ޖިބްރޯލްޓާއިން އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފި

އީރާނުގެ ސުޕަޓޭންކަރު ގްރޭސް-1 ޖިބްރޯލްޓާގެ ބޭރުގައި

ސްޕޭންގެ ދެކުނުގައި އޮންނަ އިނގިރޭސި ސަރަހައްދެއްކަމުގައިވާ ޖިބްރޯލްޓާއިން ހިފަހައްޓާފައި އޮތް އީރާނު ތެޔޮ ޓޭންކަރު ގްރޭސް-1 މިއަދު ދޫކޮށްލައިފިއެވެ.

ތެޔޮ ޓޭންކަރަށް ދަތުރުކުރުމުގެ މިނިވަންކަން އޮތްކަމަށް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން މިއަދު ނިންމީ އެބޯޓު ހިފެހެއްޓުމަށް އެމެރިކާއިން އެދިފައި ވަނިކޮށެވެ.

"އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް 2.1 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ސީރިޔާ ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ޖުލައި މަހު ހިފެހެއްޓި އީރާނުގެ ސުޕަޓޭންކަރު ދޫކޮށްލުމަށް ޖިބްރޯލްޓާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައި." ޖިބްރޯލްޓާ ކްރޮނިކަލް ނޫހުން ބުނެފައި ވެއެވެ.

40 ދުވަހު ހިފެހެއްޓުމަށް ފަހު ގްރޭސް-1 ޓޭންކަރު ދޫކޮށްލުމުގެ މާނައަކީ އެ ޓޭންކަރާ މެދު ކުރަމުން ދިޔަ ތުހުމަތުތަކުގައި ހަގީގަތާ ޚިލާފުކަމަށް ގަބޫލުކުރުން ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އަދި ޓޭންކަރު ދޫނުކުރުމަށް އެމެރިކާއިން ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާ އެކުވެސް ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމީ ޓޭންކަރު ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތިގެންނެވެ.

އީރާނުން އަބަދުވެސް ދިޔައީ އެމެރިކާއާއި އިނގިރޭސިވިލާތުން ކުރަމުން ދިޔަ ތުހުމަތުތަކަށް އިންކާރުކުރަމުންނެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވި ގޮތުގައި ކޯޓުގެ ނިންމުން ދޭހަވަނީ 'އެމެރިކާގެ ކަނޑުފޭރުން' ނިމުމަކަށް އައީ ކަމުގައެވެ.

"އިގްތިސާދީ ޓެރަރިޒަމްގެ ޒަރީއާއިން -އޭގެ ތެރޭގައި ކެންސަރުގެ ބަލި މީހުންނަށް ބޭސް ފޯރުކޮށްދިނުމަށް ހުރަސްއެޅުންވެސް ހިމެނޭހެން- އެމެރިކާގެ މަގުސަދުތައް ހާސިލުކުރުމުގައި ނާކާމިޔާބުވުމުން، އެމެރިކާއިން މަސައްކަތް ކުރީ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މާކަނޑުގެ މެދުގައި އަހަރުމެންގެ މުދާ ފޭރިގަންނާށެވެ. އެމެރިކާއިން ކަނޑުފޭރުމަށް ކުރި މިމަސައްކަތުން ދޭހަވަނީ ޓްރަމްޕުގެ ސަރުކާރުން ގާނޫނަށް އިހާނެތިކޮށް ހިތާ ވަރެވެ." ޒަރީފު ވިދާޅުވިއެވެ.

މިއަދުގެ ހުކުމް އިއްވަވަމުން ޗީފް ޖަސްޓިސް އެންތަނީ ޑަޑްލީ ވިދާޅުވީ، ޓޭންކަރުގައި ހުރި ތެލަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެއްވެސް ސަރަހައްދަކަށް ގެންދާ އެއްޗެއް ނޫންކަމުގެ ޔަގީންކަން އީރާނުން ލިއުމުން އެކޯޓަށް ދީފައިވާ ކަމުގައެވެ. އެހެންކަމުން ޓޭންކަރު އިތުރަށް ހިފަހައްޓާނެ ސައްހަ ސަބަބެއް ނެތް ކަމުގައެވެ.

ޗީފް ޖަސްޓިސް ވިދާޅުވީ އެމެރިކާއިން ޓޭންކަރު ހިފެހެއްޓުމަށް ލިއުމުން އެދިފައި ނުވާ ކަމުގައެވެ.

ޖިބްރޯލްޓާ (ޖަބަލުޠާރިޤު) އަކީ އެޓްލާންޓިކް ކަނޑުން މެޑިޓަރޭނިއަން ކަނޑަށް ވަންނަ ޖިބްރޯލްޓާ ކަނޑުއޮޅީގެ އުތުރު އައްސޭރީގައި ސްޕޭނާ އިންވެގެން އޮންނަ ދާޚިލީ މިނިވަންކަން ލިބިގެންވާ ސަރަހައްދެކެވެ. މީލާދީން 1704 ވަނަ އަހަރު ސްޕޭން އަތުން އިނގިރޭސިން އަތުލި މި ރަށަކީ އެންމެ 6.7 އަކަ ކިލޯމީޓަރު ހުންނަ ރަށެކެވެ. 32 ހާސް މީހުންގެ އާބާދީއެއް އޮންނަ މި ރަށަކި އިސްތިރާތީޖީ (ސްޓްރެޓީޖިކް) ގޮތުން މުހިއްމު ސަރަހެއްދައި އޮތް ރަށަކަށް ވާތީ އިނގިރޭސިވިލާތުން އަދިވެސް އެތަން ދޫކޮށްލަން ބޭނުން ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.