ބްރެޒީލްގެ އުތުރުގައި ހުންނަ އަލްޓަމީރާ ޖަލުގައި ތިބި ދެ ގޭންގެއްގެ މެންބަރުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބައެއް ޚަބަރުތަކުގައި 52 މީހުން މަރުވިކަމަށް ބުނެފައިވާއިރު، އަނެއްބައި ޚަބަރުތަކުގައި ވަނީ 57 މީހުން މަރުވިކަމަށެވެ. ޖަލުގެ އޮފިޝަލުން ބުނިގޮތުގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވަމީ އެކަށީގެންވާ ކަމެކެވެ.
މަރުވި މީހުންގެ ތެރެއިން 16 މީހެއްގެ ބޯ ބުރިކޮށްލާފައިވާއިރު، ދެން މަރުވި މީހުން މަރުވީ އެމީހުން ތިބި ގޮޅިތަކުގައި ރޯކޮށްލުމުން އެރި ދުމުގެ ސަބަބުން ހާސްވެގެންނެވެ.
ޖަލުގެ އޮފިޝަލުން ހާމަކުރި ގޮތުގައި ހަމަނުޖެހުން ހިނގާފައިވަނީ ރިއޯ ޑިޖެނީރޯއަށް ނިސްބަތްވާ 'ކޮމާންޑޮ ވެރްމޭލިއޯ' ގޭންގާއި، އަލްޓަމީރާ އަވަށުގެ 'ކޮމާންޑޯ ކްލާސޭ' ގޭންގުގެ މެންބަރުންގެ މެދުގައެވެ.
"ކޮމާންޑޯ ވެރްމޭލިއޯއަށް ނިސްބަތްވާ މީހުން ތިބި ބައިގެ ގޮޅިގެއްގައި ކޮމާންޑޯ ކްލާސޭގެ އިސް ބަޔަކު ރޯކޮށްލީ." ޖަލުގެ ތަރުޖަމާނަކު ބުންޏެވެ. ބްރެޒިލްގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ، އެޖެސިއާ ބްރާސީލް އިން ބުނި ގޮތުގައި ހަމަނުޖެހުން އުފެދުނީ އިދިކޮޅު ގޭންގަށް ނިސްބަތްވާ މީހުން، އަނެއް ގޭންގަށް ނިސްބަތްވާ މީހުން ތިބި ގޮޅިއެއްގައި ރޯކޮށްލައި އެބަޔަށް ގަދަކަމުން ވަދެގަތުމުންނެވެ.
އަލްޓަމީރާ ޖަލު ހުންނަ ޕާރާ ސްޓޭޓްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން ހަމަނުޖެހުން ފެށުނީ އިއްޔެ ހެނދުނު 7 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު ފަހު 3:00 ޖެހިއިރު) އެވެ.
"އެއީ ރާވައިގެން ހިންގާފައިވާ އަމަލެއް. ބޭނުމަކީ އެއް ގޭންގަށް އަނެއް ގޭންގުގެ ކިބައިން ބަދަލު ހިފިދާނެކަން ދެއްކުން." ޕާރާ ސްޓޭޓްގެ ޖަލުތަކާ ބެހޭ ޑިރެކްޓަރު ޖާރްބާސް ވަސްކޮންސޭލޯސްގެ ބަޔާނުގައި ވެއެވެ.
ހަމަނުޖެހުން ހިންގި އިރު ޖަލުގެ ގާޑުން ތިބީ ރަހީނުކޮށްފައެވެ. ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ.
މިފަހަކަށް އައިސް ބްރެޒީލުގެ ޖަލުތަކުގައި ހަމަނުޖެހުން ހިނގުން އާއްމުވެފައިވާއިރު، ފާއިތުވި މޭ މަހު އެ ގައުމުގެ ހުޅަނގުގެ 4 ޖަލެއްގައި ހިނގި ހަމަނުޖެހުންތަކުގައި 55 މީހުން މަރުވެފައި ވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ޖަލުތަކުގައި ހިނގާ ހަމަނުޖެހުން ކޮންޓުރޯލުކުރަން ބްރެޒީލު ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރެއެވެ.
ބްރެޒީލްގެ ޖަލުތަކުގެ އާބާދީ 7 ލައްކަ 50 ހާހަށް އަރައެވެ. މިއީ ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު އަދަދެވެ. ދުނިޔޭގައި ޖަލުތަކުގެ އާބާދީ އެންމެ ބޮޑި އެމެރިކާއެވެ. އެ ގައުމުގެ ޖަލުތަކުގައި 2 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ޖަލުތަކުގެ އާބާދީ ދެވަނައަށް އެންމެ ބޮޑު ޗައިނާގެ ޖަލުތަކުގައި ތިބީ 1.6 މިލިއަން މީހުންނެވެ.