ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ބަލައެއް ނުގަންނަން: ހޯމް މިނިސްޓްރީ

ޖޫން 20 ވަނަ ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވި ޙާދިސާގައި ޙާލަތާ ނުބައްދަލު މިންވަރަށް ބޭރުގެ ބޭނުން ކުރައްވާފައިވާތީ އެއީ ސަރުކާރުން ބަލައި ގަންނަ ކަމެއް ނޫންކަމަށް މިނިޓްރީއޮފް ހޯމް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ "މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގައި ހާލަތާނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި، ބަންދުމީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިނުގަންނަ އަދި ކަނޑައެޅިގެން އެކަންކަން ކުށްވެރިކުރާކަންކަމެވެ."

އެ މަޢުލޫމާތު ލިބިވަޑައިގެންނެވުމާއެކު އެރޭ ވަގުތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި އިންޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި ހާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރައްވާފައި ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވިއެވެ.

އެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް ބަންދުގައި ހުރި މީހެއްގެ ފަރާތުން އަނިޔާވުމުގެ ސަބަބުން މާފުށީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އަދި ބަންދުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމާއި، ބަންދުމީހުން ކޮންޓްރޯލުކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބަންދުމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން އަނިޔާ ލިބިފައިވާ ބަންދު މީހުންނަށް ލަސްނުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި އަދިވެސް އެފަދަ އެހެން ކަންކަމާގުޅޭގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މި މައްސަލާއާ ގުޅިގެން ހިންގަވާ ތަހުޤީގު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންވާ ފިޔަވަޅުއަޅައި، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން ވެސް ހޯމް މިނިސްޓްރީން ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.