ޖަލުގެ ކަންކަން ޢާއްމު ޙާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތައް ދަނީ ކުރަމަތިވަންމުން: ހޯމް މިނިސްޓްރީ

ޖޫންމަހު 20 ވަނަ ދުވަހު  ހަވީރު މާފުށީ ޖަލުގައި ހިނގާދިޔަ ޙާދިސާއަށްފަހު ބަންދުގައި ތި ބައެއް މީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޖަލުގެ ކަންކަން ޢާއްމުޙާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓް ގެ ކެމެރާތައް ވެސް ވަނީ ތަޅާލައިފައި ކަމަށެވެ. އަދި އެ ޔުނިޓުގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓު ފުރިހަމަޔަށް ބަލާފާސްކުރުމަށް ނިންމާ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދަނީ ވަމުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އިސްވެދެންނެވުނު ސަބަބުތަކާހުރެ ކުރިޔަށްގެންދިއުމަށް ތައްޔާރުވަމުންދާ ބަލާފާސްކުރުމުގެ އެންމެހައި ކަންކަން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައި، ފުރިހަމައަށް ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކުރެވިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ."

 މި އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބޭނުންވާނަމަ އެ ފުރުސަތު ދެއްވާނެ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ގާނޫނުތަކާއި ޤާވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަޚުލާޤީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. ބާރުގެ ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށްމިންވަރަށް ކަމަށްވެސް ވެސް ވިދާޅުވެފައިވެއެވެ.

ޖޫން 20 ވަނަ ދުވަހު ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން މިމިނިސްޓްރީ އިން ގެންގުޅޭ ސިޔާސަތަކީ ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށްފެންނަ އުސޫލަކުން މަޢުލޫމާތު ހާމަކޮށް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރިއަށްގެންދިއުމެވެ. ވީމާ ހަގީގަތާ ޚިލާފު މައުލޫމާތު އާންމުކޮށް، އެފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.