އިންޑޮނޭޝިޔާގެ ވެރިރަށް ކަލިމަންޓާން އަށް ބަދަރުކުރަން ނިންމައިފި

އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯ ގާނޫނުހަދާ މަޖިލީހުގައި ތަގުރީރުކުރައްވަނީ

ޖަކާޓާގެ ބަދަލުގައި އިންޑޮނޭޝިޔާގެ ވެރިކަންކުރާ އައު ރަށެއް ކަލިމަންޓާންގައި ހެދުމުގެ މައްސަލަ ރައީސު ޖޯކޯ ވިދޯދޯ މިއަދު އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.

"ގާނޫނުހަދާ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން! ގައުމީވެރިރަށް ޖަކާޓާއިން ކަލިމަންޓާން ޖަޒީރާއަށް ބަދަލުކުރުމަށް ތިޔަ އިއްޒަތްތެރި މެންބަރުންގެ ހުއްދައާއި ތާއީދަށް، އަދި އިންޑޮނޭޝިޔާގެ އެންމެހާ ރައްޔިތުންގެ ތާއީދަށް އަހަރެން އެދެން." އިންޑޮނޭޝިޔާގެ 74 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ އެއް ދުވަސް ކުރިން، މިއަދު ގާނޫނުހަދާ މަޖިލީހުގައި ދެއްވި ސްޓޭޓް އޮފް ދަ ޔުނިއަން ޚިޠާބުގައި ރައީސު ވިދޯދޯ ވިދާޅުވިއެވެ.

ކަލިމަންޓާއަކީ ބޯނެއޯ ޖަޒީރާގައި އޮންނަ އިންޑޮނޭޝިޔާގެ ބަޔަށް ކިޔާ ނަމެވެ. 7 ލައްކަ 43 ހާސް އަކަ ކިލޯމީޓަރު ބޮޑު ބޯނެއޯ ޖަޒީރާ ތިން ގައުމަކުން ހިއްސާކުރެއެވެ. ރަށުގެ %73 އަކީ އިންޑޮނޭޝިޔާގެ ބައެކެވެ. އަނެއް ބައިގައި އޮންނަނީ ބުރުނާއީ ދާރުއްސަލާމުގެ އިތުރަށް މެލޭޝިޔާގެ ސަބާހް ސްޓޭޓް އަދި ސަރަވަކް ސްޓޭޓެވެ.  

"އެ ވެރިރަށް ވެގެން ދާނީ ހަމަ އެކަނި ގައުމީ ޝަޚުސިއްޔަތުގެ ރަމްޒަކަށް ނޫން. ގައުމު ކުރިއެރުން ތަމްސީލުކޮށްދޭ ތަނަކަށްވެސްމެ. މިއީ ހަމަހަމަ ތަރައްގީއާއި، އިޖްތިމާއީ އަދާލަތަށްޓަކައި ކުރެވޭ ކަމެއް." ވިދޯދޯ ވިދާޅުވިއެވެ.

ފެންބޮޑުވުގެ މައްސަލައާއި، ކޮންޓުރޯލެއްނެތި ބިމުގެ އަޑީގައި ހުރި ފެން ނެގުމުގެ ސަބަބުން އަޑިއަށް ދިއުމުގެ މައްސަލައިގެ އިތުރަށް، ދުއްވާތަކެތި ތޮއްޖެހުމައި، އިންތިހާއަށް ބައިބޯވުމުގެ ސަބަބުން އިންޑޮނޭޝިޔާގެ މިހާރުގެ ވެރިރަށް ޖަކާޓާ ވަނީ ދިރިއުޅެން ނުރައްކާތެރި ރަށަކަށް ވެފައެވެ.

އޭޝިޔާގެ އެންމެ ބިޔަ އެއްރަށް ޖަކާޓާ ދަނީ ހަލުވިކަމާއެކު 'ފެތެމުން'ނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޖަކާޓާގެ ބައެއް ސަރަހައްދުތައް ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި 25 ސެންޓިމީޓަރު އަޑިއަށް ގޮސްފައެވެ. އެރަށުގެ ބެއެއް ހިސާބުތައް މިހާރު އޮތީ ކަނޑުގެ ސަޠަހައާއި އެއް ހަމައެއްގައެވެ. އެހެންކަމުން، މި ނިސްބަތުން އަޑިއަށް ދާނަމަ 2050 އަންނަންވާއިރަށް އެރަށުގެ 95% އޮންނާނީ ފެނުއަޑީގައި ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ޖަކާޓާގެ އިމާރާތެއް: މިހާރު މީހުން ދިރިނުއުޅޭ މި އިމާރާތުގެ ފުރަތަމަ ބައި އެވަނީ ބިމަށް ވުރެ އަޑިއަށް ގޮސްފައި

ޖަކާޓާގެ ނަރުދަމާއަށް ދޫކޮށްލެވޭ ފެނުގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ %4 އެވެ. ބާކީ ގޮސް އެޅެނީ ކޯރުތަކަށެވެ. އަދި ބޭނުން ކުރަން ހުރި ބިމު އަޑީގެ ފެނުގެ ތެރެއަށެވެ. އެހެންކަމުން ޖަކާޓާ ވަނީ ސިއްހީ ގޮތުންވެސް އުޅެން ކަމުނުދާ ރަށަކަށްވެފައެވެ.

ޖަކާޓާއާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި 30 މިލިއަން މީހުން ދިރިއުޅެއެވެ.

އިންޑޮނޭޝިޔާގެ 260 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ވަގުއޮނިގަނޑު ގާއިމުކޯށްދިނުމަކީ ރައީސު ވިދޯދޯގެ ރިޔާސީ ކެމްޕޭނުގެ ވައުދެކެވެ. ރައްޔިތުން އޭނާ ދެވަނަ ދައުރަކަށް އިންތިޚާބުކުރީ އެ އުއްމީދުގައެވެ.

އިންޑޮނޭޝިޔާގެ ޕްލޭނިންގ މިނިސްޓަރު ބަންބަންގް ބްރޮޖޮނެގޯރޯ ވިދާޅުވި ގޮތުގައި އައު ވެރިރަށް ގާއިމުކުރެވޭނީ 30 ހާސް ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައެވެ. އަދި އެރަށުގެ އަބާދީ ވާނީ 9 ލައްކައާއި 1.5 މިލިއަނާއި ދެމެދުގެ އާބާދީއަކަށެވެ.

"މިއީ ބޮޑު މަސައްކަތެއް. އެކަމަށް 10 ވަރަކަށް އަހަރު ނެގުން އެކަށީގެންވޭ." އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.