ފާނޫޒު - 13

(10 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕައާ ދަރިފުޅާ ތަފާތު. ބައްޕަ ދީނުގެ ވާހަކަ ދައްކަނީ ބައްޕަގެ ގާތް މީހުންނާ އެކަނި... އެވެސް ބައްޕަ ދައްކާ ވާހަކަ ގަބޫލުކުރާނެހެން ބައްޕައަށް ހީވާ މީހުންނާ. ކިރިޔާ ދެކެފަރިތަ މީހުންނަށް ބައްޕަ ފޮތެއް ނުބަހަން." ދަރިފުޅަށް އޮޅުންފިލުވައި ދެވޭތޯ ހާޝިމް މަސައްކަތް ކުރިއެވެ.

"ބައްޕާ އެއީ ހަމައެކަނި ދެކެފަރިތަ މީހުންނެއް ނޫން. އަހަރެމެންގެ ރަޙްމަތްތެރިކަމަށް އެތައް އަހަރެއް ވެއްޖެ." އިމާމާ އަކަށް ބައްޕަގެ ވާހަަކަ ގަބޫލެއް ނުކުރެވުނެވެ.

"އާނ، އެއީ ސައްޔިދުން. އެމީހުންގެ އާއިލާތަކުގައި ކުޑަކޮށް ހަރުކަށިކަން ހުންނާނެ. ދަރިފުޅު އެކަން ހަނދާން ނައްތާލައިގެން ނުވާނެ."

"އަހަރެން ބޭނުންވީ އަހަރުމެންގެ ފިރުގާއާ ބެހޭގޮތުން އެކުދީންނަށް މައުލޫމާތު ދޭން. އޭރުން އަހަރުމެންނަކީ މުސްލިމުން ނޫންކަމަށް ހިއެއްނުކުރާނެ." އިމާމާ ބުންޏެވެ.

"އަހަރެމެންނަކީ މުސްލިމުން ނޫންކަމަށް އެ މީހުން ހީކުރިއްޔާ ވާނީ ކީއް؟ އެ މީހުންނަކީ ވެސް މުސްލިމުންނެއް ނޫން. މަގު އޮޅި، ތެދު މަގުން އެއްކިބާވެ ތިބީ އެ މީހުން." ދަންނަބޭކަލެއް ހެން ހާޝިމް އިމާމާއަަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"ބައްޕާ، އެ މީހުން ބުނީ ބޭރުގެ މިޝަންތަކުން ބައްޕައަށް ފަންޑު ލިބެއޭ، އަހަރެމެންގެ އަގީދާއަށް މީހުން ބަދަލުކުރަން ބައްޕަ އަށް ފައިސާ ލިބެއޭ."

އެ ވާހަކަ ދޮގު ކުރުމުގެ ގޮތުން ހާޝިމް ބޯ ހޫރައިލިއެވެ. "އަހަންނަށް ފައިސާ ލިބެނީ އަހަރެމެންގެ ޖަމާއަތުން އެކަނި. އެއީ ޕާކިސްތާނާއި އަދި ބޭރު ގައުމުތަކުން އަހަރެމެންގެ ޖަމާއަތުން ހޯދާ ފައިސާ. އަހަރެމެންގެ އަތުގައި ވާ ވަރަށް ފައިސާ އެބަހުރި. އަހަރެމެންގެ އަމިއްލަ ފެކްޓަރީތައް ވެސް އެބަހުއްޓެއްނު؟ އެހެންވިޔަސް، ބޭރުގެ މިޝަނަކުން ފައިސާގެ އެހީ ދޭންތިބި ކަމަށް ވަންޏާ އަހަރެން އުފަލާއެކު ބަލައިގަންނާނަން. ކޮބާ އޭގެ މައްސަލައަކީ؟ މި ގައުމުގައި ކްރިސްޓިއަން ދީނަށް ގޮވައިލެވޭ ކަމަށް ވާނަމަ އަހަރުމެންގެ ދީނަށް ގޮވައިނުލެވެންވީ ކީއްވަ؟ އަހަރެމެންނަކީ އިސްލާމް ދީނުގެ އެހެން ފިރުގާއެއްގެ ބައެއް. އަހަރެމެން މަސައްކަތް ކުރަނީ ތެދުމަގަށް މީހުން ގެންނަން." ހާޝިމް އިތުރަށް އޮޅުންފިލުވައިދިނެވެ. "މި ވާހަކަ އެހެން މީހުންނަށް ކިޔައިދޭނެ ކަމެއް ނެތް." ހާޝިމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެ ބަހުސް ކުރުމުގެ ބޭނުމެއް ނެތް. އަހަރެމެންނަކީ މިހާރު އަގުލިއްޔަތު (މައިނޯރިޓީ). އެކަމަކު އަހަރުމެން އަޣުލަބިއްޔަތަށް (މެޖޯރިޓީ އަށް) ވީމަ މީހުންނަށް ތިކަހަލަ ވާހަކަ ދައްކާކަށް ނުކެރޭނެ. އަހަރެމެން ކުރިމަތީގަ އެ ފާޑަށް ވާހަކަ ދައްކާކަށް ނުކެރޭނެ. މީގެ ފަހުން ދަރިފުޅު އެކަހަލަ މީހުންނާ އެކީ އުޅޭނެ ކަމެއް ނެތް."

