ހުމާމާ ބެހޭ ގޮތުން ހާމަނުކުރާ މަޢުލޫމާތު ތަކެއް އެބަހުރި: ޢާއިލާ

ޑރ. އަފްރާޝީމް ޢަލީ އަވަހާރަ ކޮށްލި މައްސަލައިގައި މެރުމަށް ޙުކުމް ކުރައްވާފައިވަނީ ޙުސައިން ހުމާމާ: ފޮޓޯ ވީނިއުސް

ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަ ކޮށްލި މައްސަލައިގައި މެރުމަށް ޙުކުމް ކުރައްވާފައިވަނީ ޙުސައިން ހުމާމާ ބެހޭގޮތުން ހާމަނުކުރާ މަޢުލޫމާތުތަކެއް އެބަހުރި ކަމަށް އޭނާގެ ޢާއިލާ އިން ބުނެފައެވެ.

ހުމާމުގެ ބައްޕަ އަޙުމަދު ޚަލީލް ބުނީ ހުމާމާބެހޭ ގޮތުން ޢާއިލާއަށް ލިބިފައިވާ ބައެއް މަޢުލޫމާތު އެބަހުރި ކަމަށާއި މިހާތަނަށް އެއިން އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ކޮށްފައިނުވާނެ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ކަމަށް ބެލެވޭ މީހަކު ހުމާމާބެހޭ ގޮތުން ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ލީކުވެފައިވާ ކަމަށާއި އެ ލީކުވުމުގެ ކުރިން ވެސް އެފަދަ ވާހަކަތަކެއް ދެކެވިފައިވާ ކަމުގެ މަޢުލޫމާތު ޢާއީލާއަށް ލިބިފައިވާ ކަމަށް ވެސް ޚަލީމް ވިދާޅުވިއެވެ. "އެހެންނަމަވެސް އޭރު އެއްވެސް ޔަޤީންކަމެއްނެތް އެފަދަ އޯޑިއޯއެއް އޮތްކަމުގެ. ކުއްލިއަކަށް ސޯޝަލް މީޑިއާއިން އޯޑިއޯ ފެނިގެން އަޑުއަހާފައި ޢާއިލާ ފަރާތުން ކަމާބެހޭ ފަރާތްތަކަށް މި ގޮވާލަނީ އެ އޯޑިއޯ ތަޙުޤީޤު ކޮށްދިނުމަށް،" ޚަލީލް ބުންޏެވެ.

އެހެންނަމަވެސް ޢާއިލާއިން ނެރެފައިވާ ބަޔާން އަދި ފުލުހުންނާ ވެސް އަދި ކަމާބެހޭ އެހެން މުޢައްސަސާތަކާ ވެސް ޙިއްސާ ނުކުރާ ކަމަށް އޭނާ ބުންނެވެ. އޭނާ ބުނީ އެ ބަޔާން ކަމާބެހޭ ފަރާތްތަކާ ޙިއްސާ ކުރާނީ ބައެއް ކަންކަން އިތުރަށް ބެލުމަށްފަހު ކަމަށެވެ.

ހުމާމުގެ ޢާއިލާގެ ފަރާތުން މިހާރު ކުރިއަށްދަނީ ޢަބްދުﷲ ސަޢީދު ކަމަށް ބެލެވޭ މީހާގެ އޯޑިއޯ ރިކޯޑަށް ބެލުމަށްފަހު އޭގައި ބުނެފައިވާ އެއްޗަކާއި ކޯޓުމަރުޙަލާގައި ދިމާވި ދަތިތަކަށް ވެސް ބެލުމަށްފަހު ކަމަށް އޭނާ ބުންޏެވެ. ޚަލީލު ބުނީ މިކަމާބެހޭ އިތުރު މަޢުލޫމާތު ހާމަކުރަން ޕްރެސް ކޮންފަރެންސެއް ބާއްވަން ވެސް ޚިޔާލު ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ކޯޓުމަރުޙަލާތައް ކުރިއަށްދިޔައިރު ހުމާމުގެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުން ޢަބްދުﷲ ދީދީ އުނިކޮށް ދެއްވަމުން އެދި ޢާއިލާގެ ފަރާތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެހެންނަމަވެސް އަދިއަދަށްދާނދެން އެއަށް ޖަވާބެއް ދެއްވާފައި ނުވާކަމަށް ވެސް ހުމާމުގެ ބައްޕަ ބުންޏެވެ.

ޚަލީލް ބުނީ އާދީއްތަދުވަހު މެންދުރުފަހު 3:00 ގައި ރައީސް އޮފީހުގެ މިނިސްޓަރަކު ރައީސްގެ ފަރާތްޕުޅުން ހުމާމުގެ ޢާއިލާއާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. "އެ ބައްދަލުވުންއޮންނާނީ ރައީސް އޮފީހުގައި. އޭގައި ރައީސް އޮފީހުގެ މިނިސްޓަރަކާއި، ލީގަލް ޓީމެއް ބައިވެރިވާނެ. ހުމާމުގެ ޢާއިލާގެ ފަރާތުން ފަސް މެމްބަރުން ބައިވެރިވާނެ. އެ ބައްދަލުވުމަށް ވެސް ޢާއިލާގެ ނޫސް ބަޔާން ހުށަހަޅާނަން،" ޚަލީލް ބުންޏެވެ. ހުމާމު ދޫކޮށްލުމަށް ބުނެ އދ. އިން ތައްޔާރުކޮށް އާއިލާއަށް ފޮނުވާފައިވާ ލިޔުން ވެސް ރައީސް އޮފީހުގައި ބާއްވާ މީޓިންއަށްފަހު އާންމުކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި އިތުރު މަޢުލޫމާތު ވެސް ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ ހުމާމުގެ މައްސަލާގައި ޢާއިލާއަށް ލިބިފައިހުރި މަޢުލޫމާތާއެކު ވަރަށް ވަރުގަދައަށް އެކަމާގެން ކުރިއަށްދާން މިހާރުވަނީ ނިންމައިފައިވާ ކަމަށެވެ.

ޚަލީލް ބުނީ ޑރ. އަފްރާޝީމްގެ އަވަހާރަކޮށްލީ ހުމާމް ނޫންކަން އޭނާއަށް "ސަތޭކަޕަސެންޓް ޔަގީން" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.