ދިވެހިރާއްޖޭގެ އެންމެ ފަހުން ރަސްކަންކުރެއްވި ރަސްގެފާނު ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަސްރަސްކަލުންގެ ލަޤަބެއްގެ ގޮތުން ބޭނުންކުރައްވައިފައި ހުއްޓަތީ ފެންނަނީ "އައްސުލްޠާން" މި ލަޤަބެވެ. ރަނިކަނބަލެއް ކަމަށްވާ ނަމަ އައްސުލްޠާނާއެވެ. މުސްލިމް އެހެން ބައެއް ޤައުމުތަކުގައި ވެސް ރަސްރަސްކަލުންނަށް މި ލަޤަބު މިއަދު ވެސް ބޭނުންކުރެއެވެ. އަދި އެއީ ރަސްގެފާނުގެ މަޤާމުގެ ގޮތުގައި ވެސް ބޭނުންކުރެއެވެ. މިސާލަކަށް "ބުރޫނާއީ ދާރުއްސަލާމް"ގައި ދައުލަތުގެ އެންމެ އިސްވެރިޔަކީ "ސުލްޠާން" އެވެ. މެލޭޝިއާގައި ވެސް އެތައްބައިވަރު ސުލްޠާނުން މިއަދު ވެސް ތިއްބަވައެވެ.
ސުލްޠާން އަކީ އެންމެ މަތީ ބާރެވެ. އެންމެ މަތީ ވެރިޔާއެވެ. މި ލަފުޒު ލެޓިން އަކުރުން ލިޔެ އުޅެނީ Sultan މިހެންނެވެ. މި ގޮތަށް ލިޔުމުން އިނގިރޭސި ބަހުން މި ލަފުޒު، އެ ބަހުގެ ބަސްކޮށާރުގެ ތެރެއަށް ވެއްދިއިރު އެ ލަފުޒު ކިޔަނީ "ސަލްޓަން" މިހެންނެވެ. ޔޫ އަކުރަނީ އެކި ގޮތްގޮތަށް ކިޔޭ އަކުރަކަށްވާތީ މުސްލިމުން ސުލްޠާން ކިޔަސް އިނގިރޭސިން ކިޔަނީ ސަލްޓަން އެވެ. ސަމްސޮންގ ފޯނަށް "ސެމްސަންގ" ކިޔާހެން، ކުއަލާ ލުމްޕޯރ އަށް ކުއަލަ ލަމްޕޫރ ކިޔާ ގޮތަށެވެ. ޤައްޒާފީއަށް ގަޑާފީ ކިޔާހެން ނުވަތަ "ރިޔާޟް" އަށް ރިޔާދު ކިޔާ ގޮތަށެވެ. ނަމަވެސް ލަފުޒުގެ އަޞްލަށް ބެލުމެއް ނެތި ދިވެހީންގެ ގިނަ މީހުންނަށް ވެސް ބުރަވެވެނީ "އިނގިރޭސީން" އެ ލަފުޒެއް ކިޔައި އުޅޭ ގޮތަށް ކިޔާށެވެ. ލަފުޒުގެ އަޞްލަށް ބެލުމެއް ނެތިއެވެ.
ދިވެހިރާއްޖޭގައި ރަސްކަންކުރަމުން އައި ކޮއިލު ނައްތައިލައި އެތާނގައި ހުރި އެތައް ބައިވަރު ޢިމާރާތެއްގެ ތެރެއިން އެންމެ ޢިމާރާތެއް ފިޔަވައި އެހެން ހުރިހައި ބިނާއެއް ތަޅައި ސުންނާފަތިކޮށްލުމަށްފަހު، އެތާނގައި ޕާކެއް ހުޅުއްވިއެވެ. ރަސްކަމުގެ ކޮއިލު ހުރި ބިމުގައި "ސުލްޠާން ބަގީޗާ"އެއްގެ ބަދަލުގައި "ސަލްޓަން ޕާރކް" ހުޅުއްވީ މިދެންނެވި ގޮތަށް އިނގިރޭސީންނަށް އެ ލަފުޒު ކިޔޭ ގޮތަށް އިޙުތިރާމްކޮށްގެންކަމަށް ބެލެވެއެވެ. އަޅުގަނޑުގެ ހަނދާން ބަލި ނޫންނަމަ، ސަލްޓަން ޕާކް ހުޅުއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނ.ޣ.ޢ.ވ. ގެ ރައީސްކަމުގައި 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު އެއީ ވަރަށް ފުރިހަމަ ޕާކެކެވެ. ފިނިފެންމާ ގަސްތަކާއި އެ ނޫން ވެސް ރީތި އެހެން މާމެލާމެއްޔާއި ފެންއަރުވާ ވަޑާންތަކާއި ޞިނާޢީ ފަރުބަދަތަކާއެކު މިތަން ހުޅުއްވި ނަމަވެސް އެ ތަން އެ ގޮތަށް ދެމެހެއްޓުން ވީ ފަހުން އައި ސަރުކާރުތަކަށް އުނދަގޫ ކަމަކަށެވެ. 2000 ގެ އަހަރުތަކަށް އައި އިރު އެއީ ޕާކަކަށްވުރެ ބޮޑަށް ވަލަކާ ވައްތަރުތަނެކެވެ. ވަށައިގެން ކަށިނަރު ދަމައި "ރައްކާތެރިކޮށްފައިވާ"، އަދި ބިޔަ ބޮޑެތި ގަސްތައް ހުންނަ "ބިރުވެރި" ތަނެއްގެ ގޮތުގައި މީހުން އައީ ދެކެމުންނެވެ. އެތަނާ ގުޅުވައިގެން ތަފާތު "ބިރުވެރި" ވާހަކަތައް އައީ ފަތުރަމުންނެވެ.
