އަފްޣާނިސްތާނުގައި ކައިވެނި ހަފްލާއަކަށް ދިން ހަމަލާއެއްގައި 63 މީހުން މަރުވެ 182 މީހުން ޒަޚަމްވެއްޖެ

ކާ ބުލްގައި ރޭ ބޮމުގެ ހަމަލާ ދިން ތަން

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ކައިވެނީ ހަފްލާއެއް ކުރިއަށް ދިޔަ ހޯލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބުބުން 63 މީހުން މަރުވެ 182 މީހުން ޒަޚަމްވެއްޖެއެވެ.

މަންޒަރުދުށް މީހަކު ބޭރުގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތުދިން ގޮތުގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި އޭނާގެ ގައިގާ ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލީއެވެ.

ރޭ 10:40 (ރާއްޖޭ ގަޑިން ރޭގަނޑު 11:10) ގައި މި ބޮން ގޮއްވާލާފައި ވަނީ ކާބުލްގެ ހުޅަނގުގައި ހަޒާރާ ޝީޢާ މީހުންގެ ގިނަ ބަޔަކު ދިރިއުޅޭ 'ދުބައި ސިޓީ' ކިޔާ ސަރަހަދެއްގައެވެ. އެހެންކަމުން ލަފާކުރެވޭ ގޮތުގައި މިއީ އަފްޣާނިސްތާނުގައި ބައިމަދު ޝީޢާއިންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

އެއްހާހަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދީގެން ބެއްވުނު ހަފްލާގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނުސްރަތު ރަހީމީ މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދީފައި ވާއިރު، ރިޔާސީ ތަރުޖަމާނު ބުނީ އެ ހަމަލާއަކީ 'ވަހުޝީ ޖަރީމާ' އެއް ކަމުގައެވެ.

"ކަބާލުގެ ކައިވެނި ހޯލެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާގެ ޚަބަރުން ފުން ހިތާމައެއް މިވަނީ ލިބިފައި. އަހަރުމެންގެ ރައްޔިތުންނާ ދެކޮޅަށް ދިން ވަހުޝީ ހަމަލާއެއް. އިންސާނަކަށް ތަމްރީނުދީ، އޭނާ ގޮސް ކައިވެނި ހަފުލާއެއްގެ ތެރޭގައި އަމިއްލަ ނަފުސު ގޮއްވާލަން ބުނުމަކީ ކިހެނެއް ވާނެ ކަމެއް؟" ރައީސު އަޝްރަފު ޣަނީގެ ތަރުޖަމާނު ޞާދިޤު ޞިއްދީގު ބުނެފައި ވެއެވެ.

"ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން އެބަތިބި." ރަހީމީ ބުންޏެވެ.

"ބޮން ގޮވާފައި ވަނީ ސްޓޭޖް ކައިރީގައި މިއުޒިކުކުޅޭ މީހުން ތިބި ތަނުގައި. އެތާނގައި ތިބި ހުރިހާ ޒުވާނުންނާއި، ކުޑަކުދިން ވަނީ މަރުވެފައި.' މަންޒަރު ދުށް ގުލް މުޙައްމަދު ކިޔާ މީހަކު ބުންޏެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި ޠާލިބާން ޖަމާއަތުން ވަނީ މި ހަމަލާގައި އެޖަމާއަތުގެ އަތެއް ނުވާކަމަށް ބުނެފައެވެ. މިހާތަނަށް އެއްވެސް ޖަމާއަތަކުން މިހަމަލާގެ ޒިންމާ އުފުލާފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.