ގޭދޮށު މަސްފެކްޓްރީ ހަދައިގެން އެހެން ފެކްޓްރީތަކަށް ގެއްލުން ނުވާނެ: ޢަލީ ނިޔާޒު

ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު:ފޮޓީ ރާއްޖެއެމްވީ

ގޭދޮށު މަސްފެކްޓްރީ ހަދައިގެން މަސައްކަތް ފެށިޔަސް ރާއްޖޭގައި މިހާރު ހިންގަމުންދާ އެހެން މަސްފެކްޓްރީތަކަށް ގެއްލުންވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒު މިހެން ވިދާޅުވީ ގޭދޮށު މަސްފެކްޓްރީ އުފެއްދުމާ ބެހޭގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ. އެ ޤަރާރުގައި ބުނެފައިވަނީ އެކަން ކުރާނީ ރަށުކައުންސިލްތަކައީ އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންނާ ވަކިވާނެ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑުފައިދާއެއް ކުރިން ލިބެމުންއައި މަސައްކަތް ކަމަށް ވެސް ޢަލީ ނިޔާޒު ވިދާޅުވިއެވެ.

މި ފަދަ ޤާރުތަކުގެ މަޤުޞަދަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތް ހަދައި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގޭދޮށު މަސްފެކްޓްރީ އުފެއްދުމުން ފެލިވަރު މަސްފެކްޓްރީ ފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމަށްމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެހެންވުމުގެ ބަދަލުގައި ގޭދޮށު މަސްވެރިކަމުގެ ސަބަބުން އިތުރުވަޒީފާ އުފެދި އިޤްތިސާދު ކުރިއަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޢަލީ ނިޔާޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނީގެ ހަމައެކަނި ވިސްވުމަކީ "ޕްރޮފިޓް މެކްސިމައިޒް" ކުރުމެއްނޫން ކަމަށެވެ.

މި ޤަރާރަށް ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ދުނިޔޭގައި ލިބެމުންދާ ކަމަށެވެ. އެހެން ކަމުން ގޭދޮށު މަސްފެކްޓްރީ ހެދައި ހިންގަން ފެށުމުން ވަޒީފާ ލިބި އިގްތިސާދީ ގޮތުން ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. މިފަދަ ކަންކަން ތަޢާރަފްކޮށް ޒުވާނުން ޝައުގުވެރި ކުރުވުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގޭދޮށު މަސް ފެކްޓްރީން އުފައްދާ ތަކެތި ސަރުކާރަށް ގަނެ ރާއްޖޭގެ ރިސޯޓުތަކާއި ބޭރަށްވެސް ވިއްކިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ހުޅުވިފައިވާ ބާޒާރެއް ކަމަށްވާތީ މިފަދަ އައު ކަންކަމަށް ސަރުކާރުން ޖާގަ ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބަޙުސް މެންދުރަށް މެދުކަނޑާލިއިރު ވާހަކަ ދައްކާފައިވާ ގިނަ މެމްބަރުންވަނީ އެ ޤަރާރަށް ތާއިދުކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.