އިންޑިޔާގައި ފަރުތުރުވެރިން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި، 13 މީހުން މަރުވެއްޖެ

ބޯޓު ބަންޑުންޖަހާލި ސަރަހައްދުގައި އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ މީހުން ހަރަކާތްތެރިވަނީ

އިންޑިޔާގެ އަންދްރާޕްރަދޭޝްގެ ކޯރެއްގައި ފަތުރުވެރިން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 13 މީހުން މަރުވެއްޖެއެވެ. ބޯޓުން ދަތުރުކުރި  ގިނަ ބަޔަކު އަދިވެސް ނުފެނެއެވެ.

ދޭވީޕަޓްނަމް ކައިރިން ގޯދާވަރީ ކޯރުގައި ދަތުރުކުރަމުން ދިޔަ ބޯޓުގައި ތިބީ 50 ފަތުރުވެރިންނާއި 11 ފަޅުވެރިންނެވެ. އެ ސަހަރައްދުގެ އާއްމުން ވަނީ ކޯރުގައި ބެހެމުން ދިޔަ ބައެއް ފަތުރުވެރިން ސަލާމަތްކޮށްފައެވެ. ބައެއް މީހުން ވަނީ ފަތައި އެއްގަމަށް އަރާފައެވެ. އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެ ދެ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ގޯދާވަރީ ކޯރު ކައިރީގައި އޮންނަ ޕަޕިކޮންޑަލޫ ފަރުބަދަ ސަރަހައްދު ބަލަން ދިޔަ ފަރުތެރުވެރިންނާއިގެން ދަތުރުކުރި ބޯޓުގައި އެންމެންނަށް ވާވަރަށް ލައިފު ޖެކެޓު ހުރިކަމަށް ވެއެވެ. އެހެންނަމަވެސް، ލައިފު ޖެކެޓު އަޅައިގެން ތިބީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

އާންދްރާ ޕްރަދޭޝްގެ ޓޫރިޒަމް މިނިސްޓަރު މުއްތަމްސެޓީ (އަވަންތީ) ސިރިނިވާސަން ރާއޯ ވިދާޅުވީ ބަންޑުންޖަހާލި 'ރޮޔަލް ވަސިޝްތާ' ބޯޓަކީ ފަތުރުވެރިން އުފުލުމަށް ހުއްދަ ދެވިފައިވާ ބޯޓެއް ނޫންކަމުގައެވެ.

ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާއާ ގުޅިގެން އާންދްރާޕްރަދޭޝްގެ ޗީފް މިނިސްޓަރު ވައިއެސް ޖަގަންމޯހަން ރެޑީ ވަނީ އެ ސްޓޭޓްގެ ކޯރުތަކުގައި ފަތުރުވެރިން އުފުލާ ހުރިހާ އުޅަނދެއްގެ ހުއްދަ ވަގުތުން ބާޠިލުކުރުމަށް އަންގަވާފައެވެ. އަދި އޭނާ ވަނީ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 1 މިލިއަން އިންޑީޔާ ރުޕީ (ގާތްގަނޑަކަށް 14 ހާސް އެމެރިކާ ޑޮލަރު) ދިނުމަށް ނިންމަވާފައެވެ.

ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގޯދާވަރި ކޯރުގައި އާދަޔާއި ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން ބޯޓު ދަތުރުތައް މަނާކޮށްފައި އޮތުމަށް ފަހު، އަލުން ދަތުރުކުރަން ހުއްދި ދީފައި ވަނީ މިއަދު އެވެ.

ސްޓޭޓުގެ އެގްރިކަލްޗާ މިނިސްޓަރު ކޭ ކަންނާ ބާބޫ ވިދާޅުވި ގޮތުގައި ބޯޓު ބަންޑުންޖަހާލީ އެނބުރޭ އެނބުރޭ އޮއިވަރެއްގައި ޖެހިގެންނެވެ.

ބަންޑުންޖަހާލި ބޯޓުގައި ތިބި މީހުންގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އެ ބޯޓުން ދަތުރުކުރި ފަތުރުވެރިންގެ މައުލޫމާތު އެނގޭ ގޮތް އަދި ވަނީ ނުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.