'ގަރުނުގެ އެއްބަސްވުމުގެ' އިގްތިސާދީ ބައި އެމެރިކާއިން ހާމަކޮށްފި

ޖަރެޑް ކުޝްނާ: އޭނާގެ ސުލްހައިގް ޕްލޭން ގަބޫލުކުރުމަށް ފަލަސްޠީނުން ވަނީ ދެކޮޅުހަދާފައި

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ރައީސު ޓްރަމްޕުގެ ސަރުކާރުން އެކުލަވާލާ 'ގަރުނުގެ އެއްބަސްވުމުގައި' ހިމެނޭ އިގްތިސާދީ ބައި އިއްޔެ ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

އިއްޔެ ހާމަކުރި ބައިގައި ވާގޮތުން ފަލަސްޠީނު މީހުންނަށާއި، އަވަށްޓެރި އަރަބި ގައުމުތަކަށް އެހީވުމަށް 50 ބިލިއަން އެމެރިކާ ޑޮލަރުގެ ބައިނަލްއަގުވާމީ އިންވެސްޓްމަންޓް ފަންޑެއް ގާއިމުކުރެވޭނެއެވެ. އެ ފަންޑު ވެގެންދާނީ މެދުއިރުމަތީގެ ތަރައްގިގެ 'އިންޖީނަށެވެ.'

ވައިޓްހައުސްގެ ރަސްމީ ވެބްސައިޓްގައި މި ޕްލޭން ހާމަކޮށްފައި މިވަނީ 'ގަރުނުގެ އެއްބަސްވުމުގެ' އިގްތިސާދީ ބަޔާ ބެހޭ މައުލޫމާތު ދިނުމަށް ބަހްރޭނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ދެ ދުވަސް ކުރިންނެވެ. ބަހްރޭންގެ ވެރިރަށް މަނާމާގައި މި ބައްދަލުން ކުރިއަށް މިގެންދަނީ ފަލަސްޠީން ދެކޮޅުހަދަމުން ދަނިކޮށެވެ. ފަލަސްޠީނުން  އެ ބައްދަލުވުމުގައި ބައިވެރިނުވާނެއެވެ. އިރާގާއި ލެބެނާނުންވެސް ވަނީ ބައިވެރިނުވަން ނިންމާފައެވެ.

މަނާމާގައި މި މަހުގެ 25 އިން 26 އަށް ބާއްވަން ހަމަޖެހިފައިވާ 'ޕީސް ޓު ޕްރޮސްޕަރިޓީ' ބައްދަލުވުމުގައި ބައިވެރިވާނެކަން މިސްރާއި ޖޯޑަނުން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. ސައުދީ އަރަބިއްޔާއާއި ބަހްރޭނުންވެސް ބައިވެރިވާނެއެވެ. އދ.ން ވެސް ވަނީ މަންދޫބުން ފޮނުވަން ނިންމާފައެވެ.

ފަލަސްޠީނުގެ ރައީސު މަޙްމޫދުވަނީ ރައީސު ޓްރަމްޕާއި އޭނާގެ އިސް މުޝީރު ޖަރެޑް ކުޝްނާ އިސްކޮށް ތިއްބަވައިގެން އެކުލަވާލާފައިވާ އެއްބަސްވުމާ އެއާ ގުޅޭ އިގްތިސާދީ ޕްލޭން ފަލަސްޠީނުން ގަބޫލުނުކުރާކަން ހާމަކުރައްވާފައެވެ.

"ސިޔާސީ ހާލަތަށްވުރެ ކުރިން އިގްތިސާދީ ހާލަތާމެދު ވާހަކަދެކެވިގެން ނުވާނެ. ސިޔާސީ ހައްލެއް ނުފެންނަހާ ހިނދަކު އިގްތިސާދީ ހައްލުގެ ކަންތަކާ އަހަރުމެން ނޫޅޭނަން." ރައީސު އައްބާސް އިއްޔެ ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން ހުށަހަޅާ އިގްތިސާދީ ޕްލޭނުގައި ވާގޮތުން ފަލަސްޠީނާއި އެގައުމުގެ އަވަށްޓެރި ގައުމުތުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދު ކުރުމަށް 50 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމްކުރެވޭނެއެވެ. އެމެރިކާއިން ރާވަނީ މިފަންޑުގެ ބޮޑުބައި މުއްސަނދި އަރަބި ގައުމުތަކުން ހޯދުމަށެވެ.

ޕްލޭންގައިވާ ގޮތުން 28 ބިލިއަން ޑޮލަރު ޚަރަދުކުރެވޭނީ ހިފާފައިވާ ހުޅަނގު އައްސޭރިއަށާއި، ޣައްޒާއަށެވެ. ޖޯޑަންގެ އިގްތިސާދަށް 7.5 ބިލިއަން ޑޮލަރު ވަންނައިރު، ލެބެނާނަށް 6 ބިލިއަން އަދި މިސްރަށް 9 ބިލިއަން ޑޮލަރު ލިބޭނެއެވެ.

15 ބިލިއަން ޑޮލަރު ދެނީ ހިލޭ އެހީގެ ގޮތުގައެވެ. 25 ބިލިއަން ޑޮލަރު އިންޓެރެސް ކުޑަ ލޯނުގެ ގޮތުގައި ދޭއިރު، ބާކީ ފައިސާ އިންވެސް ކުރާނީ އަމިއްލަ ފަރާތްތަކުންނެވެ. ހުޅަނގު އައްސޭރިއާ ޣާއްޒާ ގުޅައިލުމަށް ޓްރާންސްޕޯޓް ކޮރިޑޯއެއް ހެދުމަށް މި ޕްލޭނުގައި 5 ބިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެވެ.

އިގްތިސާދީ ޕްލޭނާ ބެހޭގޮތުން ވާހަކަދައްކަވަމުން ޖެރަޑް ކުޝްނާ ވިދާޅުވީ 10 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށް އެކުލަވާލެވޭ މި ޕްލޭނުގެ ސަބަބުން ފަލަސްޠީނުގެ ބިންތަކުގައި 1 މިލިއަން ވަޒީފާ އުފެދިގެން ދާނެއެވެ އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް %30 އިން އެއް އަކުރުގެ އަދަދަށް ތިރިވާނެއެވެ.

ސުލްހައިގެ ވާހަކަތަކުން ފަލަސްޠީނު މަންދޫބެއްގެ ގޮތުގައި މަސައަކަތްކުރެއްވި ޙަނާން ޢަޝްރާވީ ވަނީ ކުޝްނާގެ ވާހަކަތަކަށް ރައްދުދެއްވާފައެވެ.

"ފުރަތަމަ ޣައްޒާގެ ހިސާރު ދޫކޮށްލާ. އިސްރާއީލުން ފަލަސްޠީނުގެ ބިމާއި، އަހަރުމެންގެ ވަސީލަތްތަކާއި، ފައިސާ ވަގަށް ނެގުން ހުއްޓާލާ. އަހަރުމެންނަށް އެއް ތަނުން އަނެއް ތަނަށް ގޮސް ހަރަކާތްތެރިވުމުގެ މިނިވަންކަންދީ. އަހަރުމެން ސަރަހައްދީ ރޮނގުތަކާއި، ޖައްވާއި، ކަނޑުތަކުގެ ކޮންޓްރޯލް އަހަރުމެންނަށްދީ." "އެއަށްފަހު، މިނިވަން ގައުމެއްގެ ގޮތުގައި އަހަރުމެން ހަރަކާތްރި، ތިޔާގި އިގްތިސާދެއް ބިނާކުރާތަން ބަލަން ތިބޭ."އަޝްރާވީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.