ ސުވާލުކުރަންޖެހޭނެ: ޝަރީފް

ހުކުރުދުވަހުގެރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ރާވައިގެން ބަޔަކު ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުޢިއްޒުގެ ފޭސްބުކު ޕޭޖުގައި ލިޔުއްވުމުން އެކަމާބެހޭ ގޮތުން އޭނާއާ ސުވާލު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރުގެ މުޢައްސަސާތަކަށް ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަޙުމަދު ޝަރީފް ޢުމަރު ވިދާޅުވީ މުޢިއްޒަކީ ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މަޑުން އިންނަވާ ބަސް މަދު ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ފޭސްބުކުގައި އެފަދަ ވާހަކައެއް ހާމަކުރައްވާނީ ކޮންމެވެސް ވަރަކަށް މަޢުލޫމާތު ލިބިގެން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެމަޢުލޫމާތު އޭނާ ވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ޙިއްސާ ކުރައްވާފައި ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މަޢުލޫމާތު ޙިއްސާ ނުކުރައްވާ ކަމަށްވާނަމަ އެމްއެންޑީއެފް އަދި ޕޮލިސް ފަދަ ތަންތަނުން އޭނާއާ ސުވާލުކޮށް އެކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްދަ އެއްވެސް ވާހަކައެއް މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެ ޙާދިސާގެ މަޢުލޫމާތު ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވަނީ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެފަދަ ވާހަކައެއް ދެއްކެވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ރަނގަޅަށް ކުރައްވާ ހުރިހާކަމަކަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ. އެފަދަ ކަންކަމުގައި އިދިކޮޅު ވެސް އޮންނާނީ ސަރުކާރާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ގެންނަ ބައެއް ބަދަލުތަކާމެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެބަދަލުތަކަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ގެންނަ ބަދަލު ތަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.