ސައޫދީ ތެޔޮ ކާރުޚާނާތަކަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް 4 މަސްދުވަހާ 6 މަސްދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވޭ

އަބްޤައިޤް ކާރުޚާނާއަށް ދިން ޑްރޯން ހަމަލާއިން ލިބުނު ގެއްލުން ދައްކައިދޭ ފޮޓޯއެއް

ސައޫދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރާމްކޯއިން އަބްޤައިޤްގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި، ޚުރައިސްގެ ކާރުޚާނާއަށް ހޮނިހިރު ދުވަހު ފަތިހު ދިން ޑްރޯން ހަމަލާތަކުން އެކާރުޚާނާއަށް ލިބުނު ގެއްލުން މަރާމާތުކުރަން މަދުވެގެން 4 މަސްދުވަސް ބޭނުންވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި ބައެއް ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި 6 މަސްދުވަހަށް މަރާމާތުތައް ދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިހަމަލާއާ ގުޅިގެން އަރާމްކޯއިން ބުނެފައި ވަނީ ދެ ކާރުޚާނާއަށް ލިބުނު ގެއްލުމުގެ ސަބަބުން ސައޫދީ އަރަބިއްޔާއިން އުފައްދާ ތެލުން ދުވާލަކަށް 5.7 މިލިއަން ފީފާ ތެޔޮ މަދުވެފައި ވެއެވެ. މިއީ މުޅި ދުނިޔޭގައި އުފައްދާ ތެލުގެ ގާތްގަނޑަކަށް %6 އެވެ.

މިހަމަލާތަކާ ގުޅޭގޮތުން ބްލޫމްބާގް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި އަބްޤައިޤް ތެޔޮ ސާފުކުރާ ކާރުޚާނާ 2.6 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައި ވާއިރު، އެތަނަށް ހަމަލާދީ ތަނުގެ މަސައްކަތްތައް ހުއްޓުވާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ސައޫދީ ތެލާ ބެހޭ ވަޒީރު އަމީރު ޢަބްދްޢަޒީޒު ބިން ސަލްމާން ވިދާޅުވެފައި ވަނީ ސައޫދީ އަރަބިއްޔާއިން އާއްމުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް އެގައުމުގެ ތެލުގެ ރިޒާވު ބޭނުންކޮށްގެން ތެޔޮ ފޯރުކޮށްދެމުން ގެންދާނެ ކަމުގައެވެ. ދުނިޔޭގެ ތެލާ ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ގައުމުގެ އެތެރޭގައްޔާއި، ގައުމުން ބޭރުގައި ސައޫދީ އަރަބިއްޔާއިން ރައްކާކޮށްފައިވާ ތެޔޮ 188 މިލިއަން ފީފާއަށްވުރެ ގިނައެވެ. ހަމަލާގެ ސަބަބުން ދުވާލަށް މަދުވި 5.7 މިލިއަން ފީފާއަށް ބަލާއިރު، ރައްކާކޮށްފައިވާ ތެލުން ފުދޭނީ 33 ދުވަހަށެވެ.

ދުނިޔެއަށް އެންމެ ގިނައިން ތެޔޮ ބޭރުކުރާ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާއާއެކު މިއަދު ދުނިޔޭގެ ބާޒާރުގައި ވިޔަފާރި ފެށުނު އިރު، ތެލުގެ އަގު ވަނީ %10 އުފުލި 71 ޑޮލަރަށް އަރާފައެވެ. އަދި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ލިބުނު ގެއްލުން މަރާމާތުކުރުން ދިގުލައިގެން ދާނަމަ، ތެލުގެ އަގު އިތުރަށް އުފުލިގެން ދިއުމަކީ ގާތް ކަމެކެވެ.

އަނެއްކޮޅުން މިއަދު އެމެރިކާއިން ވަނީ އަބްޤައިޤާއި ޚުރައިޞަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނުކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް ޚަބަރުތަކުގައި ވާގޮތުން ހަމަލާދިން ޑްރޯންތައް އައިސްފައި ވަނީ އިރާއި އިރު އުތުރުންނެވެ. ޔަމަނު އޮންނަނީ ސައޫދީ އަރައްބިއްޔާގެ ހުޅަނގު ދެކުނުގައެވެ. އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

މިހާރު އާއްމުވެފައިވާ ސެޓެލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި އަބްޤައިޤުގެ ތެޔޮ ކާރުޚާނާގެ 17 ތަނަކަށް ހަމަލާ އަރާފައި ވެއެވެ. އަދި ފޮޓޯތައް ތަހުލީލުކުރުމަށް ފަހު، އެމެރިކާއިން ބުނާ ގޮތުގައި ހަމަލާތަކުގައި ޑްރޯންގެ އިތުރަށް ކްރޫޒް މިސައިލްވެސް ބޭނުންކުރެވިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.