"ބައްޕާ، އަހަރެމެންނަކީ އިސްލާމް ދީނުގެ ފިރުގާއަކަށް ވާއިރު، ކީއްވެ ގާނޫނު އަސާސީގަ އަހަރުމެންނަކީ މުސްލިމުން ނޫން ކަމަށާއި އަގުލިއްޔަތު (މައިނޯރިޓީ) ކަމަށް ކަނޑައަޅާފައި އޮންނަނީ؟"

"އެއީ މުއްލާއިންގެ ބުރަ މަސައްކަތް... އެމީހުންގެ އަމިއްލަ އެދުން ބޮޑުކަން. އެ މީހުން ތިބެނީ އަހަރެމެންނާ ދެކޮޅަށް ބައިއަތު ހިފައިގެން. އަހަރެމެންގެ ވެސް ބައި ބޮޑުވީމަ އަހަރުމެންނަށް ފައިދާ ވާގޮތަށް ގާނޫނު ހަދާނަން. ގާނޫނު އަސާސީގައި ހުރި އެކަހަލަ މާއްދާތައް އުވާލާނަން." ދަރިފުޅަށް އޭނާގެ ނުފޫޒު ގަދަކަން ވިސްނައިދެމުން ހާޝިމް ބުންޏެވެ. "ދަރިފުޅު ކޮޓަރީގައި ތިހެން ރޯން އޮންނާނެ ކަމެއް ނެތް." އިމާމާ އާ ވާހަކަ ދެއްކުމަށް ފަހު ހާޝިމް ކޮޓަރިން ނުކުމެގެން ދިޔައެވެ.

***

އެ ދުވަހަކީ އިމާމާ އާއި ތަޙްރީމްގެ ރަޙްމަތްތެރިކަން ނިމުނު ދުވަހެވެ. ހިތުގައި ޖެހުނުލެއް ބޮޑު ކަމުން އެ ގުޅުން އިތުރަށް ކުރިއަށް ގެންދެވެން ނެތީއެވެ. ތަޙްރީމުވެސް އިމާމާ އާ އަލުން ގުޅުން ބަދަހިކުރާކަށް މަސައްކަތެއް ނުކުރެއެވެ.

ހާޝިމް މުބީން އަކީ އަޙްމަދީ ޖަމާއަތުގެ (ގާދިޔާނީންގެ) އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. އޭނާގެ ކޮއްކޮ އަޢުޒަމް އަކީވެސް އެ ޖަމާއަތުގެ މުހިއްމު ލީޑަރެކެވެ. ދީނުގެ މަސައްކަތް އަޢުޒަމް ފެށި ހިސާބުން، އާއިލާގެ ދެ މީހަކު ފިޔަވައި އެހެން މަންބަރުން ވަނީ، މީގެ އަހަރުތަކެއް ކުރީން ގާދިއާނީންނަށް ބަދަލުވެފައެވެ. ދީން ބަދަލުނުކުރާ މީހުން ވަނީ އަޢުޒަމްގެ އާއިލާއާ ގުޅުން ކަނޑާލާފައެވެ. ދީން ބަދަލުކުރުމަށް ފަހު އަޢުޒަމް އެކޭ އެއްފަދައިން ހާޝިމް ވެސް ދީން ފެތުރުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތުގައި އުޅޭތާ ދިހަވަރަކަށް އަހަރުތެރޭ ދެބޭންނަކީ ވެސް އެ ޖަމާއަތުގެ ނަން ހިނގާ ދެމީހުނަށް ވިއެވެ. އެ މީހުންނަކީ އިސްލާމްއާބާދުގެ މުއްސަނދީންގެ ތެރޭގައި ހިމެނޭ ބައެކެވެ. ނަަަމަވެސް ގެދޮރު ހުންނަނީ ހަމަކުރީގެ މުސްކުޅި ގޮތަށެވެ. އަންހެން ވެރީން ތިބެނީ މޫނު ނިވައި ކޮށްގެންނެވެ. މަޖުބޫރުކަމެއް އޮވެގެނެއް ނޫނެވެ.

