އަމިއްލައަށް އާމްދަނީ ހޯދާބަޔަކަށް ޒުވާނުން ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހި ކޮންމެ ޒުވާނަކީ، އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އާބާދީ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ ޤައުމުތަކުން ޙާޞިލްކުރާ އިންސާނީ ކުރިއެރުންތައް ފާހަގަކޮށް، އެކަން ދެމެހެއްޓުމަށް ހިތްވަރުދިނުމެވެ. އޭގެ އިތުރަށް އާބާދީ އާއި ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރާއިރު، ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މުހިންމު މައްސަލަތަކާ މެދު ޢާންމުން ހޭލުންތެރިކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ދަށްކުރެވި، އުފަންވާއިރު، ދިރިހުންނާނެކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރުގެ ނިންބަތް ގާތްގަނޑަކަށް 10 އަހަރަށް ރާއްޖޭގައިވަނީ އިތުރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާއިން ރާއްޖެ ކުރިއެރުންތަކެއް ހޯދާފައި ވިޔަސް އަދިވެސް ޙާސިލް ކުރަންޖެހޭ ލަނޑުދަނޑިތައް އެބަހުރި ކަމަށާއި ހަމައެއާއެކު ކުރިމަތިލާންޖެހޭ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މުޖްތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅުކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާއި ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.