ސްޕޭންގެ ސެއުޓާގެ މިސްކިތަކަށް ބަޑިން ހަމަލާދީފި

ސެއުޓާގައި ހުންނަ މައުލާޔަ އަލްމަހްދީ މިސްކިތް

އުތުރު އެފްރިކާގައި އޮންނަ ސްޕޭންގެ ރަށެއްކަމުގައިވާ ސެއުޓާ (ސިބްތާ) ގެ މިސްކިތަކަށް މިއަދު ބަޑިން ހަމަލާދީފިއެވެ. މޫނު ނިވާކޮށްގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ މިއަދު ފަތިސް ނަމާދު ވަގުތު ސެއުޓާގެ  މިސްކިތަކަށް އަމާޒުކޮށް ބަޑީގެ ހަތަރު ވަޒަން ފޮނުވާލާފައެވެ.

އެ ރަށުން ލިބޭ ޚަބަރުތައް ބުނާގޮތުގައި، ހަމަލާދިން މީހާ ބަޑި ޖަހާފައި ވަނީ އެ ރަށުގެ މައުލާޔަ އަލްމަހްދީ މިސްކިތުން ފަތިސް ނަމާދުކޮށް ފޭބި މީހުންނާ ދިމާއަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

"މިއަދު ފަތިހުގެ ހަމަލާގައި މިސްކިތަށް ވަނީ ތިން ވަޒަން އަރާފައި." ސެއުޓާގައި ހުންނަވާ ސްޕޭން މައި ސަރުކާރުގެ މަންދޫބު ވިދާޅުވިއެވެ. އެހެންނަމަވެސް، ފުލުހުންނާ ހަވާލާދީ ސްޕޭންގެ އީއީއީ ނިއުސް އެޖެންސީން ޚަބަރުދިން ގޮތުގައި މިސްކިތަށް ވަނީ ހަތަރު ވަޒަން އަރާފައެވެ.

މައުލާޔަ އަލްމަހްދީ މިސްކިތަކީ ސެއުޓާގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ. އެއީ 1940 ވަނަ އަހަރު ބިނާކުރެވިފައިވާ، 1500 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. މި މިސްކިތް ވަނީ 2008 ވަނަ އަހަރު މަރާމާތުކޮށްފައެވެ.

ސެއުޓާއަކީ އުތުރު އެފްރިކާގައި މޮރޮކޯ (މަޣުރިބު) އާ އިންވެގެން، ސްޕޭންގެ ސިޔާދަތުގެ ދަށުގައި އޮންނަ، ދާޚިލީ މިނިވަންކަން ލިބިގެންވާ ރަށެކެވެ. 18.5 އަކަ ކިލޯމީޓަރު ހުންނަ އެރަށުގެ އާބާދީއަކީ 85 ހާސް މީހުންނެވެ. މުސްލިމުންގެ ނިސްބަތަކީ %40 އެވެ.

ހަމަލާއަށް ފަހު މިސްކިތް ހުރި ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.