އިމާމާ ވެސް ބޮޑުވީ މި މާހައުލަށެވެ. ބޭނުން ކޮންމެ ކަމެއް ކުރެވޭނެ އިންތިޒާމު ގޭތެރެއިން އޮންނަނީ ހަމަޖެހިފައެވެ. ބައްޕަގެ ފުދުންތެރިކަމަކީ އަޙްމަދީ ދީން ފަތުރައިގެން ލިބޭ އާމްދަނީ ކަން އެނގޭއިރު ވެސް އިމާމާއަކަށް އެކަން މައްސަލައަކަށް ނުވެއެވެ. ބައްޕަ އާއި ބޮޑު ބޭބެ ދީން ފެތުރުމުގެ މަސައްކަތް ކުރާތަން އިމާމާ ބޮޑުވަމުން އައި އިރު އޭނާއަށް ފެނެއެވެ. އިމާމާ އަށް ވިސްނިފައި އޮންނަނީ ބައްޕަ އާއި ބޮޑުބޭބެގެ ޚިދުމަތަކީ އިސްލާމް ދީނަށް ކުރާ ޚިދުމަތެއްގެ ގޮތުގައެވެ. އާއިލާ އާއެކު އިމާމާ ވެސް ދީނީ އެއްވުންތަކަށް ދެއެވެ. އަދި ސެޓެލައިޓު މެދުވެރިކޮަށް ލަންޑަނުން ފޮނުވާ ދަރުސްތައް އަޑުއަހައެވެ.

ތަޙްރީމާ މައްސަލަ ޖެހުމުގެ ކުރިން ދުވަހަކުވެސް އިމާމާ ދީނާ މެދު ވިސްނާފައެއް ނެތެވެ. އިމާމާ އަށް ވިސްނިފައި އޮންނަނީ އޭނާގެ ފިރުގާއަކީ އިސްލާމް ދިނުގެ ފިރުގާއެއްގެ ގޮތުގައެވެ. އޭނާއަށް ވިސްނައިދީފައި އޮންނަނީ އިސްލާމް ދީނުގެ ތެދު މަގުގައި ގާއިމުވެ ތިބީ އޭނާ ނިސްބަތްވާ ޖަމާއަތް ކަމަށެވެ.

ދީނުގެ ވާހަކަ ސްކޫލުގައި ނުދައްކަން އޭނާ އާއި އާއިލާގެ އެހެން ބެއިންނަށް އޮންނަނީ އިރުޝާދު ދީފައެވެ. 1974ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހެއްގައި އިމާމާ ނިސްބަތްވާ ޖަމާއަތަކީ މުސްލިމުން ނޫން ކަމަށާއި އަގުލިއްޔަތު ކަަމަށް ވަނީ ކަނޑައަޅާފައެވެ. އެކަން އިމާމާއަށް އެނގުނީ ސްކޫލުގެ ފިލާވަޅަކުންނެވެ. އިމާމާއަށް ގަބޫލުކުރެވުނީ އެއީ ދީނީ މީހުންގެ ނުފޫޒާ ހެދި ނިންމި ސިޔާސީ ނިންމުމެއް ކަމަށެވެ. ނަމަވެސް ތަޙްރީމާ އެކު ހިނގި ހާދިސާގެ ސަބަބުން އިމާމާއަށް ދީނާ އޭނާގެ އަގީދާ އާ މެދު ފުންކޮށް ވިސްނަން މަޖުބޫރުވީއެވެ.

