"ﷲ ޓްރަމްޕް ހަލާކުކުރައްވާށި!": ރަޝީދާ ޠުލައިބުގެ މާމަގެ ދުޢާ

ރަޝީދާ ޠުލައިބުގެ މާމަ މުފްތިޔާ ޠުލައިބު

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ހަލާކުކުރެއްވުން އެދި އެމެރިކާގެ ކޮންގްރެސްގެ މުސްލިމް އަންހެން މެންބަރު ރަޝީދާ ޠުލައިބުގެ މާމަ ދުޢާކޮށްފިއެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް، ގައި މިޝިގަންގެ 13 ވަނަ ދާއިރާ ތަމްސީލުކުރައްވާ ރަޝީދާ ޠުލައިބަކީ ފަލަސްޠީން އެމެރިކާއަށް ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޠުލައިބާއި، ކޮންގްރެސްގެ މުސްލިމް އަންހެން އެހެން މެންބަރަކުގެ ކަމުގައިވާ އިލްހާން އުމަރު ފަލަސްޠީނަށް ޒިޔާރަތްކުރައްވަން އުޅުއްވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެކަމަށް ހުރަސްއަޅައި އެކަން މަނާކުރިއެވެ. އެހެންނަމަވެސް، ޠުލައިބުގެ އުމުރުން ދުވަސްވެފައިވާ މާމައަށް ޒިޔާރަތްކުރުމަށް، 'އިންސާނީ ސަބަބުތަކަށްޓަކައި' ކަމަށް ބުނެ އިސްރާއީލުން ފަހުން ވަނީ ޠުލައިބަށް ހުއްދަ ދީފައެވެ.

ރަޝީދާ ޠުލައިބު ކޮންގްރެސްއަށް ހޮވިވަޑައިގަތީއްސުރެ ރައީސު ޓްރަމްޕް ގެންދަވަނީ އޭނާއާއި ދިމާކުރައްވައި، ޖެއްސުން ކުރައްވަމުންނެވެ. އިސްރާއީލުން ޠުލައިބަށް ފުރަތަމަ ހުއްދަނުދިނީ ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ކަމަށް ޚަބަރު ފެތުރިފައި ވެއެވެ.

"މެންބަރު ރަޝީދާ އޭނާގެ މާމައަށް ޒިޔާރަތްކުރައްވަން، އިސްރާއީލަށް އާދޭސްކުރައްވައި ރަސްމީ ސިޓީއެއް ލިއުއްވި. ވަރަށް އަވަހަށް ހުއްދަ ދެވުނު. ޠުލައިބު ހުތުރުގޮތަކަށް އެކަން ގަބޫލުނުކޮށް ރައްދުކުރި. ހަމަ ފުރިހަމަ ރޭވުމެއް. މިތަނގައި ކާމިޔާބު ލިބުނު ހަމައެކަނި މީހަކީ ޠުލައިބު މާމަ. އޭނާއަށް ދެން މިހާރު ޠުލައިބު ނުފެންނާނެ." ޖެއްސުންކުރައްވާ އިބާރާތަކުން އިއްޔެ ރައީސު ޓްރަމްޕް  ޓުވީޓުކުރެއްވިއެވެ.

"ޓްރަމްޕް އަހަރެން ކައިރީ މި ބުނަނީ ރަޝިދާ ނާންނާތީ އަހަރެން އުފާކުރަންވީޔޭ! ﷲ އޭނާ ހަލާކުކުރައްވާށި!" ޠުލައިބު އާއިލާ ދިރިއުޅޭ އަވަށް ބައިތު އޫރް އަލްފޫޤާ ގައި ހުންނަ އާއިލާގެ ގޭގެ ބަގީޗާގައި ހުރި ހިޔާދޭ ޒައިތޫނި ގަހެއްގެ ދަށުގައި އިށީނދެލައިގެން އިނދެ، ރަޝީދާގެ މާމަ މުފްތިޔާ ޠުލައިބު ޓްރަމްޕުގެ މައްޗަށް ދުޢާކުރިއެވެ.

މުފްތިޔާގެ ދަރިފުޅު އަދި ރަޝީދާގެ ބޮޑު ބޭބެ ބައްސާމު ޠުލައިބި ބުނީ ރަޝީދާއާ އޭނާގެ ނުވަދިހަ އަހަރުވެފައިވާ މާމައާ 2006 ވަނަ އަހަރުއްސުރެ ބައްދަލުވެފައި ނުވާ ކަމުގައެވެ.

"މަންމަ ރާވައިގެން ހުރީ ރަޝީދާ އައުމުން ކަންބަޅި ބަކަރިއެއް ކަތިލާފައި، ރަޝީދާއަށް އެންމެ މީރު ކެއުން ތައްޔާރުކުރަން.:" ބައްސާމު ބުންޏެވެ.

އިސްރާއީލުން ރަޝީދާ ޠުލައިބަށް ފަލަސްޠީނަށް ވަޑައިގަތުމުގެ ހުއްދަ ފަހުން ދިން ނަމަވެސް، ގަބޭލުނުކުރެވޭ ޝަރުޠުތަކެއް އިސްރާއީލުން ކުރިމަތިކޮށްފަވާ ކަމަށް ބުނެ ރަޝީދާ ވަނީ ފަލަސްޠީނަށް ވަޑައިނުގަންނަވަން ނިންމަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.