ޤަވާޢިދާ ޚިލާފަށް ގެންދަން އުޅުނު ކިނބި ގަސްތަކެއް އަތުލައިފި

ޤަވާޢީދާ ޚިލާފަށް އުފުރައިގެން ގެންދަން އުޅުނު ކިނބިގަސްތަކެއް ލ. ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކުން އަތުލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެބޯޓަށް ކިނބިގަސްތައް އަރުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ޖޫން 18 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މަޢުލޫމާތު ލިބިގެން ފުލުހުން ބޯޓަށްގޮސް ބެލިއިރު 20 ފޫޓު ހުންނަވަރުގެ ކިނބިގަސްތަކެއް ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގަސްތައް ގެންދަން އުޅުނީ ކޮންތާކަށް ކަމެއް އެނގިފައެއް ނުވެއެވެ އެ ގަސްތައް އަތުލުމަށްފަހު ފުލުހުން މިހާރުވަނީ އެ އުފުރި ތަނުގައި އިންދައިފައެވެ.

އެ ގަސްތަކަކީ އީޕީއޭގެ ހުއްދައެއްނެތި ކަލައިދޫ ކައުންސިލުން 10 ރުފިޔާއަށް ގަހެއްގެ މަގުން ވިއްކާފައިވާ ގަސްތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމައްސަލާގައި ކަލައިދޫ ކައުންސިލްގެ ރައީސާ ސުވާލުކުރުމުން އެރަށުން ގަސް ނަގަން އީޕީއޭގެ ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި ކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވައިފައެވެ. އެއީ އެރަށުން މަގެއް ހެދުމަށް ނެގި ގަސްތަކެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މަގުހަދަން ވެސް ހުއްދައަށް އެދުމުން އެއީ ކޮންމެހެން ހަދަންޖެހޭ މަގެއް ކަމަށްވާނަމަ އީޕީއޭއިން ހުއްދަ ދެއްވައެވެ. ކޮންމެހެން ހަދަން ނުޖެހޭ މަގެއްނަމަ ހުއްދަ ދެއްވާ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.