އޭގެ ސަބަބުން އިމާމާއަށް ބޮޑެތި ބަދަލު އައެވެ. އިސްލާމް ދީނުގެ އެކި ފިރުގާ އާ ގުޅޭ ގިނަ ލިޔެކިޔުންތަކާއި ފޮތްތައް ކިޔައި ދިރާސާ ކުރަން ފެށީ އެ ހިސާބުންނެވެ. ފަށައިގަތް އިރު އޭނާ އިންނަނީ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ނަމަވެސް އޭގެ ތެރެއަށް ފުނަށް ވަދެ ދިރާސާކުރަން ފެށުމުން އޮޅުންބޮޅުން ފިލިއެވެ. މެޓްރިކް އިމްތިހާނު ނިމުމާއެކު ބޮޑު ބޭބެ، އަޢުޒަމް ގެ ދަރިފުޅު އަސްޖަދާ އިމާމާ އެންގޭޖް ކުރެވުނެވެ. އެއީ ލޯބީގެ ގުޅުމަކަށް ނުވިޔަސް އެ ގުޅުމާ މެދު އިމާމާ ހުރީ އުފަލުންނެވެ. އަދި އޭނާގެ ހިތުން އަސްޖަދަށް ޚާއްޞަ މަގާމެއް ދިނެވެ.

***

"މިހާރަކަށް އައިސް ކަމަކާ ފިކުރުބޮޑުވެފަ އިންނަހެން ހީވަނީ، މައްސަލައެއް އުޅެނީތަ؟" ވަސީމު އެހިއެވެ. އިމާމާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ.

"ނޫން، އެއްވެސް މައްސަލައެއް ނޫޅޭ، ތީ ހީވާގޮތް." ހިނިތުންވާން މަސައްކަތް ކުރަމުން އިމާމާ ބުންޏެވެ.

"އަހަންނަށް ހީވާ ގޮތެއް ނޫން، ކޮންމެވެސް ގޯހެއް އެބައުޅޭ. ބުނަން ބޭނުން ނެތިއްޔާ ނުބުންޏަސް މައްސަލައެއް ނެތް." ވަސީމު ބުންޏެވެ. ވަސީމު އޮތީ އިމާމާގެ އެނދުގެ އެއްފަރާތުގައި އޮށޯވެގެންނެވެ. އެނދުގެ އަނެއް ފަރާތުގައި އިށީނދެލައިގެން ފައިލެއް ހާވަން އިމާމާ އިނެވެ. އިމާމާގެ ޖަވާބަށް އިންތިޒާރުކުރަން އިނުމަށްފަހު ވަސީމު އަނެއްކާ ވެސް ވާހަކަ ފެށިއެވެ. "އަހަރެން މިބުނީ ރަނގަޅަށް، ދޯ؟ ނޫންތަ؟ ވެގެން އުޅޭ ގޮތެއް ބުނާކަށް ބޭނުމެއް ނޫން ދޯ؟"

"އާނ. އަހަރެން އަދި އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." އިމާމާ ބުންޏެވެ.

"ބުނެބަލަ، އޭރުން އެހީއެއް ވެސް ވެވިދާނެއެއްނު؟" ވަސީމު ބުންނެވެ.

"ވަސީމު، އަހަރެން ބުނާނަން. އެކަމަކު މިހާރަކު ނޫން. އެހީ އެއް ބޭނުމިއްޔާ ވެސް ބުނާނަން.." ފައިލް ލައްޕަމުން އިމާމާ ބުންޏެވެ.

"އެންމެ ރަނގަޅު، އަހަރެން އުޅުނީ އެހީވާން ކަމަށް." ވަސީމު ތެދުވިއެވެ.

ވަސީމަށް ހީކުރެވުނީ ރަނގަޅަށެވެ. ޖުވައިރިއްޔާ އާއި ދެބަސްވީ ދުވަހަށް ފަހު އިމާމާ ވަރަށް ބަސް މަދުވެއްޖެއެވެ. ޖެހިގެން އައި ދުވަހު ޖުވައިރިއްޔާ މާފަށްވެސް އެދުނެވެ. ނަމަވެސް އިމާމާގެ ހިތަށްކުރި އަސަރު ފިލައެއް ނުދެއެވެ. ޖުވައިރިއްޔާގެ ވާހަަކައިން އިމާމާ އަށް އިތުރަށް އޮޅުން އެރީއެވެ. އެ ވާހަކަ ތަކާއެކު އޭގެ ދޮޅު އަހަރުކުރިން ތަޙްރީމާ ޖެހުނު މައްސަލަ ހަނދާނަށް އައެވެ. ދީނާ ބެހޭގޮތުން އިތުރަށް ކިޔައި އޮޅުންފިލުވަން އޭނާއަށް މަޖުބޫރުވީ އެ ދެބަސްވުންތަކުގެ ސަބަބުންނެވެ. ޖުވައިރިއްޔާ މި ދުނިޔެއިން އެދޭ އެންމެ ބޮޑު އެދުމަކަށް ވީ އިމާމާ އިސްލާމް ދީން ގަބޫލުކުރުމެވެ.

