ޖަލުގެ ހާދިސާއާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަނީ

މިއަދު ބޭއްވި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް

މާފުށީ ޖަލުގައި ގައިދީއަކަށް އަނިޔާކުރި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރު ކުރަން ކޮމިޓީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުޙްސިން ޙަމީދު ތާއީދު ކުރެއްވުމާއެކު ވޯޓަކަށް ގޮސް ފާވި މިހުށަހެޅުމުގައިވާ ގޮތުން ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންގެ އިތުރުން ކޮމިޝަނާރ އޮފް ޕްރިޒަންސް އަދި ހިއުމަންރައިޓްސް ކޮމިޝަނުގެ މެމްބަރުންވެސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ވިދާޅުވީ ކޮމިޓީއަށް ހާޒިރު ކުރަން މެމްބަރުން ފާސްކުރެއްވި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ހުރިހާ ބޭފުޅުންނަށް ވީއެންމެ އަވަހަކަށް ދައުވަތު ފޮނުއްވާނެ ކަމަށެވެ. އަދި ޖަލުގެ މައްސަލައިގައި ކޮމިޓީން ކުރަންޖެހޭ މަސައްކަތް ވީހާވެސް އަވަސް ކުރައްވާނެ ކަމަށް ކުރިން ހިއުމަންރައިޓްސް ކޮމިޝަނުގެ މެމްބަރުކަންވެސް ކުރެއްވި ޖީހާން ވިދާޅުވިއެވެ.

ކޮމިޓީއަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން ހާޒިރު ކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ރިޕޯޓެއް ހޯދުމަށްވެސް ކޮމިޓީން މިއަދު ނިންމިއެވެ. ރިޕޯޓަށް ފަހު މުއައްސަސާތަކުގެ އިސްވެރިން ހާޒިރު ކުރާނެ ވަކި ދުވަހެއް މިއަދު ނުނިންމައެވެ.

ކޮމިޓީގެ ބަޔެއް މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ޖަލުގެ މައްސަލައިގައި ހޯމް މިނިސްޓްރީން ވަރަށް އަވަހަށް ބަޔާނެއް ނެރުއްވައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ޖަލު އޮފިސަރުން ބޭނުން ކުރެއްވި ކަމަށް އިއުތިރާފުވެ، އެކަމަށް އިންކާރު ނުކުރެއްވުމަކީ ހޯމް މިނިސްޓްރީން ކުރެއްވި ވަރަށް ރަނގަޅު ކަމެކެވެ. އަދި ޖަލާގުޅޭ މައްސަލައިގައި މީޑިޔާ ތަކުންވެސް ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ގެނެސް ނުދިނުމަށް ކޮމިޓީގެ ބަޔެއް މެމްބަރުން އެދިވަޑައިގަތެވެ.

ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނުމާއި ގުޅިގެން ޖަލުގައި ހިނގައިދިޔަ ހާދިސާގައި އެ ގައިދީ މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ ފަރުވާވެސް ދީފައެވެ. މިމައްސަލައިގައި ހޯމް މިނިސްޓްރީން ބުނަނީ އެމައްސަލަ ވަރަށް ރަނގަޅަށް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.