ހެއްވާ: އާސަންދަ

އަޙްމަދު އޭނާގެ ދަރިފުޅު ގޮވައިގެން ކޮންމެ ހަފްތާއަކު އެއް ފަަހަރު ކަހަަލަ ގޮތަކަށް ހަސްފަތާލަށް ދެއެވެ. އެއީ ދަރިފުޅު މާ ބޮޑު ބައްޔެއްގައި އުޅޭތީއެއް ނޫނެވެ. ދަރިފުޅު ފުރިހަމަ ސިއްހަތެއްގައި ބާއްވަން އޭނާގެ އަންހެނުން މަރިޔަމް މާ ބޮޑަށް ބާރު އަޅާތީއެވެ. ކިރިޔާ ކެއްސައިލިޔަސް ހަސްފަތާލަށް ދާން ޖެހެއެވެ.

ހަސްފަތާލަށް ދެމައިން ގޮވައިގެން ދިޔަ ނަމަވެސް ހަސްފަތާލުގައި ކުރާހައި ކަމެއް ކުރަނީ މަރިޔަމް އަމިއްލައަށެވެ. ކޮށިގަނޑު ދޮށަށް ގޮސް ޑަކްޓަރަށް ދައްކާ މެމޯ ހެއްދުމާއި، އެހެން ހުރިހައި ކަމެއްވެސް ކުރަނީ އޭނާ އަމިއްލައަށެވެ. އަޙްމަދުގެ ކަމަކަށް އޮންނަނީ ހަސްފަތާލަށް ގެންދިއުމާއި، ނިމުނީމާ ދެމައިން ގެނެސް ގެއަށް ލުމެވެ.

ދަރިފުޅު ޑަކުޓަރަށް ދައްކާ ކޮންމެ ދުވަހަކު ތިން ހަތަރު ސަތޭކަ ރުފިޔާ ޚަރަދު ވެއެވެ. ބައެއް ދުވަހު ހާހެއްހައި ރުފިޔާވެސް ޚަރަދު ވެއެވެ.

މި ގޮތުގައި ހައެއްކަ މަސް ދުވަސް ދިޔައީމާ މި ކަމާ ކަން ބޮޑު ވެގެން އަޙްމަދު އޭނާގެ ރައްޓެއްސެއް ގާތު މި ވާހަކަ ދައްކައިފިއެވެ. އެއީ މިހާރު އޮންނަ ގޮތަށް ހުސްނުވާ އާސަންދަ އޮތް ދުވަސްވަރެއް ނޫނެވެ. އޭރު އޮންނަނީ އެއް ލައްކަ ރުފިޔާއެވެ.

އަޙްމަދު އޭނާގެ އެކުވެރިޔާ ގާތު ބުންޏެވެ. "މިއީ މިހާރު ވަރަށް ބޮޑު ވެއްޖެ ކަމެކެވެ. އެއް ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ބޭސްފަރުވާ ކުރެވޭނޭ ކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު ސަރުކާރުގެ ހަސްފަތާލަށް އައީމާވެސް އަތުން އެތައް ރުފިޔާއެއް އެބަ ޚަރަދު ވެއެވެ. އާސަންދައަކީ ނަމެއްގައި އޮންނަ އެއްޗެކެވެ. ކޮންމެ ފަހަރަކު ތިން ހަތަރު ސަތޭކަ ރުފިޔާ އެބަ ނަގައެވެ."

އޭނާގެ އެކުވެރިޔާ ބުންޏެވެ. "ތިޔައީ ހައިރާން ވާވަރުގެ ކަމެކެވެ. ސަރުކާރުގެ ހަސްފަތާލަކުން އެންމެ ރުފިޔާއެއްވެސް ނުނަގާނެއެވެ. އަމިއްލަ ތަނަކަށް ދިޔަ ނަމަ ތިޔަ ކަހަލަ ކަމެއް ވެދާނެއެވެ. ދެން ދާ ފަހަރަކުން ތިޔަ ވާ ގޮތެއް ބަލާށެވެ."

މި ވާހަކަ ދެކެވުނުތާ ދެތިން ދުވަހެއް ފަހުން އަޙްމަދު އަނެއްކާވެސް ދެމައިން ގޮވައިގެން ހަސްފަތާލަށް ހިނގައްޖެއެވެ. މި ފަހަރަކު އޭނާ ބޭރަކު މަޑެއް ނުކުރެއެވެ. ދެމައިންނާއެކު އެތެރެއަށް ވަދެއްޖެއެވެ. ކޮށިގަނޑު ކައިރިއަށް ގޮސް ޑަކްޓަރަށް ދައްކަން ބުނީމާ އައިޑީ ކާޑު ދޭށޭ އެތަނުން ބުނެފިއެވެ.

"އައިޑީ ކާޑު ކޮބައި ހެއްޔެވެ؟" އޭނާ އަންހެނުންނާ ސުވާލު ކުރިއެވެ.

މަރިޔަމް ބުންޏެވެ. "އައިޑީ ކާޑު އެބަ އޮތެވެ. އެކަމަކު އެޔެއް ނުދޭނަމެވެ. ފައިސާ ދައްކާށެވެ."

މިވީ ގޮތެއް އަޙްމަދަކަށް ނުވިސްނުނެވެ. އެކަމަކު އެތާގައި ހުރެގެން އަންހެނުންނާ ސުވާލުކޮށް ޒުވާބަކަށް ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ ފައިސާ ދައްކައިފިއެވެ.

ކޮށިގަނޑު ދޮށުން ދުރަށް ގޮސް ގޮނޑިއެއްގައި އިށީނދެވުނީމާ އަޙްމަދު އަހައިފިއެވެ. "ދަރިފުޅުގެ އައިޑީ ކާޑު ނުދިނީ ކީއް ވެގެން ހެއްޔެވެ؟"

މަރިޔަމް ބުންޏެވެ. "އަހަރެން ދުވަހަކުވެސް އައިޑީ ކާޑެއް ނުދެމެވެ. އަބަދުވެސް ފައސާ ދައްކަނީއެވެ. އާސަންދައަށް މީހަކަށް ދެނީ އެއް ލައްކަ ރުފިޔާއެވެ. ދަރިފުޅަށް ބޮޑު ކަމެއް ދިމާވާނީ މާދަމާ ނޫން ކަމެއްވެސް ނޭނގެއެވެ. އެ ލާރިކޮޅު މިހެން ހުސްކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވީމާ ފަހަށް ރައްކާ ކުރަނީއެވެ. ކޮންމެ އަހަރަކު ލައްކައެއް އިތުރު ވަމުން ގޮސް ދިހަ ވަރަކަށް އަހަރުން މިލިއަނެއް ހުންނާނެއެއް ނޫން ހެއްޔެވެ؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.