ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ނުފޫޒު ފޯރުވައިފައިވޭތޯ ބަލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެހެނިހެން މުޢައްސަސާ ތަކުގެ މިނިވަން ކަމަށް ސުޕްރީމް ކޯޓުން އަރައިގެންފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާއެއް ކުރަން ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީގެ ޑިރެކްޓަރ އަދި މިވަގުތު އެތަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު އުފުއްލަވަމުން ގެންދަވާ (އެކްޓިން ސެކްރެޓަރީ ޖެނެރަލް) ޙަސަން ޒަހީން ވިދާޅުވީ އެ ދިރާސާ ކުރުމަށް ނިންމައިފައިވަނީ ބޭރުގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ. އެއީ ކޮމިޝަންގެ ނިންމެވުމެއް ކަމަށާއި އެގޮތަށް ނިންމެވީ ތިންވަނަ ފަރާތެއް މެދުވެރިކޮށް އެކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ބޭރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ވެސް ކޮމިޝަނުން ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކޮމިޝަނުން އެގޮތަށް ނިންނެވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޤާނޫނީ ޝަރުތު ހަމަތޯ ބެއްލެވުންއެދި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަހީން ވިދާވީ ފަނޑިޔާރުންގެ މަސައްކަތުގެ ޤާބިލްކަން ބެލުމަށް 2014 ވަނައަހަރު ވަނީ ޤަވާޢިދެއް ހަދައި ގެޒެޓު ކޮށްފައި ކަމަށެވެ. އެހެންވީމާ ފަނޑިޔާރުން ޤާބިލް ކަމާއި ފެންވަރު ބެލުމަށް މީހާރުން މިހާރަށް ވެސް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ ވީހާވެސް އަވަހަށް އެކަން ކުރުމަށް މިއަދު ވަނީ ނިންމާފައި ކަމަށެވެ. " އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވިޔަސް ދަށުކޯޓުގެ ފަނޑިޔާރެއް ކަމަށްވިޔަސް އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް އެޤަވާއިދުގެ ދަށުން ފަނޑިޔާރުންގެ ޤާބިލްކަން ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވައި މަޖިލީހަށް ޖަވާބު ދިނުމަށް މިއަދު ވަނީ ނިންމާވާފައި،" ޒަހީން ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށްވާތީ އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ބޭރުގެ ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.