ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލުމާތުދޭގޮތުގައި، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މީހެކެވެ. އަތުލައިގަތީ، ޢުމުރުން 22 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 15 ވަނަ ދުވަހުގެރޭ 23:30 ހާއިރު ފުވައްމުލަކު އެއަރޕޯޓުންކަމަށް ފުލުހުން ހާމަކުރެއެވެ.
މި އޮޕަރޭޝަނުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ އަރައިގެން ހުރި އިސްޓާކީން ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ކޮތަޅަކާއި ފިމްލު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާ، މިތަކެތީގެ ތެރެއިން ރަބަރު ކޮތަޅުގައި 50 ގްރާމް ހުރިއިރު ފިލްމު ދަޅުގައި 36 ގްރާމް ހުރިކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން އޭނާގެ ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިކަމަށް ފުލުހުން ހާމަކުރެއެވެ.