ރައީސް ސޯލިޙުގެ ސަރުކާރުގެ ގަދަކަމަކީ ޖަލުގައި ހިނގި ކަންކަން ސިއްރު ނުކުރުން: މަހްލޫފް

މާފުށީ ޖަލުގައި ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން ޖަލުގައި ހިނގައިދިޔަ ހާދިސާގައި ސަރުކާރުން އަމަލުކުރި ގޮތާމެދު ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.

މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅޭގޮތުން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ނުބައި ގައިދީންނާއި ރަނގަޅު ގައިދީންވެސް އުޅޭ ކަމަށާއި، އަދި ރަނގަޅު އޮފިސަރުންނާއި ގޯސް އޮފިސަރުންވެސް އެތަނުގައި އުޅޭ ކަމަށެވެ. މަހްލޫފް ވިދާޅުވީ ޖަލުގައި ދިމާވެގެން އުޅޭ ހާދިސާގެ ހަގީގަތް އެނގޭނީ ތަހުގީގު ކުރުމުން ކަމަށެވެ.

"ރައީސް ސޯލިޙުގެ ސަރުކާރުގެ ގަދަކަމަކީ އެކަންކަން ސިއްރު ނުކުރުން، ބަލަން ފެށުން، ގޯހީ ގައިދީތޯ އޮފިސަރުތޯ ބުނަން ފަސްނުޖެހޭނެ" މަހްލޫފް ވިދާޅުވިއެވެ.

ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބަޔެއް ކޮމިޓީ ތަކުންވެސް ބުނެފައި ވަނީ މިމައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށެވެ. މިމައްސަލައިގައި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ ބަޔެއް މެމްބަރުންވެސް ވަނީ ހޯމް މިނިސްޓްރީން ޖަލުގެ ހާދިސާ ސިއްރު ނުކޮށް ހާމަކުރެއްވުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެކޮމިޓީން ވަނީ ޖަލުގެ މައްސަލައާ ގުޅުންހުރި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންވެސް ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައެވެ.

ޖަލުގެ ހާދިސާއާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ މިއަދު ޖަލަށް ވަޑައިގެންފައެވެ. މިނިސްޓަރ ޖަލަށް ވަޑައިގަތީ އެހާދިސާގެ މައުލޫމާތު ވީހާވެސް ބޮޑަށް އޮޅުން ފިއްލެވުމަށް ކަމަށްވެއެވެ. ޖަލުގެ ހާދިސާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނީ ގައިދީންނަށް އަނިޔާވި މައްސަލަ ސަރުކާރުން ބަލައި ނުގަންނާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.