އަލްޖީރިޔާގެ ރިޔާސީ އިންތިޚާބު ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު

ވަގުތީ ރައީސު ޢަބްދުލްޤާދިރު ބިންޞާލިޙު

ރައްޔިތުން ނުކުމެ ކުރި ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން ރައީސު ޢަބްދުލް ޢަޒީޒު ބޫތަފްލީޤާ އެޕްރީލްމަހު އިސްތިއުފާދެއްވުމަށް ފަހު އަލްޖީރިޔާ (އަލްޖަޒާއިރު) ގައި ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ޑިސެންބަރު މަހު 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

"އަހަރެންނަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ މައްޗަށް ބިނާކޮށް، ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަހަކީ ޑިސެންބަރު 12 ވާ ބުރާސްފަތި ދުވަސް ކަމުގައި އަހަރެން ނިންމައިފިން." ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަގުތީ ރައީސު ޢަބްދުލްޤާދިރު ބިންޞާލިޙު ވިދާޅުވިއެވެ.

"މި އިންތިޚާބު ވެގެންދާނީ އެފަދަ ދެވަނައެއް ނެތް ފުރުސަތަކަށް. އޭގެ ސަބަބުން ގައުމާމެދު ކުރެވޭ އިތުބާރުގެ ބިންގާ ވަރުގަދަވެގެން ދާނެ. އަދި (މި އިންތިޚާބު) ވާނީ މުޅިން އާ ޖައްވެއްގައި ޑިމޮކްރެސީއަށް އަމަލުކުރުމަށް، ގައުމުގެ ރައްޔިތުން އުއްމީދީ އާ މަރުހަލާއަކަށް ވަންނާނެ ދޮރާށްޓަކަށް." ބިންޞާލިޙު ވިދާޅުވިއެވެ.

ބޫތަފްލީޤާގެ އިސްތިއުފާއަށް ގޮވާލައި މަގުމައްޗަށް ނުކުތް ރައްޔިތުން ވަނީ، އޭނާގެ އިސްތިއުފާއަށްފަހުވެސް އިހުތިޖާޖުތައް ނުހުއްޓައި ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ހުކުރު ދުވަހަކު ނުކުމެ އެމީހުން އިހުތިޖާޖުކުރަމުން ދިޔައީ ރިޔާސީ އިންތިޚާބުގެ ކުރިން މިނިވަން މުއައްސަސާތައް އަލުން އެކުލަވާލައި، ނުފޫޒުން އެއްކިބާވެފައިވާ ހަގީގަތުގައިވެސް މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށެވެ. ގޮވާލަމުންނެވެ.

ޢަބްދުލްޤާދިރު ބިންޞާލިޙު ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވިޔަސް، ބޫތަފްލީޤާގެ އިސްތިއުފާއަށް ފަހު ހަގީގީ ބާރު އޮތީ ދިފާއީ ވަޒީރުގެ ނާއިބު އަދި ސިފައިންގެ އެންމެ އިސްވެރިޔާ ޖެނެރަލް އަޙްމަދު ޤާޔިދު ޞާލިޙުގެ އަތްޕުޅުގައެވެ. އޭނާ ބޭނުންފުޅުވަނީ މިއަހަރު ނިމުމުގެ ކުރިން ރިޔާސީ އިންތިޚާބު ބާއްވައި ވެރިކަން އާ ސަރުކާރަކާ ހަވާލުކުރެއްވުމެވެ. އެހެންކަމުން ވަގުތީ ރައީސު ބިންޞާލިޙުގެ ނިންމެވުމަކީ ޤާޔިދު ޞާލިޙު ބޭނުންފުޅުވާ  ގޮތަށް ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިޚާބު އޮންނާނެ ދުވަސް އިއުލާނު މިކުރެވުނީ ރައީސު ބިންޞާލިޙުގެ ޤަރާރަކުން އިންތިޚާބުތަކާ ބެހޭ މިނިވަން އިދާރާއެއް އުފައްދަވައި އެތަނުގެ ވެރިޔަކަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު ޝަރަފީ ހަމަޖެއްސެވި ފަހުން 24 ގަޑިއުރުވެސް ނުވަނީހެވެ.

އުތުރު އެފްރިކާގައި ލީބިޔާއާއި، ޓީއުނީޝިޔާ އަދި މޮރޯކޯއާއި ސަހަރައްދު ގުޅޭ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަލްޖީރިޔާއަކީ 130 އަށްވުރެ ގިނަ އަހަރު ފަރަންސޭސި އިސްތިއުމާރުގެ ދަށުގައި އޮތުމަށް ފަހު 1962 ވަނަ އަހަރު މިނިވަންވީ އަރަބި ގައުމެކެވެ. 2011 ވަނަ އަހަރު އަވަށްޓެރި ޓިއުނީޝިޔާއިން ފެށުނު 'އަރަބި ރަބީއު' ގެ އަސަރު އަލްޖީރިޔާއަށް ކޮށްފައި ނުވި ނަމަވެސް، މިއަހަރުގެ ކުރީކޮޅުން ފެށިގެން، 42 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަލްޖީރިޔާގެ ރައްޔިތުން ދަނީ މިނިވަން އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އިހުތިޖާޖުކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.