ޖިބްރޯލްޓާ ސުޕްރީމް ކޯޓުން މިހާރު ދޫކޮށްލާފައިވާ ސުޕަ ޓޭންކަރު އާދްރިޔާން ދަރްޔާ-1 (ކުރީގެ ގްރޭސް-1. މިހާރު ނަން ބަދަލުކުރެވިފައި) ދަތުރުކުރާއިރު، އެ ޓޭންކަރަށް ހިމާޔަތްދޭން ތައްޔާރަށް ތިބި ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ބުނެފިއެވެ.
އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިޔާއަށް ތެޔޮ އުފުލުމުގެ ތުހުމަތުގައި ޖުލައި މަހުގެ 4 ވަނަ ދުވަހު ޖިބްރޯލްޓާއިން ހިފެހެއްޓި ތެޔޮ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން އަމުރުކުރީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ.
އެހެންނަމަވެސް، ހޮނިހިރު ދުވަހު ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓަކުން ވަނީ އީރާނުގެ ޓޭންކަރު ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ. އަދި އެމެރިކާއިން ޓެރަރިސްޓު ޖަމާއަތެއް ކަމުގައި ދެކޭ އީރާން ރިވޮލިއުޝަނަރީ ގާޑްސްއާ އެ ޓޭންކަރާ ގުޅުން އޮތް ކަމަށް ބުނެ އެ ބޯޓު ހިފެހެއްޓުގެ އަމުރަކަށް އެމެރިކާއިން ޖިބްރޯލްޓާ ސުޕްރީމް ކޯޓުގައި އެދުނެވެ.
ޖިބްރޯލްޓާގެ ސުޕްރީޓް ކޯޓުން ވަނީ އެމެރިކާއިން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް މިއަދު ބުނެފައެވެ. އަދި މިރޭގެ ވަގުތެއްގައި އާދްރިޔާން ދަރްޔާ-1 ޖިބްރޯލްޓާގެ ބަނދަރުން ފުރާނެ ކަމަށް ބެލެވެއެވެ.
ޓޭންކަރު ވަނީ ރޭ ދަންވަރު 1 ޖެހިއިރު (ރާއްޖޭ ގަޑިން ފަތިހު 4 ޖެހިއިރު) ޖިބްރޯލްޓާއިން ފުރާފައެވެ. ޓޭންކަރު ފުރުމުގެ ކުރިން އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އެޑްމިރަލް ޚާންޒާދީ ވަނީ އެ ޓޭންކަރުގެ ހިމާޔަތަށް އީރާނު ކަނޑުގެ ސިފައިންގެ މަނަވަރުތައް ފޮނުވުމަށް ތައްޔާރުކަމަށް ވިދާޅުވެފައެވެ.
"އެތިފަހަރެއް ޖަހާފައި ފިލައިގެން ދެވުނު ދުވަސްވަރު ވަނީ މާޒީވެފައި. އިސްވެރިން ކަނޑުގެ ސިފައިންގެ ކިބައިން އެދިވަޑައިގެންފިއްޔާ، އަހަރުމެން މިތިބީ އަހަރުމެންގެ ޓޭންކަރު އާދްރިޔާންއަށް ހިމާޔަތް ދޭން ތައްޔާރަށް. ޚާންޒާދީ ވިދާޅުވިއެވެ.
އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމާ ގުޅިގެން އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕޭރޫ އަދިވެސް އީރާނުން ދޫނުކުރެއެވެ.