2008 ގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި "ސަލްޓަން ޕާރކް"ގެ "ބިރުވެރިކަން" ނައްތައިލެއްވުމަށްޓަކައި އެ ތާނގެ ވަށައިގެން ދަމައިފައި ހުރި، ކަށިނަރުތައް ކޮށައިލައި، ކޮންމެ ދިމާއަކުން ވެސް މީހުންނަށް ވަދެ ނުކުމެވޭ ތަނަކަށް އެތަން ބަދަލުކޮށްލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ދޭސީންނާއި ބިދޭސީން ރޭގަނޑުގެ "ސިއްރު ބައްދަލުވުންތައް" ބާއްވާ ތަނަކަށް އެތަން ބަދަލުވިއެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތް މުޑުދާރު "ޖަންގައްޔަކަށް" އެ ތަން ވިއެވެ.
ސަލްޓަން ޕާކަކީ ތާރީޚީ ގޮތުން މާލޭގެ މުހިއްމު ސަރަހައްދެކެވެ. އެތައް ޒަމާނަކަށް ދެމިގެން އައި ދިވެހި ޝާހީ ރަސްކަމުގެ ކޮއިލު އޮތްތަނެވެ. އަދި މާލޭ ހަތަރު އަވަށް ކަމުގައިވާ މާފަންނާއި މައްޗަންގޮޅިއާއި ގަލޮޅާއި ހެންވޭރު ވެސް ފެށިފައިވަނީ މި މުހިއްމު ބިމުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސަލްޓަން ޕާކުގެ ހުޅަނގު އުތުރު ކަނަކީ މާފަންނެވެ. އިސްލާމީ މަރުކަޒު އެ ހުންނަނީ މާފަންނުގައެވެ. ކުރިން ދިރާގު މައި އޮފީސް ހުރީ ވެސް މާފަންނުގައެވެ. ސަލްޓަންޕާކުގެ އިރުއުތުރު ކަނަކީ ހެންވޭރެވެ. މިހާރުގެ ޤައުމީ ކުތުބުޚާނާއާއި އެމްއެންޑީއެފްގެ އިންޓެގްރޭޓެޑް ހެޑް ކުއަރޓަރޒް އެ ހުންނަނީ ހެންވޭރުގައެވެ. ސަލްޓަންޕާރކްގެ ވިންޓަރ ކޯނަރ (ނުވަތަ ސްނޯ ޕާކް) އެ ހުންނަނީ ގަލޮޅުގައެވެ. އަނެއް ކަނަކީ މައްޗަންގޮޅިއެވެ. އަމީނިއްޔާ ސްކޫލާއި ޢަރަބިއްޔާ ސްކޫލް އެ ހުންނަނީ މައްޗަންގޮޅީގައެވެ. މި ޒަމާނުގެ ކުދީންނަށް މި ވާހަކަތައް ވާނީ ވަރަށް ހައިރާންކުރުވަނިވި ނުވަތަ ހެއްވާ ވާހަކަތަކަކަށެވެ. ނަމަވެސް މި ކަން މިހެންވީ ގޮތުގެ ތަފްޞީލުތައް މި ވަގުތު ހާމަކުރާކަށް ނެތީމެވެ. މި ވަރުން މިވާހަކަ ފުއްދައިލާނަމެވެ. މިހާވަރަށް ވެސް މި ވާހަކަ މި ދެންނެވީ ތަނުގެ މުހިއްމުކަން ބަޔާންކޮށްދެވޭތޯއެވެ.
