"ވަގަށް އަރާ ތިބި މީހުންނަކީ ބަންގާޅު (އިންޑިޔާގެ ވެސްޓް ބެންގޯލް ސްޓޭޓް) ގެ ބިމަށް އަރާފައިވާ ސޫފިތަކެއް." "ބާރަތިޔާ ޖަނަތާ ޕާޓީގެ ސަރުކާރެއްގައި ވަގަށް އަރާތިބި މީހުން ފަހަރަކު މީހެއް ނަގައި ބޭ އޮފް ބެންގޯލް އަށް އެއްލާލާނަން." މިއީ މިފަހަރުގެ އާއްމު އިންތިޚާބުގެ ކެންޕޭނުގެ ތެރޭގައި ބީޖޭޕީގެ ރައީސު އަމިތު ޝާހު ވިދާޅުވި ވާހަކަފުޅެކެވެ.
މިއަދު އޭނާއަކީ އިންޑިޔާގެ ހޯމް މިނިސްޓަރެވެ. ބޮޑުވަޒީރު ފިޔަވައި އެންމެ ބާރުގަދަ ވަޒީރެވެ. އޭނާވަނީ އިންޑިޔާއަށް ހިޖުރަކުރާ މުސްލިމުންނަށް އިންޑިޔާގެ ރަށްވެހިކަން ދިނުމާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ބަންގްލަދޭޝްއާއި ޕާކިސްތާނުން އިންޑިޔާއަށް ހިޖުރަކުރާ ހިންދޫންނާއި، ބުޑިސްޓުންނާއި، ސިކުންނަށް އިންޑިޔާގެ ރަށްވެހިކަން ދިނުމަށް ވަކާލާތުކުރައްވާފައެވެ. މިކަން ގާނޫނަކަށް ހެދުމަށް ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓްގެ ނަމުގައި ލޯކްސަބާއަށް ބިލެއް ހުށަހެޅުމަށް އޭނާ ވަތީ ތާއީދުކުރައްވާފައެވެ.
ނަރެންދްރަ މޯދީ ގުޖަރާތުގެ ޗީފް މިނިސްޓްރު ކަމުގައި ހުންނެވި ދުވަސްވަރު، އަމިތު ޝާހު އެ ސްޓޭޓުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ ސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލު ހިންގަވާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.
ދޮގު ތުހުމަތުތަކެއް ބޮލުގައި އަޅުވައި ގާނޫނީ އިމުން ބޭރުން މުސްލިމް ދެމަފިރިއަކު މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތް ވެސް ހިންގިފައި ވެއެވެ. އެހެންނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެ މައްސަލަ ސާބިތު ނުވިއެވެ. އެ ދުވަސްވަރު އޭނާގެ ނުރައްކަލުން މައްސަލައިގެން ހެކިން ރައްކާތެރިކުރުމަށްޓަކާ، އަމިތު ޝާހު ގުޖްރާތުން ބޭރުކުރުމަށްވެސް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވެއެވެ.
"އަމިތު ޝާހު ދެއްކެވި ވާހަކަފުޅަކީ ސެކިއުލާ ދައުލަތެއްގެ ގޮތުގައި އިންޑިޔާ ދެމިއޮތުމާ ދެކޮޅަށް ދެއްވި ހަމަލާއެއް." ކެމްޕޭން ތެރޭގައި އޭނާ ދެއްކެވި ވާހަކަފުޅާ ބެހޭގޮތުން ކެރެލާ ކްރިސްޓިއަން ފޯރަމުން ބުނެފައި ވެއެވެ.
"ސްޓޭޓެއްގެ ހޯމް މިނިސްޓަރަކަށް ހުންނަވަނިކޮށް، ގާނޫނީ އިމުން ބޭރުން ބަޔަކު މެރުމުގެ ކުށުގައި ހައްޔަރުކުރެވި، ސްޓޭޓުން ބޭރުކުރަން ސުޕްރީމް ކޯޓުން އަމުރުކުރި ފުރަތަމަ ބޭފުޅަކީ އަމިތު ޝާހު، މިއަދު އޭނާއަކީ ހޯމް މިނިސްޓަރު، މި ހަގީގަތް ހަޖަމުކުރެވޭތޯ ބަލަމާ." އިންޑިޔާގެ މުސްލިމް ނޫސްވެރިއެއް ކަމުގައިވާ ރާނާ އައްޔޫބު ބުންޏެވެ.
"މޯދީ މޮޅުވުމުގެ އުފާ ފާޅުކުރަން ނުކުތް މީހުން ވަނީ (އިންތިޚާބުގެ) ނަތީޖާ އިއުލާންކުރިފަހުން މަދު ގަޑިތެއްގެ ތެރޭގައި މުސްލިމުންނަށް ހަމަލާދީފައި." އޯލް އިންޑިޔާ މަޖްލިސޭ އިއްތިހާދުލް މުސްލިމީން (އޭއައިއެމްއައިއެމް) ގެ ރައީސު އަސަދުއްދީން އުވައިސް ވިދާޅުވިއެވެ.
މި ހާދިސާތަކަކީ އަމިތު ޝާހު ބީޖޭޕީގެ ރައީސަކަށް ހުންނަވައިގެން ހަރުކަށި ހިންދޫންނަށް ދެއްވާ ހިތްވަރުގެ ސަބަބުން ހިނގާ ކަންތައް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބީޖޭޕީގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމިގެން ދިޔައިރު އެ ޕާޓީގެ ހުންގާނުގައި ހުންނެވީ އިމިތު ޝާހެވެ. އެ ދައުރުގައި ގެރި ހިމާޔަތް ކުރުމުގެ ނަމުގައި ހަރުކަށި ހިންދޫން ނުކުމެ 44 މުސްލިމުން މަރާލާފައި ވެއެވެ. އޭގެ އެއްވެސް ހާދިސާއެއްގައި މަރުވި މީހަކަށް އިންސާފު ލިބިފައި ނުވެއެވެ.
"މިހާ ބޮޑަށް ބައިބައިވުން އެންމެ ފަހުން ފެނިފައި ވަނީ އިންޑިޔާ އާއި ޕާކިސްތާނު ދެބައި ވިއިރު." އިންޑިޔާ މަޝްހޫރު ނޫސްވެރިޔާ ސައީދު ނަޤްވީ ބުންޏެވެ.