އެމެރިކާގައި ބަނގުރާ އުފައްދާ މަޝްހޫރު ކުންފުންޏެއްގެ ބިޔަ ގުދަނެއްގައި އަލިފާން ރޯވެ 45 ފީފާ ވިސްކީ އަނދައިފިއެވެ.
އެ ގުދަނުގައި އަލިފާން ރޯވީ އަންގާރަދުވަހުގެރޭ 11:30 ގައެވެ. އެ އަލިފާންގަނޑު ބުދަދުވަހުގެ މެންދުރާ ހަމައަށް އަނދަ އަނދައި ހުއްޓެވެ. އަލިފާންނިވާ މީހުން ބޮޑަށް މަސައްކަތްކުރަމުން ދިޔައީ ކައިރީގައި ހުރި އެހެން ގުދަންތައް ސަލާމަތްކުރުމަށާ، ވިސްކީ ކައިރީގައި އޮތް ކޯރަށް އެޅިދާނެތީ އެކަން ހުއްޓުވުމަށެވެ.
އަނދައިގެން ދިޔައީ ވިސްކީގެ އެންމެ އަގު ބޮޑު އެއް ބާވަތް ރައްކާކުރާ ގުދަނެއް ކަމަށްވެއެވެ. އަނދައިން ދިޔަ ވިސްކީގެ މިންވަރު އާދައިގެ ފުޅިން ބަލައިފިނަމަ 6.75 މިލިއަން ފުޅިއަށް އަރައެވެ.
ކެންޓަކީ ސްޓޭޓްގެ ވާސާއީގައި ހުރި އެ ގުދަނަކީ އާދައިގެ ފުޓުބޯޅަ ދަނޑެއް ވަރުގެ ސަރަހައްދެއްގައި ހުރި، އެތައް ފަންގިފިލާއެއްގެ ގުދަނެކެވެ. ކެންޓަކީގެ ސަރުކާރުގެ އިސް މަސްއޫލުންވެރިން ވިދާޅުވާ ގޮތުގައި ގުދަނުގައި އަލިފާން ރޯވީ ހޮނުއެޅުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.
ބަނގުރާ އުފައްދާ ކުންފުނިން ބުނީ އެ ގުދަނުގައި ރޯވެ އަނދައިގެން ދިޔަޔަސް، އެ ކުންފުނީގެ އެހެން ގުދަންތަކުގައި ރައްކާކޮށްފައި ގިނަ އަދަދަކަށް ބަނގުރާ ހުރުމުން ގަންނަ ފަރާތްތަކަށް އެ ކުންފުނީގެ ބަނގުރާ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގައެވެ.