ސައިކަލް ވަގަށް ނެގުން ހުއްޓުވުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައިކަލު ވަގަށް ނެގުން އިތުރުވެ އެކަމާ ބެހޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއީ ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ކަމެކެވެ. މިއޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން މި އޮޕަރޭޝަން ފަށައިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އޮޕަރޭޝަން ފެށިފަހުން 34 ސައިކަލު ގެއްލިގެން ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން  23 ސައިކަލެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރެއިން 11 ސައިކަލެއް ހޯދީ ފުލުހުންގެ މަސައްކަތުންނެވެ. އަނެއް 12 ސައިކަލު ހޯދާފައިވަނީ އެސައިކަލުތަކުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިއޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލިގެން ހުށަހަޅާފައިވާ 9 ސައިކަލެއް ވެސް ފުލުހުންވަނީ ހޯދާފައެވެ.

މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް އެމީހުންގެ ފަރާތުން  އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.