ޖޭޕީގެ ނާއިބު ރައީސަކަށް އަޙުމަދު ސަޢުދު އިންތިޚާބު ކޮށްފި

އަޙުމަދު ސަޢުދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސަކަށް އެޕާޓީގެ ކުރީގެ ރަޖިސްޓްރާ އަދި މިހާރު ކައުންސިލް މެމްބަރ އަޙުމަދު ސަޢުދު އިންތިޚާބު ކުރައްވައިފިއެވެ.

ސަޢުދާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޙުސައިން ޝަހުދީއާއި، މަޖިލިސް މެމްބަރ ޢަލީ ޙަމީދާއި، ޕާޓީގެ މެމްބަރެއް ކަމަށްވާ ޢާއިޝަތު ނާޒިމާއެވެ. ސަޢުދު ނާއިބު ރައީސް ކަމަށް އިންތިޚާބުވީ 26 ވޯޓު ހޯއްދަވައިގެންނެވެ. ޝަހުދީއަށް ލިބުނީ 14 ވޯޓެވެ. ނާޒިމާއަށް ލިބުނީ 3 ވޯޓެވެ. ޢަލީ ޙަމީދަށް ލިބުނީ އެންމެ ވޯޓެކެވެ.

ޖޭޕީއަށް އައު ނާއިބު ރައީސަކު އިންތިޚާބު ކުރެއްވީ ކުރީގެ ނާއިބު ރައީސް ޑރ. ޢަބްދުﷲ މަޢޫސޫމު އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެމަޤާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އޭނާ ހަމަޖެއްސެވުމުންނެވެ.

ނާއިބު ރައީސަކަށް ސަޢުދު އިންތިޚާބު ކުރެއްވުމުގެ އިތުރަށް ޖޭޕީގެ ކައުންސިލުން މިރޭ ވަނީ އެޕާޓީގެ އިސްތިއުނާފު ކޮމިޓީގެ ޗެއާމަނަކަށް މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރ ޙުސައިން މުޙައްދު އިންތިޚާބު ކުރައްވައިފައެވެ. އަދި އިސްލާމީ ވަޙުދަތު ކޮމިޓީގެ ޗެއާމަންގެ މަޤާމަށް ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު އައްޝައިޚް މޫސާ ނިޒާރު ވެސް ވަނީ އިންތިޚާބު ކުރައްވައިފައެވެ.

މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުން ވަނީ ދެން ބާއްވާ އިންތިޚާބު ތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ފާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.