ޓޫރިޒަމް ތަރައްޤީ ކުރުމަށް އައްޑޫއިން ބިން ދޫކުރަން ކައުންސިލުން ނިންމައިފި

އައްޑޫ ސީޓީން ޓޫރިޒަމްގެ ބޭނުން ތަކަށް ބިން ކުއްޔަށް ދޭން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެހެންނަމަވެސް ބިންތައް ކުއްޔަށް ދޫ ކުރުމަށް އަދި އިޢުލާން ކޮށްފައި ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ އެކަމާ ބެހޭ އިދާރީ މަސައްކަތްތަކެވެ.

އައްޑޫ ސިޓީގެ އަވަށްތަކުން ޓޫރިޒަމަށް ބިންދޫކުރުމަށް ފާސްކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލަށް އެކަން ހުށަހެޅި ފާސްކޮށްގެންނެވެ. އެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފެވެ. ޔަސްރިފުގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ކައުންސިލަރ ފައިސަލް އިބްރާހީމެވެ.

ޓޫރިޒަމާ ބެހޭ ޤަވާޢިދުގެ ދަށުން ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ އައްޑޫ ސިޓީގެ އަވަށްތަކުގައި ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ބިންތައް ކުއްޔަށް ދޭން ނިންމަވައި އެކަން އިޢުލާން ކުރައްވައިފައެވެ. އެކަން ނިންމަވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެހެންނަމަވެސް އަދާ ހަމައަށް އައިއިރުވެސް އެކަން ތަންފީޒު ވެފައެއް ނުވެއެވެ.

މިކަމާ ބެހޭ ގޮތުން އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވީ އައްޑޫ ސިޓީގެ އަވަށްތަކުން ޓޫރިޒަމްގެ ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރާނީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ކަމަށެވެ.

އައްޑޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސްހާސް އަކަފޫޓާއި ދިހަ ހާސް އަކަފޫޓާ ދެމެދުގެ ބިންތަކެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުން ވަރަށްބޮޑަށް އެދިއެދި ތިބި ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.