ޖުވެއިރިއްޔާގެ ވާހަކައިން އިމާމާގެ ހިތުގައި އެ ދުވަހު ލައްކަ ސުވާލު އުފެދުނެވެ. "އަހަންނަކީ މުސްލިމެއް ނޫންތަ؟ އަހަންނަކީ މުސްލިމެއް ކަމަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް ގަބޫލުނުކުރަނީތަ؟ މިއީ އަހަރުމެންގެ އަގީދާ އާ ބެހޭގޮތުން މީހުން ފަތުރާ ދޮގު ވާހަކައިގެ ނަތީޖާތަ؟ އަހަރުމެންނާ ދިމާއަށް އެކަނި އިނގިލި ދިއްކުރަނީ ކީއްވެ؟ ނުބައި މަގު ޚިޔާރުކޮށްގެން ތިބީ އަހަރެމެންތަ؟ އަަހަރެމެން ނަބިއްޔެއް ކަމަށް ބަލައިގެންފައިވަނީ ނުބައި ފަރާތެއްތަ؟ އެކަމަކު އެހެންވާންވީ ކީއްވެ؟ އަހަރެންގެ އާއިލާ އާއި މުޅި ޖަމާއަތުން އެފަދަ ނުބައި ކަމެއް ކޮށްފާނެތަ؟"

މި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައި ޖެހިގެން އައި ހަފްތާގައި އިމާމާ ޚަތިމެއް ގަތެވެ. އެ ޚަތިމުގައި މަޝްހޫރު ދީނީ އިލްމުވެރިޔެއްގެ ތަރުޖަމާ އާއި ތަފްސީރު ލިޔެފައި ހުއްޓެވެ. އޭނާ ބޭނުންވީ އިިސްލާމް ދީނުގެ އެހެން ފިރުގާ ތަކާއި އޭނާގެ ފިރުގާ އާއި ތަފާތުވާ ގޮތް ދެނެގަންނާށެވެ. މީގެ ކުރިންވެސް އޭނާ ވަނީ ގުރުއާނުގެ ތަރުޖަމާ ކިޔާފައެވެ. އެކަމަކު އެއީ އޭނާ ނިސްބަތްވާ ޖަމާއަތުގެ މީހުން ކިޔަން ބުނި ތަރުޖަމާއެވެ. އޭނާ ކުރިން ކީ ތަރުޖަމާއަކީ ބަދަލު ގެނެސްފައިވާ އެއްޗެއް ކަމެއް މި އިލްމުވެރިޔާގެ ތަރުޖަމާ ކިޔުމުގެ ކުރިން އޭނާއަކަށް ނޭނގެއެވެ. އޭނާ ނިސްބަތްވާ ޖަމާއަތުގެ މީހުން ކިޔާ ތަރުޖަމާ އާއި އަސްލާ ތަފާތުކަމެއް ނޭނގެއެވެ. އެކި ފިރުގާ ތަކުގެ އިލްމުވެރިން ލިޔެފައި ހުރި ތަރުޖަމާތައް ފަހަރަކު ތަރުޖަމާއެއް އޭނާ ކިޔަމުން ދިޔައެވެ. އެއިން އެއްވެސް ތަރުޖަމާއެއްގައި އޭނާގެ ފިރުގާގެ މީހުން ގެނެސްފައި ހުރި ކަހަލަ ބަދަލެއް ގެނެސްފައެއް ނެތެވެ. މާނަކުރުމުގައި ތަފާތު ތަކެއް ހުރި ނަމަވެސް. އެކި ތަރުޖަމާތައް އަޅައިކިޔަން ފެށުމުން އޭނާގެ އޮޅުންބޮޅުން ދިޔައީ އިތުރުވަމުންނެވެ. އެއިން ކޮންމެ ތަރުޖަމާއަކުން ޔަގީންވީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ﷲ ގެ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާކަމެވެ. މުޙައްމަދުގެފާނަށް ފަހު އެހެން ނަބިއްޔަކު ފޮނުއްވި ވާހަކައެއް އެއިން އެއްވެސް ތަރުޖަމާއެއްގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައެެއް ނެތެވެ. އަދި ފޮނުއްވާނެ ކަމަށް ވައުދުވެވޮޑިގެންވީ މަސީހަކީ ކާކު ކަން ވެސް ސާފުވިއެވެ. ދީނީ އިމާމުގެ ފަތުވާ އާއި ކަން ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން އުފެދިފައި ހުރި ޚިލާފުތައް ވެސް ތިލަވެ ސާފުވިއެވެ. ނަބީކަމަށް ދައުވާ ކުރުމުގެ ކުރިން މިރުޒާ އަޙްމަދު ވަނީ ޢިސާ ޢަލައިހިއްސަލާމްގެ އަބުރުފުޅަށް ހުުތުރުވާފަދަ އެތައް ވާހަކައެއް ދައްކައިފައެވެ. އެކަމަކުވެސް ޢީސާގެފާނުގެ ރޫޙު އޭނާގެ ހަށިގަނޑަށް ވާސިލުވެފައިވާ ކަމަށް ދައުވާ ކުރިއެވެ. މިއީ ތެދެއް ކަމަށް ގަބޫލު ކުރި ނަމަވެސް ހަދީސަށް ބަލާއިރު ޢީސާގެފާނު ދެވަނަ ފަހަރަށް ފައުޅު ކުރެއްވުމަށް ފަހު ސާޅީސް އަހަރު ވާންދެން ދުނިޔޭގައި އުޅުއްވާނެއެވެ. އެ ސާޅީސް އަހަރު ފުރިހަމަވާ އިރު ދުނިޔޭގެ ހަތަރުބިތަށް އިސްލާމްދީން އޮންނާނީ ފެތުރިފައެވެ. އެކަމަކު ކަންތައް ހިނގައި ދިޔައީ އެހެންނެއް ނޫނެވެ ޢީސާގެފާނުގެ ރޫޙު ކަމަށް ހެދިގެން އުޅުނު މީހާ މަރުވީ އިރަކު އިސްލާމް ދީން މުޅި ދުނިޔެއަށް ފެތުރިފައެއް ނެތެވެ. އަދި ކީއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ޖެހިގެން މި އޮތް އިންޑިއާގެ މުސްލިމުންނަށް ވެސް އެ މީހުން ބޭނުންވާ ދީނީ މިނިވަންކަމެއް ނުލިބެއެވެ. މައުލޫމާތު ހޯދުނު ވަރަކަށް ރަސޫލުބޭކަލުންނާ ނަބީ ބޭކަލުންނާ މެދު އަޙްމަދީ އިމާމު ބޭނުންކޮށްފައިވާ ބަސްމަގު ހުތުރުކަން އިމާމާއަށް އިހުސާސް ކުރެވުނެވެ. ނަބީ ކަމަށް ދައުވާކުރާ އެއްވެސް މީހަކު ނުވަތަ ނަބިއްޔަކު އެފަދަ ބަސްމަގެއް ގެންގުޅުއްވަފާނެ ކަމާމެދު އިމާމާ ގެ ހިތުގައި ސުވާލު އުފެދުނެވެ.

