ޔޫއޭއީގައި ޔަހޫދީ ފައްޅިއެއް އަޅަނީ

'އިބްރާހީމުގެފާނުގެ ދަރިކޮޅުގެ އެކުވެނި' ނިމޭއިރު ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް. މި ތިން އިމާރާތަކީ މިސްކިތަކާއި، ނަސާރާ ފައްޅިއަކާއި ޔަހޫދީ ފައްޅިއެއް

މިއަހަރުގެ ކުރީކޮޅު ހިންދޫ ފައްޅިއެއް ސަރުކާރުން ބިނާކޮށްދިނުމަށް ފަހު، މިހާރު ޔަހޫދީ ފައްޅިއެއް އެގައުމުގައި ބިނާކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ނިންމައިފިއެވެ.

އަބޫދާބީގެ އައްސޭރިޔާ 500 މީޓަރު ދުރުގައި އޮންނަ ސާދިޔާތު ޖަޒީރާގައި ތަރައްގީކުރާ ސަގާފީ ސަރަހައްދުގައި ހަދާ މި ފައްޅިއަކީ ޔޫއޭއީގައި ބިނާކުރާ ފުރަތަމަ ޔަހޫދީ ފައްޅިއެވެ.

ޔޫއޭއީގައި އިނގިރޭސި ބަހުން ނެރޭ މަޝްހޫރު ނޫހެއްގައި ބުނެފައިވާ ގޮތުގައި ފާއިތުވި ހުކުރު ދުވަހު ނިއުޔޯކުގައި ހާމަކުރި 'އިބްރާހީމުގެފާނުގެ ދަރިކޮޅުގެ އެކުވެނި' އަކީ ޕޯޕް ފްރާންސިސް އާއި އަޒްހަރުގެ ޝައިޚް ޑރ. އަޙްމަދު އައްޠައްޔިބު ފާއިތުވި ފެބްރުވަރީ މަހު ދުބައި ގައި ސޮއިކުރެއްވި 'އިންސާނީ އުޚުއްވަތްތެރިކަމުގެ އެއްބަސްވުމަށް' އަމަލީ ސިފަ ގެނައުމަށް ސާދިޔާތު ޖަޒީރާގައި ބިނާކުރާ އެކުވެއްޏެކެވެ. އަންނަ އަހަރު މަސައްކަތް ފަށަށް ނިންމާފައިވާ މި އެކުވެނި ނިމޭއިރު އެތަނުގައި މުސްލިމުން އަޅުކަން ކުރާނެ މިސްކިތަކާއި، ނަސާރާ ފައްޅިއަކާއި، ޔަހޫދީ ފައްޅިއެއް ހުންނާނެއެވެ.

ޔޫއޭއީ ސަރުކާރުން މިހާރު އެގައުމު އިޝްތިހާރުކުރަމުން ދަނީ ހުރިހާ ސަގާފަތަކާއި، ހުރިހާ ދީނަކަށް ހަމަހަމަ ގޮތުގައި ހުޅުވާލާފައިވާ ތަނެއްގެ ގޮތުގައެވެ. މި ހަމަހަމަކަން އަމަލީ ގޮތުން ދެއްކުމަށް އެގައުމުގެ ސަރުކާރުން ދަނީ، ސަރުކާރުގެ ޚަރަދުގައި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން އަޅައިދީ ރަސްމީ ސިފައެއްގައި ހުޅުވަމުންނެވެ.

ޔޫއޭއީގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ތިން ދީން ކަމުގައިވާ އިސްލާމްދީނާއި، ނަޞާރާ ދީނާއި، ޔަހޫދީ ދީނުގެ މީހުން އަޅުކަންކުރާ ތިން ތަން ހަދަނީ ސަޢުދިއްޔާތު ޖަޒީރާގެ މަރުކަޒީ ޕާކުގައި ތިން ތަން ކައިރި ކައިރީގައި ހުންނަ ގޮތަށެވެ. މިއީ ތިން ދީނުގެ 'އުޚުއްވަތްތެރިކަން' ރަމްޒުކޮށްދިނުމަށް ކުރާ ކަމެކެވެ.

އަބޫދާބީ ކައިރީގައި އޮންނަ ސާދިޔާތު ޖަޒީރާއަކީ ޔޫއޭއީ ސަރުކާރުން މިހާރު ތަރައްގީގެ އެތައް ބިލިއަން ޑޮރަލުގެ ބިޔަ މަޝްރޫއެއް ހިންގާ ރަށެކެވެ. އެރަށުގައި ވަކި ސަރަހައްދެއް ސަގާފީ އަވަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި ޔޫއޭއީގެ ސަގާފަތް ދައްކައިދޭ ދާރުލްއާސާރު (މިއުޒިއަމް) ގެ އިތުރަށް ދުނިޔޭގެ މަޝްހޫރު ބައެއް ދާރުލްއާސާރުތަކުގެ ގޮފިތައް ވެސް ބިނާކުރުމަށް ވަނީ ޕްލޭންކުރެވިފައެވެ. ސަމާވީ ތިން ދީނުގެ މީހުން އަޅުކަންކުރާ ތަންތަންވެސް ބިނާކުރަނީ މިއަވަށުގައެވެ.

'އިބްރާހީމުގެފާނުގެ ދަރިކޮޅުގެ އެކުވެނި' ޑިޒައިންކުރީ އިނގިރޭސިވިލާތުގެ މަޝްހޫރު އާކިޓެކްޓް ސަރ ޑޭވިޑް އަޖާޔޭ އެވެ. އޭނާ މިހާތަނަށް ޑިޒައިންކުރި އެންމެ ބޮޑު މަޝްރޫއަކީ ވޮޝިންޓަނުގައި ހުންނަ ނޭޝަނަލް ސްމިތުސޯނިއަން ނޭޝަނަލް މިއުޒިއަމެވެ. އެއީ 540 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

ޔޫއޭއީގައި ދީނީ އަދި ސަގާފީ މިނިވަންކަން ފުޅާ ދާއިރާއެއްގައި ދީފައިވާ އިރު، ސިޔާސީ މިނިވަންކަން ނެތި، ސިޔާސީ ގޮތުން ރައްޔިތުން ފިއްތާފައިވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކު ފާޑުކިއުން އެގައުމު ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.