ރިލްވާންގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ މައްސަލަ ބެލުމަށް ނިންމައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން މައްސަލަ ތަހްޤީޤްކުރުމުގައި ފުލުހުން އިހްމާލު ވެފައިވާ މައްސަލަ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ. މިގޮތަށް މަޖިލީހުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ރިލްވާންގެ މައްސަލައިގައި ގޮތެއް ނިންމައި ހުށަހެޅި ރިޕޯޓަށް ހުށަހެޅުނު އިސްލާހަކާއެކު އެ ރިޕޯރޓް މަޖިލީހުން ފާސް ކުރައްވައިގެންނެވެ.

ކޮމެޓީން ނިންމަވައިފައިވަނީ ރިލްވާން ގެއްލުވާލީ މައްސަލަ އަކީ ރިޔާސީ ކޮމިޝަނުން ބަލަމުން ދާ މައްސަލަ އަކަށް ވުމުން މަޖިލީހުން އެމައްސަލަ ބެލުމުގެ ބޭނުމެއް ނެތްކަމަށެވެ.  

ކޮމެޓީން ހުށަހެޅި ރިޕޯރޓްގެ ބަހުސްގައި މި އިސްލާޙު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިންނެވެ. މިއިސްލާޙު ހުށަހެޅި ސަބަބު ހާމަކުރައްވަމުން މެމްބަރ ޙިސާން ވިދާޅިވީ ރިޔާސީ ކޮމިޝަނަކީ، ފުލުހުންގެ އިހްމާލުގެ މައްސަލަ ބެލުމުގެ މެންޑޭޑް ލިބިފައިވާ ކޮމިޝަނެއްނޫން ކަމުގައެވެ.

އަޙްމަދު ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އެއާޢިލާގެ ފަރާތުން ޓަކި ނުޖަހާ އެއްވެސް ދޮރެއް ދިވެހިރާއްޖޭގައި ނުހުންނާނެކަމަށް ޙިސާން ވިދާޅުވިއެވެ. މަޖިލީހާއި ފޮލިސް ސާވިސް އާއި ނެޝެނަލް އިންޓަރގްރިޓީ ކޮމިޝަނާއި ކޯޓްތަކާއިއެ ހުރިހާ ތާކުން ވެސް އެ އާޢިލާއަށް އެ މައްސަލައިގައި ބީރު ކަންފަތެއް ދީފައިވާކަމަށް ޙިސާން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަޙުމަދު ރިލްވާންގެ މައްސަލައިގައި ޢަމަލުކުރި ގޮތާއި ގަސްދުގައި ނުކޮށް ދޫކޮށްލިކަންކަން ފާހަގަކޮށް ތަފްސީލްކޮށް މައްސަލައެއް ސިވިލް ކޯޓަށާއި ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނަށާއި ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށްވެސް ހުށަހެޅިފައިވާކަން ޙިސާން ފާހަގަ ކުރެއްވިއެވެ. އެ މައްސަލައިގެ ތަޙްޤީޤްގައި ފުލުހުން އިހްމާލްވި މައްސަލަ މަޖިލީހުން ބައްލަވާއިރު ނެޝެނަލް އިންޓަރގްރިޓީ ކޮމިޝަނުން ވެސް އެ މައްސަލަ ނުބެއްލެވީ ކީއްވެގެންތޯ ބަލަންޖެހޭކަމަށް ޙިސާން ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ހުށަހެޅި ރިޕޯރޓްގައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އަޙްމަދު ނާޒިމް ގޭގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަދެ ބައެއްތެކެތި ގެންދިޔަ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ހުށަހަޅައިފައިވާ މައްސަލަވެސް އެ ކޮމެޓީން ނުބެލުމަށެވެ.

ނާޒިމްގެ މައްސަލައާއި ރިލްވާނެގެ މައްސަލައަކީ ވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ ދެމައްސަލައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.