ތުރުކީއަށް އެމެރިކާއިން ގަނެފައިވާ އެފް-35 އަސްކަރީ މަތިންދާބޯޓުފަހަރު ތުރުކީއަށް ހަވާލުކުރަން އެމެރިކާން ދެކޮޅުހެދުން ވާނީ ފޭރުމުގެ އަމަލަކަށް ކަމުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ.
ތުރުކީން ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަންނަ މައްސަލައިގައި، އެމެރިކާއިން ދަނީ އެފް-35 މަތިންދާބޯޓު ހަވާލުނުކުރާނެ ކަމުގެ އިންޒާރުދެމުންނެވެ. އެމެރިކާގެ އިންޒާރުތާކާ އެކުވެސް ތުރުކީން ވަނީ ރަޝިޔާއިން އެސް-400 ގަތުން ހުއްޓާލުމަށް ދެކޮޅުހަދާފައެވެ. މި ހަފުތާގެ ކުރީކޮޅު ރައީސު އެރްދޮޣާން ވިދާޅުވެފައި ވަނީ ދިހަވަރަކަށް ދުވަހުގެ ތެރޭ އެސް-400 ގެ މިސައިލްތައް ތުރުކީއަށް ލިބެން ފަށާނެއެވެ.
"ތިބާ މުދާ ގަންނާނެ ބަޔަކު ހޯދަމުން ދަނިކޮށް، ބަޔަކު ތިބާގެ ގާތަށް އައިސް މުދާ ގަންނަން ފައިސާދެއްކުމަށް ފަހު، އެ މުދާ ނުދީ ތިބާ ހުންނާނީ ކިހިނެއް؟ އެކަން ވާނީ ފޭރުމަކަށް" ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވަމުން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.
އެރްދޮޣާން ވިދާޅުވި ގޮތުގައި އެފް-35 ގެ އަސްކަރީ މަތިންދާބޯޓު ގަތުން ތުރުކީން ވަނީ އެމެރިކާއަށް 1.4 ބިލިއަން ޑޮލަރު ދައްކާފައެވެ. އަދި އެމެރިކާއިން މިހާތަނަށް 4 ބޯޓު ހަވާލުކޮށްފައި ވާއިރު، ތުރުކީގެ ޕައިލެޓުން ވަނީ އެ ބޯޓު އުދުއްސުމުގެ ތަމްރީނުތައް ހަދަން އެމެރިކާއަށް ގޮސްފައެވެ.
"އަހަރުމެން ވަނީ އެފް-35 ގެ 116 މަތިންދާބޯޓު ގަތުމަށް އެއްބަސްވެފައި. އަހަރުމެންނަކީ ހަމައެކަނި ގަންނަ ބައެއް ނޫން. އެމީހުންނާ ގުޅިގެން އުފައްދާ ބައެއްވެސްމެ. (އެ ބޯޓުގެ) ބައެއް ބައިތައް އުފައްދަނީ ތުރުކީގައި" އެރްދޮޣާން ވިދާޅުވިއެވެ.
އެސް-400 ގަތުން ތުރުކީން ހުއްޓާނުލައިފިނަމަ "ހަގީގީ އަދި ސަލްބީ (ނެގެޓިވް) ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) ގެ ތަރުޖަމާނު ވަނީ ފާއިތުވި ހަފުތާގައި ދީފައެވެ.
ރަޝިޔާއިން އެސް-400 ގަތުމަށް ހަދާފައިވާ އެއްބަސްވުން ޖުލައި 31 ގެ ކުރިން އުވާނުލައިފިނަމަ، އެމެރިކާގައި ތަމްރީނު ހޯދަމުންދާ ތުރުކީ ޕައިލެޓުން އެމެރިކާއިން ބޭރުކޮށްލާނެ ކަމުގެ އިންޒާރުދެއްވައި އެމެރިކާގެ ދިފާއު ވުޒާރާ ހިންގެވުމާ ހަވާލުވެހުންނެވި ޕެޓްރިކް ޝަނަހަން ވަނީ ފާއިތު ޖޫން މަހު ތުރުކީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ތުރުކީން ވަނީ އެސް-400 ވައިގެ ދިފާއީ ނިޒާމުގެ ހަތަރު ބެޓާލިއަން ސެޓް ގަމުތަށް ޑިސެންބަރު 2017 ގައި ރަޝިޔާއާއެކު 2.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެޓާލިއަން ސެޓެއްގައި މިސައިލް ފޮނުވާލާ 8 ހަރު ހިމެނޭއިރު، ކޮންމެ ހަރެއްގައި 4 މިސައިލް ހުރެއެވެ.