2013 ވަނަ އަހަރު ނޮވެންބަރު މަހު 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތީ ރައީސް ޢާބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖެއަށް އަވަސް ތަރައްޤީއެއް ގެންނެވުމުގެ ވަރުދަގަ ތަޞައްވުރެއް ހިއްޕަވައިގެންނެވެ. މިކަމުގެ ހެކިތައް ވަރަށް އަވަހަށް ރާއްޖޭގެ އެކި ކަންކޮޅުން ފެންނަން ފެށީ ކަމީ ހަގީގަތެކެވެ. ތަރައްގީގެ އެއް އަމާޒަކީ އިޖުތިމާޢީ ހަމަޖެހުން ކަމަށް ވާތީ، މާލޭގައި ވެސް ދޫކޮށްލެވި އިހުމާލުކޮށްލެވިފައި ހުރި، ވަރަށް ގިނަ ބިންތައް މައިޒާންތަކަށާއި ޕާކުތަކަށް ބަދަލުކޮށްލެއްވިއެވެ. މީގެ ތަފުޞީލުތައް ދެންނެވުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢެއް ނޫނެވެ.
ކޮންމެއަކަސް "ސަލްޓަން ޕާރކް" އެއީ ކުޑަކުދީންނާއި ބޮޑެތި މީހުން، ދާ ހިތުން ގޮސް، ހިތް އުފާކޮށްލަން ތިބޭކަހަލަ ތަނަކަށް ހެއްދެވުމުގެ ޢަމަލީ މަޝްރޫޢެއް ފެއްޓެވިއެވެ. މި ޝިޢާރުގެ ދަށުން، ތަން ތަރައްޤީކޮށް 2017 ވަނަ އަހަރުގެ ތެރޭގައި އެ ތަން ހުޅުވި އިރު އެއީ ކުޑަކުދީންނާއި ބޮޑެތި މީހުން ޝައުޤުވެރިވާ ތަނަކަށްވިއެވެ. މުޅި ތަން އަލުން ފަރުމާކޮށް މުޅިން ބަދަލުކޮށް އެތަން ހުޅުވީ "ރަސްރަނި ބަގީޗާ"ގެ ނަމުގައެވެ. މި ނަމަށް ބަދަލުކުރެއްވީ ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާ އެތައް މަޝްވަރާއެއް ކުރެއްވުމަށްފަހުގައެވެ. މި ބަދަލު ގެނައުމުގެ އެއް ބޭނުމެއް ކަމަށް ވިސްނެނީ ދިވެހި ވަންތަ ދިވެހި ނަމެއް ކިޔުމެވެ. އެއީ "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު"ގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ލާޒިމުކޮށްފައިވާ ކަމެކެވެ. އެހެންވީމާ، "ރަސްރަނި ބަގީޗާ"ގެ ނަމަށް ބަދަލުކުރުމުގެ ދެވަނަ ބޭނުމަކަށް ފެންނަން އޮތީ ޤާނޫނަށް އިޙުތިރާމްކުރުމެވެ. "ސަލްޓަން" އަކީ ވެސް "ޕާރކް"އަކީ ވެސް ދިވެހި ލަފުޒެއް ނޫނެވެ.
"ރަސްރަނި ބަގީޗާ"ގެ ނަން ލިބިގަތް އަނެއް ބޭނުމެއްކަމަށް ވިސްނެނީ މިންތީގެ ހަމަހަމަކަމަށް އިސްކަން ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމެވެ. އެހެނީ ޕާކު ހުރި ބިމަކީ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުން ވެސް ވެރިކަން ކުރެއްވި ތާރީޚީ ބިމެވެ. ވީމާ، އެ ތާނގައި ޤާއިމުކުރެވޭ ޕާކަކަށް ނަން ދެވޭ އިރު އަންހެން ކަނބަލުން ވެސް އިހުމާލުކޮށްލެވިގެންނެއް ނުވާނެއެވެ. ވީމާ ރަސްރަނި މި ލަފުޒުން މިންތީގެ ތަފާތުކުރުން ނެތްކަން އެބަދޭހަވެއެވެ. "ސަލްޓަން" ނިސްބަތްވަނީ ހަމައެކަނި ރަސްރަސްކަލުންނަށެވެ. ރަނިކަނބަލުން އިހުމާލުކޮށްލެވުމާއެކީގައެވެ.
އަނެއްކޮޅުން ބަލާއިރު، "ރަސްރަނި ބަގީޗާ" ގެ ނަންބޯޑާއި "ސަލްޓަން ޕާރކް"ގެ ނަން ބޯޑު ތާނައިން ލިޔުނު އިރު އަކުރުގެ ޢަދަދު ވެސް ހަމަ އެއްވަރެވެ. ވީމާ، ވަރަށް ފުރިހަމަ ޤައުމީ ވިސްނުމަކުން ކިޔައިފައި އޮތް ނަން (ރަސްރަނި ބަގީޗާ) އަލުން މިންތީގެ ތަފާތުކުރުމަކާއެކު، އެތަނަށް ކިޔައިފައި އޮތް ބިދޭސީ ނަމަކަށް ބަދަލުކުރުމުގައި ޤައުމިއްޔަތުގެ ވިސްނުމެއް އޮތްކަކަށް އަޅުގަނޑުމެން ފަދަ ދުރު ތިބީންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި އެ ޕާކު އޮތް ބިން ފިޔަވައި އެތާގެ ހުރިހައި އެއްޗަކާއި ކަމަކާއި ތަންތަން ވެސް ވަނީ މުޅީން ބަދަލުކުރެވިފައެވެ. ސަލްޓަން ޕާކުގެ ނަމުގައި އޮތް ތަނެއްގެ ނަން ބޯޑު ހަމަ އެކަނި ބަދަލުކުރީކީ ނޫނެވެ. އެ ތަން ހަލާކުވެ ވީރާނާވެފައި ވަނިކޮށް މުޅިން އާ، ޒަމާނީ "ބަގީޗާއެއް" ތަރައްޤީކޮށް، ދިވެހިވަންތަ، އާ ނަމެއްގައި އާ ތަނެއް ވުޖޫދަށް ގެނައީއެވެ.
ވީމާ، "ރަސްރަނި ބަގީޗާގެ" ނަން އަލުން "ސަލްޓަން ޕާރކް"ގެ ނަމަށް ބަދަލުކުރުމަކީ ޤައުމީ ވިސްނުމަކުން ވިސްނާ ނަމަ، ތަރައްޤީގެ މަގުގައި އެޅުނު ހަރުދަނާ ފިޔަވަޅެކޭ ދެންނެވޭކަށް ނޯންނާނެއެވެ. އެ ކަމަކީ ސަގާފަތާއި ތަރިކަ ޙިމާޔަތްކުރުމާއި މިންތީގެ ހަމަހަމަކަމާއި ޤާނޫނު ތަންފީޒުކުރުމާއި ޤައުމިއްޔަތަށް އިސްކަންދިނުމާއި ޤައުމީ ބަހަށް އިސްކަންދިނުމާއި މި ހުރިހާ ކަމަކަށް ވިސްނާ އިރުވެސް އެއީ ތަރައްޤީގެ މަގުގައި ފަހަތަށް އެޅުނު ފިޔަވަޅެއް ކަމުގައި ނޫނީ ދެންނެވޭކަށް ނެތެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ވެސް ކޮންމެ ބަޔަކު ވެސް ކުރާނީ ކޮންމެވެސް މަޤުޞައްގައެވެ. އެ މަޤުޞަދަކާއި އެ ބޭނުމެއް އެނގިވަޑައިގަންނަވާނީ އެ ކަމެއް ކުރެއްވި ބަޔަކަށެވެ. ކޮންމެއަކަސް ޢާއްމު ވިސްނުމަކުން، ޤައުމީ ނަޒަރަކުން ވިސްނާއިރު، ރަސްރަނި ބަގީޗާގެ ނަން "ސަލްޓަން ޕާރކް" އަށް ބަދަލުކުރުމަކީ ޤައުމީ ނަޒަރަކުން ވިސްނާއިރު ފަހަތަށް އެޅުނު ފިޔަވަޅެއް ކަމުގައި ނޫނީ ދެންނެވޭކަށް ނެތެވެ.
ވަރަށް ރަނގަޅު މައުލޫމާތު ހުރި ލިޔުމެއް ހަގީގަތުގައި އަލުން އިނގިރޭސި ނަމަށް ބަދަލު ކުރީ ވަރަށް ކޮށި ވިސްނުމެއްގައި ކޮބައިތޯ ބޮޑެތި މަގާމު ތައް ލިބުމުން އަނގަ ބެދުނު އަލާއު ދީދި ... އަދި ވެސް އެފަދަ މީހުން މާޖިދު މެން ކޮބައިތޯ. ކޮންމެ މީހަކުވެސް އުޅެނީ މަގާމާ ޖާހަށް ޓަކައި ހައްދަވައިގެން ކުރާ މަސައްކަތެއްނެތް .... ކުރިން އެހެން މީހުން ތަރިކަ ހިމާޔަތް ނުކުރެއޭ ސަގާފަތް ނުދިރުވައޭ ގޮވަ ގޮވާ ތިބީ .... މިހާރު ވެސް މިނިސްޓަރ ވިދާލުވަނީ ދިރުވަންވީ ލޯބި ކުރަންވީ އާލާ ކުރަންވީ ބަލަ ކޮންބަޔަކާ ތަ މިކަން މަތި ކޮށްފައިވަނީ ...... ރައްޔިތުންނާތަ
Yumna maumoon ah mi liyun hajamu kureveynethoa.
Maadharee bahey gaumiyyathey aasaaree thanthaey kiyaigen vaahaka dhakkaairu mikamaa echcheh bunan nukerenee keevvebaa.
Magaamu gellidhaanethee kanneyn'ge.