މަހާތީރު އުމުރުފުޅުން 94 އަހަރުގައި، 11 ކިލޯމީޓަށް ބައިސިކަލު ދުއްވަވައިފި

މަހާތީރު ހޮނިހިރު ދުވަހު ަބައިސިކަލުގައި ވަޑައިގަންނަވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު ބިން މުޙައްމަދު ވަނީ އުމުރުފުޅުން ދުވަސް ވިޔަސް އޭނާ ހުންނެވީ ދުޅަހެޔޮ ސިއްހަތެއްގައި ކަން އިހަށްދުވަހު (ހޮނިހިރު ދުވަހު) ދައްކަވާފައެވެ.

"މިއަދު ހެނދުނު ގާތްގަނޑަކަށް 11 ކިލޯމީޓަރަށް ބައިސިކަލު ދުއްވުމުގެ ފުރުސަތު އަހަރުމެންނަށް ލިބުނު. ﷲއަށް ހަމްދުކުރަން. ތާޒާކަމާއި، ހީވާގިކަން އިހުސާސުކުރެވިއްޖެ." މަހާތީރު އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި ލިއުއްވާފައި ވެއެވެ.

މެލޭޝިޔާގެ އިދާރީ ވެރިރަށް ފުޓްރަޖާޔާ އާއި، ސައިންސް ޕާކުތަކަށް ޚާއްޞަ ރަށް ސައިބަޖާޔާގައި އޭނާ ބައިސިކަލު ދުއްވާތަން ދައްކައިދޭ 23 ސިކުންތުގެ ވީޑިއޯއެއްވެސް މަހާތީރު ހިއްސާކުރައްވާފައި ވެއެވެ.

ފާއިތުވި ޖުލައި މަހުގެ 10 ވަނަ ދުވަހު އުމުރުފުޅުން 94 އަހަރު ފުރުނު މަހާތީރު ރަތާއި ހުދުގެ ހެލްމެޓެއް އަޅުއްވައިގެން ރަތްކުލައިގެ ބައިސިކަލެއް ދުއްވަވަމުން ގެންދެވިއިރު 10 ވަރަކަށް މީހުން އޭނާއާއެކު ދަތުރުކުރާތަން ފެނެއެވެ.

"އަހަރެންގެ އުފަންދުވަހު އެދެނީ ވަރަށް އާދައިގެ ކަމެއް. އެއީ އަހަރެންގެ މަސައްކަތް ނިންމާލުމުގެ ކުރިން މެލޭޝިޔާ އަލުން ހަމަމަގަށް އެޅުވުން." ބޮޑުވަޒީރު މަހާތީރު ލިއުއްވާފައި ވެއެވެ.

"މިގައުމަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއް." އޭނާ ވިދާޅުވިއެވެ.

ޑރ. މަހާތީރު ބައިސިކަލު ދުެއްވަވަނީ

އެހެންމީހުން އަރާމުގައި ކާރުގެ ފަހަތު ގޮނޑީގައި އިނުމަށް އިސްކަންދޭ އުމުރުގައި، އަމިއްލަފުޅަށް ކާރުކޮޅު ދުއްވެވުމަކީ ވެސް ޑރ. މަހާތީރު ކުރައްވާ ކަމެކެވެ.

މަހާތީރު ވަނީ މި މަހުގެ ކުރީކޮޅު ބޮޑުވަޒީރުގެ ރަސްމީ އޮފީސްކޮޅުގައި އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯއާއި ބައްދަލުކުރެއްވުމަށް ފަހު މެންދުރުގެ ފަރިއްކޮޅަށް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީސު ވިދޯދޯއާއެކު އަމިއްލަފުޅަށް ކާރުކޮޅު ދުއްވަވާފައި ވަޑައިގެންފައެވެ. ގާތްގަނޑަކަށް 4 ކިލޯމީޓަރުގެ ރާސްތާ މަހާތީރު ކަޑައްތު ކުރެއްވީ މެލޭޝިޔާގައި އުފައްދާފައިވާ ޕްރޮޓޯން ޕާސޮނާ މަރުކާގެ ރަތްކުލައިގެ ކާރުކޮޅެއްގައެވެ.  

"މިއީ ޑރ. އެމް (ޑރ. މަހާތީރު މުހައްމަދު) ދުއްވެވި ކާރެއްގައި އިނުމުގެ ޝަރަފު ލިބުނު ދެވަނަ ފަހަރު." އެ ދަތުރުފުޅަށް ފަހު ރައީސު ވިދޯދޯ އޭނާގެ ފޭސްބުކް ސަފުހާގައި ލިއުއްވާފައި ވެއެވެ.

މީގެ ހަތަރު އަހަރުކުރިން ޕްރޮޓޯން ކާރު ޓެސްޓަށް ދުއްވާލެއްވުމަށް މަހާތީރު ވަނީ ރައީސު ވިދޯދޯއާއެކު ވަޑައިގެންފައެވެ.

"ސްޕީޑް (އޭރު) ގަޑިއަކު 180 ކިލޯމީޓަރަށް އެރި. އެކަމަކު މިއަދު ދުއްވީ ތަންކޮޅެއް މަޑުން." ރައީސު ވިދޯދޯ ލިއުއްވާފައި ވެއެވެ.

ޑރ. މަހާތީރު ބިން މުޙައްމަދު އުފަންވެވަޑައިގަތީ 10 ޖުލައި 1925 ގައި ކެޑާ ސްޓޭޓުގެ އަލޯރް ސެތާރްގައެވެ. އޭނާއަކީ 9 ބެއިންގެ ތެރެއިން އެންމެ ހަނގު ބޭފުޅާއެވެ. އުމުރުފުޅުން 56 އަހަރުގައި މެލޭޝިޔާގެ 4 ވަނަ ބޮޑުވަޒީރުގެ ގޮތުގައި 1981 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެން މެދު ނުކެނޑި 22 އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު 2003 ވަނަ އަހަރު އިސްތިއުފާ ދެއްވީއެވެ.

ދެވަނަ ފަހަރަށް އޭނާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 10 މޭ 2018 ގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.