19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހާޒިރީގެ ފުލުގައި ދ. މީދޫ ދާއިރާގެ މެމްބަރ ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގެ ޖަލްސާތަކުގެ ޙާޒިރީ އާއްމުކުރައްވައިފިއެވެ. ހާޒިރީން ދައްކާ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ، ޖަލްސާތަކުގެ ހާޒިރީގެ އެންމެ ފުލުގައި އުޅެނީ ދ. މީދޫ ދާއިރާގެ މެމްބަރ އަޙުމަދު ޝިޔާމެވެ. ނިމިދިޔަ ދައުރުގައި 47 ޖަލްސާ ބާއްވައިފައިވާއިރު ޝިޔާމް ޙާޒިރުވެ ވަޑައިގެންނެވީ އެންމެ 16 ޖަލްސާއަށެވެ. 31 ޖަލްސާއަށް ވަޑައެއް ނުގަނަވައެވެ. ޝިޔާމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޙާޒިރީގެ އެންމެ ފުލުގައި އުޅުއްވި މެމްބަރެވެ.

ހާޒިރީ ރިޕޯޓު މި ލިންކުން ފެނިލައްވާނެއެވެ. 

ހާޒިރީން ދައްކާ ގޮތުން ދެވަނައަށް އެންމެ ފުލުގައި އުޅެނީ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ޞައުދު ޙުޞައިންނެވެ. އޭނާ ވަޑައިގެންނެވީ 35 ޖަލްސާއަށެވެ. ވަޑައި ނުގަނަވަނީ 12 ޖަލްސާއަށެވެ. ނަމަވެސް އޭނާ ޖަލްސާއަށް ވަޑައިނުގެން ވަނީ ސަލާމްގައި ހުންނެވުމުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޙާޒިރީގެ ފުލުން ތިންވަނަގައި ދެމެމްބަރުން ހިމެނެއެވެ. އެއީ އޭދަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމާ މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބަރާހީމެވެ. މި ދެމެމްބަރުން ވަޑައިގެންނެވީ 38 ޖަލްސާއަށެވެ. 9 ޖަލްސާއަށް ވަޑައިނުގަންނަވައެވެ. މާމިގިލީދާއިރާގެ މެމްބަރ ވަޑައި ނުގަނަވާ 9 ޖަލްސާގެ ތެރެއިން ހަތަރު ޖަލްސާއަށް ވަޑައި ނުގެން ވަނީ ސަލާމްގައި ހުންނަވައިގެންނެވެ.

ނިމިދިޔަ ދައުރުގެ ޙާޒިރީގެ ތަފާސް ހިސާބަށް ބަލާއިރު ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވަނީ 36 އިންސައްތަ މެމްބަރުންނެވެ. އެއީ 31 މެމްބަރުންނެވެ. ޕިޖީ ލީޑަރުންގެ ތެރެއިން ޤާސިމާއި ޝިޔާމް ފިޔަވައި ހުރިހާ ލީޑަރުން ހުރިހާ ޖަލްސާއަކަށް ވަނީ ވަޑައިގެންފައެވެ.

މާލޭގެ އެކި ދާއިރާތަކަށް ބަލާއިރު ހެންވޭރުގެ ހުރިހާ ދާއިރާގެ މެމްބަރުންވެސް މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވިއެވެ. ހުޅުމާލޭ ދާއިރާގެ މެމްބަރުވެސް ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވިއެވެ. ގަލޮޅުގެ ދެދާއިރާގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ނާއިބްރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ރަސްމީ ދަތުރުފުޅެއްގެ ސަބަބުން އެއްޖަލްސާއަށް ވަނީ ވަޑައިނުގެންނެވިއެވެ. މައްޗަންގޮޅީ ތިން ދާއިރާގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު ހައިތަމްއެވެ. މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރަސްމީ ދަތުރުފުޅެއްގެ ސަބަބުން ހަތަރު ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ. މައްޗަންގޮޅީއުތުރު ދާއުރާގެ މެމްބަރ މުޙައްމަދު ރަޝީދު އެއްޖަލްސާ ފިޔަވައި ހުރިހާ ޖަލްސާއަށް ވަޑައިގެންނެވިއެވެ. މާފަންނުގެ ހަތަރު ދާއިރާގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާޙިމް ރަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީއެވެ.

ކުރީގެ މަޖިލީސްތަކަށް ބަލާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްމެމްބަރެއް ފިޔަވައި ގިނަ މެމްބަރުންގެ ޙާޒިރީ ރަނގަޅުކަން ފާހަގަ ކުރެވެއެވެ. ސަލާމްގައި ހުންނަވައިގެން ވެސް އެންމެ ގިނަ ޢަދަދަކަށް މެމްބަރުން ދޫކޮށްލައްވައިފައިވަނީ 7 ޖަލްސާއެވެ. އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބްރުން ހާޒިރީ ރަނގަޅުކަން ފާހަގަ ކޮށްލެވެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަ ދައުރުގައި ވަނީ 47 ޖަލްސާބާއްވައި ރެކޯރޑް ޢަދަދަކަށް މަސައްކަތް ކުރައްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.