ޚާޝުޤްޖީ މަރާލި މައްސަލައިގައި މުޙައްމަދު ބިން ސަލްމާންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ.: އދ.ގެ ރިޕޯޓު

ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (ކ) އަދި މަރާލެވިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ (ވ)

އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުގްޖީ މަރާލުމުގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ސައޫދީ އިސް މަސްއޫލުވެރިންގެ ޒިންމާ އޮތްކަން ގަބޫލުކުރެވޭ ހެކި ހުރިކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފިއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް ޚާޝުޤްޖީ މަރާލި މައްސަލަ ތަހުގީގުކުރެއްވީ އދ.ގެ ސްޕެޝަން ރެފަޓުއާ އޮން އެކްސްޓްރާޖުޑިޝަލް ސަމަރީ އޯ އާބިޓްރަރީ އެކްސެކިއުޝަންސް އަގްނެސް ކަލަމާޑްއެވެ.

ކަލަމާޑް މިއަދު ނެރުއްވި 101 ސަފްހާގެ ރިޕޯޓުގައި އެ މައްސަލައާ ގުޅިގެން ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި އެމައްސަލަ ތަހުގީގުކުރަން އދ.ގެ ކަމާބެހޭ އިދާރާތަކާއި، ސެކްރެޓަރީ ޖެނެރަލްގެ ކިބައިން އެދުން ހިމެނެއެވެ.

އޭނާގެ ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތުގައި ޚާޝުގްޖީ މަރާލުމަކީ "ގާނޫންބޭރުން ހިންގާފައިވާ، ކިންގްޑަމް އޮފް ސައޫދީ އަރަބިއްޔާގެ ދައުލަތުން އެކަމުގެ ޒިންމާ އުފުލަން ޖެހޭ، ގަތުލުގެ އަމަލެކެވެ."

"އެއީ ކުރިން ރާވައިގެން، އެކަމާބެހޭ ޕްލޭން ހަދައިގެން ކޮށްފައިވާ ގަތުލެއް ކަމާމެދު އަހަރެންގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތް." ރިޕޯޓު ނެރުމަށް ފަހު ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ކަލަމާޑް ވިދާޅުވިއެވެ.

"ވަލީ އަހުދުވެސް ހިމެނިވަޑައިގަންނަވާހެން، ސައޫދީ އިސް މަސްއޫލުވެރިންގެ މައްޗަށް ތަހުގީގު ހިންގުން ރަނގަޅުކަން ދައްކާ އިތުބާރުކުރެވޭ ހެކި އެބަހުރި." ކަލަމާޑް ވިދާޅުވިއެވެ.

ކަލަމާޑް ވަނީ ޚާޝުޤްޖީ މަރާލި މައްސަލަ ތަހުގީގުކުރުމަށް ފޮރެންސިކް އަދި ގާނޫނީ ތަޖުރިބާކާރުންގެ ޓީމަކާއެކު މިއަަހަރުގެ ކުރީކޮޅު ތުރުކީއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

"ހަގީގަތުގައިވެސް، އިންސާނީ ހައްގުތަކާ ގުޅުންހުރި މި ތަހުގީގުން އެނގުނު ގޮތުގައި، (މިކަމުގައި) ވަލީއަހުދުގެ ޒިންމާ އިތުރަށް ތަހުގީގުކުރަން ބާރުއަޅާ އިތުބާރުހުރި ހެކި ފުދޭވަރަށް އެބަހުރި." އދ. ގެ ރެޕަޓުއާ ވިދާޅުވެފައި ވެއެވެ.

ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ޝާހީ ގަނޑުވަރުގެ އިސް މުޝީރެއް ކަމުގައިވާ ސައޫދު އަލްޤަޙްޠާންގެ ޖިނާއީ މަސްއޫލިއްޔަތަކީ "އިންތިހާއަށް ޙައްސާސު" މައްސަލައެއްކަންވެސް ކަލަމާޑް ފާހަގަކުރައްވާފައި ވެއެވެ.

"ކުށްވެރިވުމާ ބެހޭގޮތުން ވަކިގޮތެއް ނިންމާފައި ނުވެއެވެ." އެ ދެ ބޭފުޅުންނާ ބެހޭގޮތުން ކަލަމާޑްގެ ރިޕޯޓުގައި ލިއުއްވާފައި ވެއެވެ. "ނިންމާފައިވާ ހަމައެކަނި ނިންމުމަކީ އިތުރަށް ތަހުގީގުކުރަން ޖެހޭކަން އަންގައިދޭ އިތުބާރުހުރި ހެކި ހުރިކަމެވެ." ކަލަމާޑް ލިއުއްވާފައި ވެއެވެ.

