ދައުރު ނިންމާލާނީ މިނިވަން މެމްބަރެއްގެ ގޮތުގައިހުރެ: ނަސީމް

އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ދައުރު ނިންމަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ އިންތިޚާބު ކޮށްދިން ގޮތުގައިހުރެ ދައުރު ނިންމުން އެއީ ރައްޔިތުން އެދޭގޮތް،" ނަސީމް ވިދާޅުވިއެވެ.

މިހާތަނަށް އެއްވެސް ޕާޓީއަކާ ގުޅުމުގެ ދަޢުވަތެއް  އޭނާއަށް ލިބިފައިވާ ކަމަށް ވިދާޅެއް ނުވެއެވެ. ލިބުނަސް ރައްޔިތުންގެ އެދުމާ ދެކޮޅު ހެދުމުގެ ވިސްނުމެއް އޭނާ ނުގެން ގުޅުއްވައެވެ.

ނަސީމް ވާހަކަ ދެއްކެވި ގޮތުން އޭނާ ސިޔާސީ ޕާޓީއަކާ ގުޅެން  ނިންމަވާނީ ވެސް ތުލުސްދާއިރާގެ ރައްޔިތުންނެވެ.

"ސިޔާސީ ޕާޓީއަކަށް ބަދަލުވާނަމަ އެކަން ކުރާނީ އެކަމަށް ރައްޔިތުން އެދޭކަމަށްވާނަމަ. ރައްޔިތުންގެ ބަހަކާ ނުލައި އެފަދަ ކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއްނެތް. ގޮނޑިއަށް އިންތިޚާބު ކޮށްދިނީ ވެސް ރައްޔިތުން. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރާނީ،" ނަސީމް ވިދާޅުވިއެވެ.

އޭނާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ބިނާކުރަނިވި ފާޑުކިޔުންތަކާއި ޚިޔާލުތައް ބަހުސް މަރުޙަލާގައި ފާޅުކުރަމުންދާ މެމްބަރުންގެ ތެރޭގައި ހިމެނޭ ޒުވާން ބޭފުޅެކެވެ.

ނަސީމް އަމިއްލަ ގޮތުން ވާދަކޮށް ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެގޮނޑިއަކީ 19 ވަނަ މަޖިލީސް އިންތިޚާބުގައި އެންމެ އަވަހަށް ކަށަވަރު ކުރެވުނު ގޮނޑި ތަކުގެ ތެރޭގައި ހިމެނޭ ގޮނޑިއެއް ވެސް މެއެވެ.

ނަސީމަކީ ދާއިރާގެ ރައްޔިތުންނާ ގުޅުން ބޮޑު މެމްބަރެކެވެ. އެ ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމުގެ މަސައްކަތް އޭނާ މިހާރުވެސް ކުރައްވައެވެ. އެގޮތުން ތާވަލުކޮށްގެން ދާއިރާގެ ރަށްރަށަށް ދަތުރުތަކެއް ކުރުމަށް ވެސް އޭނާ ވަނީ ރާވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.