ޖަޕާނުގެ ކަވާސާކީގައި މިއަދު ހެނދުނު މީހަކު ވަޅިން ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ 18 މީހުން ޒަޚަމްވެއްޖެއެވެ. މަރުވި 3 މީހުންގެ ތެރެއިން އެކަކީ އިބްތިދާއީ މަދަރުސާއްގެ 4 ވަނަ އަހަރުގެ އަންހެން ދަރިވަރެކެވެ.
ކަވަސާކީގެ ކަނަގަވާ ޕްރިފެކްޗާގެ ބަސް ސްޓޮޕެއް ކައިރީގައި ވަޅިން ހަމަލާ ދިން އިރު އެ އަވަށުގެ ކަރިޓާސް އެލެމެންޓަރީ ސްކޫލްގެ ދަރިވަރުން ކަމުގައި ބެލެވޭ ދަރިވަރުންތަކެއް ތިބީ ބަހަށް އަރަންވެގެން ބަސް ސްޓޮޕްގައި މަޑުކޮށްގެންނެވެ. ޒަޚަމްވި 18 މީހުންގެ ތެރޭގައި އެ މަދުރަސާގެ 16 އަންހެން ދަރިވަރުން ހިމެނެއެވެ. ޒަޚަމްވީ މީހުންގެ ތެރެއިން 5 މީހެއްގެ ހާލު ދެރަކަމަށް ވެއެވެ.
ކަނަގަވާ ޕްރިފެކްޗާ ޕޮލިސްގެ އޮފިޝަލަކު ފުރަތަމަ މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މަދަރުސާގެ، އުމުރުން 12 އަހަރުގެ އަންހެން ދަރިވަރާއި، 30 އަހަރުގެ ފިރިހެނެއްގެ ދިރުން ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމުގައެވެ.
ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 7:45 ހާއިރު (ރާއްޖޭ ގަޑިން ދަންވަރު 3:45) ނޮބޮރީޓޯ ސްޓޭޝަން ކައިރިން މެދު އުމުރުގެ މީހަކު ދެ ވަޅިއާކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އޭނާ އަމިއްލައަށް ކަރަށް ވަޅި ހެރުމުގެ ސަބަބުން އޭނާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހާލުދެރަކޮށެވެ ފަހުން އޭނާ ވަނީ މަރުވެފައެވެ..
ދިރުން ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ބުނި އަންހެން ދަރިވަރު ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާކަން ހޮސްޕިޓަލުން ޔަގީންކޮށްދީފައި ވާއިރު، 30 އަހަރުގެ ފިރިހެން މީހާއަށް މިހާރު ވަނީ އެމަޖެންސީގައި ދެެމުން ދަނިކޮށް މަރުވެފައެވެ..
ކަރިޓާސް އެލެމެންޓަރީ ސްކޫލަކީ ކެނެޑާގެ ނަސާރާ ޖަމްއިއްޔާއަކުން ޖަޕާނުގައި ހިންގާ ކެތޮލިކް އަންހެން ދަރިވަރުންގެ މަދަރުސާއެކެވެ.
މީހުން މެރުން ފަދަ ކުށްތައް ވަރަށް މަދުން ހިނގާ ޖަޕާނުގައި އިބްތިދާއީ މަދަރުސާތަކުގެ ދަރިވަރުން ބޮޑު މީހަކު އެކުގައި ނެތި އެކަނި ބަހުގައި ދަތުރުކޮށްފައި މަދަރުސާއަށް ދިއުމަކީ އާއްމު ކަމެކެވެ. މި ހަމަލާއަށް ފަހު ކަވަސާކީގެ ރައްޔިތުން ތިބީ ސިހެމެއްގެ ތެރޭގައެވެ.