"ވަލީއަހުދާއި އޭނާގެ އަމިއްލަފުޅު މިލްކިއްޔާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނާޅަންޖެހޭ ސަބަބެއް ނެތެވެ." ކަލަމާޑް އިތުރަށް ލިއުއްވާފައި ވެއެވެ.

ސައޫދީ ސަރުކާރަށް ނޫސްވެރިޔާ ޖަމާލު ޙާޝުގްޖީ މެރުމުގެ ޒިންމާ އުފުލައި، ޢާއިލާއަށް ބަދަލުދީ ތުރުކީ ސަރުކާރުގެ ކިބައިން މަފާށް އެދެން ޖެހޭނެކަމަށްވެސް ކަލަމާޑްގެ ރިޕޯޓުގައި ވެއެވެ.

ޚާޝުޤްޖީ މަރާލުމުގެ ދެ މިނިޓްކުރިން ސައޫދީ ކޮންސިއުލޭޓް ތެރޭގައި ރިކޯޑްކޮށްފައިވާ އޯޑިއޯވެސް ކަލަމާޑްގެ ރިޕޯޓު އެކުލަވާލުމުގައި ބޭނުންކޮށްފައި ވެއެވެ.

ހަށިގަނޑު "ކޮތަޅަކަށް ލުން އެއީ ކުރެވިދާނެ ކަމެއް"ހޭ އެ އޯޑިއޯގައި، ސައޫދީ ވަލީ އަހުދުގެ ގާތް އެހީތެރިއެއް ކަމުގައިވާ މާހިރު ޢަބްދުލްޢަޒީޒު މުޠުރިބު އަހައެވެ.

"މާ ބަރުވާނެ" މަޝްހޫރު ސައޫދީ ފޮރެންސިކް ޑޮކްޓަރެއް ކަމުގައިވާ ޞަލާޙު މުޙައްމަދު ޠުބައިޤީ ބުނެއެވެ. އެއަށްފަހު އެކަން "ފަސޭހަ ވާނެ" ކަމަށް އޭނާ ބުނެއެވެ.

"ގުނަވަންތައް ވަކިކުރެވިދާނެ. އެއީ މައްސަލައެއް ނޫން. ހަށިގަނޑު މާ ބަރު. ފުރަތަމަ އަހަރެން ބިންމަތީގައި ބާއްވާފައި ކޮށާނަން. އަހަރުމެން ޕްލާސްޓިކް ކޮތަޅު ނަގައިގެން އެ ކޮށައިފިއްޔާ އެކަން ނިމުނީ. އަހަރުމެން ކޮންމެ ބައެއް ވަކިން ކޮތަޅުގައި ލާނީ." ރެކޯޑިންގްގައި ޠުބައިޤީ ބުނެއެވެ. "ހަން ކޮތަޅުގައި."

"ކަތިލަންވީ ޖަނަވާރު އަތުވެއްޖެތަ؟" ދެ މީހުންގެ ވާހަކަ ނިންމަމުން މުޠުރިބް އަހައެވެ.

"އޭނާ އަތުވެއްޖެ." އިސްތަންބޫލު ގަޑިން މެންދުރު ފަހު 1:13 ގައި މީހަކު ބުނާ އަޑު އިވެއެވެ. އޯޑިއޯގައި ޚާޝުޤްޖީގެ ނަން ކިޔާ އަޑެއް ނީވެއެވެ.

ކަލަމާޑްގެ ރިޕޯޓް ނިންމާލިއުރުވެސް ޚާޝުޤްޖީގެ ހަށިގަނޑު ވީތަނެއް ބުނެފައި ނުވެއެވެ.

"އާނ! ކަށަވަރުތާ. އެ ކޮޓަރީގައި ތިބި މީހުންނާ ހަށިގަނޑުގެ ކަންތައް ނިންމާލި މީހުންނަށް އެނގޭނެ. އެމީހުންގެ 15 މީހުން ތިބި." ޚާޝުޤްޖީގެ ހަށިގަނޑު ވީތަނެއް އެނގޭތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކަލަމާޑް ވިދާޅުވިއެވެ.

މި ރިޕޯޓާ ބެހޭގޮތުން ސައޫދީ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.