މީހަކަށް ހިލަމެއް ވެސް ނުވާގޮތަށް ކުރިން ކިޔަމުން އައި ދީނީ ފޮތްތައް ދޫކޮށް އިމާމާ އެހެން ފޮތްތައް ކިޔަން ފެށިއެވެ. އެ ދީނަށް (އަޙްމަދީ އަގީދާއަށް) ހުރި ޝައުގުވެރިކަން ވެސް ކުޑަވިއެވެ. އަދި އެ އަގީދާ އާ މެދު ޝައްކު އުފައްދަން ފެށިއެވެ. ޖުވައިރިއްޔާ ގާތު މި ވާހަކައެއް އޭނާ ނުބުނެއެވެ. އިމާމާ ގެއަށް ގެންނަނީ ކޮން ފޮތްތަކެއް ކަމެއް، އޭނާ ކިޔަނީ ކޮން އެއްޗެއް ކަމެއް އާއިލާގެ އެއްވެސް މީހަކަށް ނާންގައެވެ. ފޮތްތައް ހުންނަނީ ރައްކާތެރިކަމާއެކު ފޮރުވާފައެވެ.

***

އެއްދުވަހަކު ވަސީމް ފޮތެއް ހޯދަން އިމާމާގެ ކޮަޓަރިއަށް އައިސް ފޮތްތައް ހާވަމުން ދަނިކޮށް އޭނާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ އިމާމާ ފޮރުވައިގެން ގެންގުޅޭ ޤުރްއާނުގެ ތަރުޖަމާއެވެ. ވަސީމުގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

"އިމާމާ، މިއީ ކޯޗެއް؟" އިމާމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. 

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.