ޖަލު ހާދިސާގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓްރީ

ޖަލު ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވުމަށާއި ޙާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު މިއަދު ޖަލަށް ޒިޔާރަތް ކުރައްވަނީ (ފޮޓޯ: ހޯމް މިނިސްޓްރީ)

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ޙާލަތާ ނުބައަދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވާޅު އަޅާނެކަމަށް ހޯމް މިނިސްޓްރީ ވިދާޅުވެއްޖެއެވެ. މިއަދު ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި އިނިސްޕެކްޓަރ އޮފް ކަރެކަޝަނަލް ސާރަވިސް އިން މިހާރު  ކުރިއަށް ގެންދާ ތަޙްޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގައެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ޙާލަތާ ނުބައަދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އެކަމުގެ ސަބަބުން އަނިޔާވި މަސްއަލަ ކުށްވެރިކޮށް ހޯމް މިނިސްޓްރީގެ ނޫސްބަޔާންގައި ބުނެފައިވަނީ އެކަން ކަމަކީ ސަރުކާރުން ބަލައި ނުގަންނަ ކަނޑައެޅިގެން ކުށްވެރިކުރާ ކަންކަން ކަމުގައެވެ.

މިމަހު 20 ވަނަ ދުވަހު  ހަލުގައި ހިންގި ހަމަ ނުޖެހުމުގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވި ޚަބަރު ލިބުމާއެކު އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސް އާއި އިނިސްޕެކްޓެރޭޓް ސެކްޝަންގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ޤައިދީންގެ އިތުރުން  ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލު ކުރައްވައި ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ނޫސްބަޔާނުގައި ވެއެވެ.

ގައިދީއެއްގެ ފަރާތުން ޖަލުގެ އޮފިސަރަކަށް އަނިޔާވުމުގެ ސަބަބުން މާފުށީގައި ފަރުވާ ދިނުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އިތުރު ފަރުވާ ދެވިފައިވާކަމަށް ވެސް ނޫސް ބަޔާނުގައި ވެއެވެ.  އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ވުމުން އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާ ޤައިދީންނަށް ފަރުވާ ދިނުމަށާއި އެފަދަ އެނޫންވެސް ކަންކަމުގައި ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދެވިފައިވާކަމަށް ވެސް ހޯމް ނިސްޓްރީގެ ނޫސް ބަޔާންގައި ވެއެވެ.

ޖަލުގެ ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓްރީން ނޫސްބަޔާނެއް ނެރެފައި މިވަނީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް މިއަދު ތާވަލް ކޮށްފައި ވަނިކޮށެވެ. މިބައްދަލުވުން ތާވަލް ކޮށްފައިވަނީ މިއަދު 11 ޖަހާއިރަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.