އީރާނު މަތިން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފި

އެމެރިކާގެ ޑްރޯން ވައްޓާލިކަމަށް އީރާނުން ބުނާ ސަރަހައްދު

އީރާނުގެ ހޮރްމޮޒްގާން ޕްރޮވިންސު މަތިން ދަތުރުކުރި އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބެނެފިއެވެ.

އައިއާރްޖީސީގެ ބަޔާނުގައި ވާގޮތުން، އެމެރިކާގެ އާރްކިޔު-4 ގްލޯބަލް ހޯކް މަރުކާގެ ޑްރޯނެއް ވަނީ ބުރާސްފަތި ދުވަހު ފަތިހު އީރާނުގެ ދެކުނު ހޮރްމޮޒްގާން ޕްރޮވިންސާ ދިމާއިން އީރާނުގެ ސަރަހައްދަށް ވަދެފައެވެ. އަދި އައިއާރްޖީސީގެ ވައިގެ ބާރުން ވަނީ އެ ޕްރޮވިންސްގެ ކޯހް މުބާރަކް ސަރަހައްދުގެ މަތިން ކާމިޔާބު ކަމާއެކު އެ ޑްރޯން ވައްޓާލާފައެވެ.

އައިއާރްޖީސީގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވީ ޑްރޯން ވައްޓާލުމުން އެނގިގެން އެދިޔައީ "އަހަރުމެންގެ ސަރަހައްދީ ރޮނގަކީ އަހަރުމެންގެ ރަތް ރޮނގު" ކަމުގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އީރާނުން ހަމަލާދީ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާކަން ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް، އެމެރިކާއިން ބުނީ އެ ޑޮރޯން އީރާނުގެ ވައިގެ ސަރަހައްދަށް ނުވަންނަކަމަށާ، ދަތުރުކުރަމުން ދިޔައީ ހުރްމުޒް ކަނޑުއޮޅި މަތިން ކަމުގައެވެ. އަދި ވައްޓާލެވިފައިވަނީ އީރާނުން ބުނާ މަރުކާގެ ޑޮރޯނެއް ނޫންކަމަށާއި، އެމްކިޔު-4ސީ ޓްރައިޓަން މަރުކާގެ މެރިޓައިމް ސާވޭލަންސް ޑްރޯނެއް ކަމަށެވެ.

ފަހަކަށް އައިސް އީރާނާ އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ އުޅަނދުތަކާ، ސިފައިންވެސް ފޮނުވާފައެވެ. އެހެންނަމަވެސް، ދެ ގައުމުންވެސް ބުނަމުން ގޮސްފައިވަނީ އެއް ގައުމުން އަނެއް ގައުމާ ހަނގުރާމަކުރަން ބޭނުންނުވާ ކަމުގައެވެ.

މިއަދު ހާދިސާއަކީ އީރާނުން ބުނާފަދައިން ހިނގާފައިވާ ހާދިސާއެއް ކަމުގައި ވަނީނަމަ، ދެގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެގެން ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.