އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީ މިއަދު ހާމަކުރައްވާފައިވާ މަޢުލޫތައް ބުނާގޮތުން މި މަސައްކަތު ބައްދަލުވުން ބާއްވައިފައިވަނީ ޖުލައި 7 އިން 10 އަށެވެ.
"އިންކްލޫސިވް އެޑިޔުކޭޝަން ކޯޗުން" ގެ ޚިދުމަތް ރާއްޖޭގެ 33 ސްކޫލަކަށް މިއަހަރުގެ ޖުލައި 18 އިން ފެށިގެން ސެޕްޓެމްބަރ ގެ ނިޔަލަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ ސްކޫލްތަކަކީ އާބާދީގައި ކުދިން މަދު، ނިސްބަތުން އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ގިނަ އަދި އެ ފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންގެ ދަތިކަން ހުރި ސްކޫލްތައް ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
އިންކްލޫސިވް "ކޯޗުން" ތަމްރީނު ކުރެވުނު ސްކޫލްގެ 2 ބޭފުޅުންގެ މައްޗައް އެކެލެވޭ ޓީމެއް އެހީތެރިކަން ބޭނުންވާ ސްކޫލަށް އެއް ހަފްތާގެ މުއްދަތަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޯޗު ކޮށްދިނުމުގައި ހޭދަކުރެވޭ 1 ހަފްތާގެ މުއްދަތުގައި ސްކޫލްގެ ބެލެނިވެރިންނާއި އިސް ވެރިންނާއި މުދައްރިސުން އަދި ސްކޫލް ކުދިންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާނެއެވެ. މީގެ އިތުރުން ސްކޫލްގައި ތިބި އިތުރު އެހީއަށް ބޭނުންވާ ކުދިން ފާހަގަކޮށް އެ ފަދަ ކުދިންނަށް ޕްރޮގްރާމްތައް ރާއްވައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް ކިޔަވައިދިނުމުގެ މޮޑެލް ކްލާސްތައް ނަންގަވައި ދެއްވުމުގެ އިތުރުން ކިޔަވައިދުނުމަށް ބޭނުންވާނެ އެކިއެކި ޓީޗިން އެއިޑްސް/ލަރނިން މެޓީރިއަލްސް ތައްޔާރުކޮށް ދެއްވާނެއެވެ. ޚާއްޞަކޮށް އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވެދޭނެގޮތާ އަދި އުކުޅުތައް ސްކޫލްގެ އެހެން ޓީޗަރުންނަށް ކިޔައިދެއްވާނެއެވެ.
"މިފަދަ ޕްރޮގްމާމެއްގެ ނަތީޖާ އަކީ ރާއްޖޭގެ ކުދި ސްކޫލްތަކާ އަދި ބޮޑެތި ސްކޫލްތަކާ ގުޅުން ބަދަހިވެ ކިޔަވައިދިނުމުގައި ދެސްކޫލްގެ ޓީޗަރުން ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ޢާޢްމު ކްލާސް ތަކުގަޔާ އަދި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވި އަދި ކުދިންގެ ޖުމުލަ ތަރައްޤީ ކުރިއެރުމެވެ." ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.