ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 22

(26 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިރުއޮއްސުނެވެ. އަނދިރިކަން ވެރިވިއެވެ. ކުރީ ދުވަހު އިރު އޮއްސުނު އިރު މީހުން ބުނެފައި އޮތީ އެ ތަރި ވަނީ ތިއްކެއް ވަރު ކަމަށެވެ. މިއަދު އެ ތަރި ޓެނިސްބޯޅައެއް ހައި ބޮޑުވާނެ ކަމަކަށް އެކަކުގެ ހިތަކަށް ވެސް ނާރައެވެ. ދުންތަރި އުދަރެހުން ފެނުމުން މުޅި ދުނިޔޭގެ ހުރިހައި އަޑެއް މަރުވިއެވެ. މުޅިން ހިމޭންކަން ފެތުރުނެވެ. އެ ދުންތަރީގެ ވަކި ޚާއްޞަ ސިފައެއް ނެތެވެ. ފެންނަނީ އަލިފާން ބޯޅައެއް ހެންނެވެ. މުޅި ތިމާވެށި ހޫނުވިއެވެ. އެ ދުންތަރިން ހޫނު ފޮނުވާ ކަހަލައެވެ. މީސްތަކުންގެ ނޭފަތުން ހޫނުހޫނު ނޭވާ ނުކުންނަމުން ދެއެވެ. އިންސާނުންނާއި، ގެދޮރާއި، ގަސްގަހާގެއްސާއި، މާމެލާމެއްޔާއި ހުރިހައި އެއްޗެއް މަޑު ރަތް އަލިން ފެންވަރުވައިލިއެވެ. ވިސްނުމުގެ ސިއްރުބައިގައި މަރުގެ ޓަކިދެމުން ގެންދިޔައެވެ.

އެ ވަގުތު މުސްކުޅި ފިރިހެނަކު ހަޅޭއްލަވަން ފެށިއެވެ. އަންހެނަކު ހޭން ފެށިއެވެ. އެއްކޮޅުން އަނެއް ކޮޅަށް ހިސްޓީރިޔާގެ ރާޅެއް ދުއްވައިގަތެވެ. ހަމަހިމޭންކަން ނިމުނެވެ. އިންސާނީ ހަޔާތުގެ ހުނުމާއި ރުއިން ގުގުމަމުން ދިޔައެވެ. އެއް ދިމާއަކުން އެކަކު އަނެކަކުގެ ގައިގައި ހިލަ އުކައި ތަޅަން ފެށިއެވެ. އަނެއް ދިމާއެއްގައި މީހުން އަމިއްލައަށް ހިލައިގައި ބޯތަޅަން ފެށިއެވެ. ޒުވާން ފިރިހެންކުއްޖަކު މޮޔަވެފައިވާ ފަދައިން އަންހެންކުއްޖެއްގެ ގައިގައި ހިފައިގެންފައި މޭގައި ޖައްސައިލިއެވެ. އޭނާ އެ ކުއްޖާގެ ގައިގައި ބޮސްދޭން ފެށިއެވެ. ކޮއްޓަން ފެށިއެވެ. އަންހެންކުއްޖާ ހަޅޭއްލަވަމުން ގެންދިޔައެވެ. އެކަކު ބާރު އަޑުން އަނެކަކަށް ބުންޏެވެ. "އަހަރެން ކަލޭގެ ދަރަނި މާފުކޮށްފިން." އެކަކު ވިސްކީ ފުޅި މަތިނަގައިފައި އަނގައިގައި ޖެހިއެވެ. ހަމައެކަނި އޮތް ހިނދުކޮޅަކީ މިއީއެވެ. ކަރުބުޑަށް ރާ އެޅުނު ވަރަކަށް ކަރުހިއްކުން ފިލާނެއެވެ.

ދުރުދުރަށް ބަންގީގެ އަޑު ގުގުމަން ފެށިއެވެ. ފައްޅިތަކުގެ ރަނގަބީލު ޖެހެން ފެށިއެވެ. އެކަމަކު ކޮންމެ އަޑެއްގައި ވެސް ވަނީ ގިޔާމަތް ޔަގީންކޮށްދިނުމެވެ. ބިރުވެރިކަމެވެ. ހާސްކަމެވެ. ކާއިނާތު ހެއްދެވި ފަރާތް އިންސާނާގެ ވިސްނުމުގައި ކުޑަކުޑަކޮށް ކޮއްޓައިލެއްވީއެވެ. އެކަމަކު އެ މީހުން ހަމަވިސްނުން ގެއްލުނީއެވެ. އެތަކެއް ހާސް މަސައްކަތަކުން ވެސް މަރުގެ އަތް ދަށުން މިންޖު ނުވުމުން އިންސާނާ ކުރާނެ ކަމެއް ނެތިގެން ނުކުރާންވީ ކަންތައް ކުރެއެވެ. ހަޅޭއްލަވާކަށް ނުވާނެއެވެ. އެކަމަކު ހަޅޭއްލަވައެވެ. ހޭނކަށްނުވާނެއެވެ. އެކަމަކު ހެނއެވެ. އެ ވަގުތު ފެންނަނީ އިންސާނީ ކުރާނެކަމެއްނެތުމުގެ އިބުރަތްތެރި ކުޅިގަނޑެވެ. އެކަކު މޮޔައެއް ފަދައިން ހަޅޭއްލަވަމުން ގެންދެއެވެ. އަނެކަކު އެހެން މީހެއްގެ ގައިގައި ބޮސްދެމުން ގެންދެއެވެ. އެކަކު ނަށަނީއެވެ. އަނެކަކު އެކޮޅުކޮޅުންއުކަނީއެވެ. ނަފުރަތާއި، އަދާވަތާއި، ލޯތްބާއި، ޖޯޝާއި، ޖަޒުބާތާއި، މޮޔަކަމެވެ. ނެތީ ކޮންކަމެއް ހެއްޔެވެ. އިންސާނާ އަމިއްލަ މަސްތައް ނޮޅަމުން ގެންދަނީއެވެ.

ރޭގަނޑުގެ އަނދިރީގައި އެ ނިވި ދިއްލޭ ތަރި އިރުކޮޅެއް ވަންދެން ފެންނަން ހުއްޓެވެ. ދެން ލޯތަކަށް ގެއްލުނެވެ. އެ ކަމާ އެކުގައި މީސްތަކުންނަށް ހިސާބަކަށް ހަމަޖެހުން ލިބުނެވެ. ހަމަހިމޭނުން ތިބެގެން މާނޭވާލަމުން ގެންދާ އިރު ހީވަނީ މަރުގެ ފުރަތަމަ ބުރުގައި ތެޅުމަށް ފަހު ދެ ވަނަ ބުރަށް ވަރުބަލިފިލުވަނީ ހެންނެވެ.

ހުރިހައި އެންމެންގެ ތަސައްވަރުގައި ވަނީ އެ ތަރިއެވެ. ކަޅު އުޑުގެ މޫނުމަތިން ބިރުވެރި އެއް ލޯ އަނދިރި މީހެއް ފަދައިން، އެއް ލޮލުން ބަލައިލައިފައި... "އެއް ލޮލުގެ ވެރި ދައްޖާލު އަތުވެއްޖެ"ކަން ވިސްނައިދީފައި ދިޔައީއެވެ.

ކުރިސްމަސް ނައިޓު ވަރަށް ކުލަގަދައެވެ. އެހައިމެ ހާސްކުރުވައެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަހުގައި ދުނިޔޭގެ ހުރިހައި ޢީސާއީން ވެސް އުފާކުރެއެވެ. ފަރުޟު އަދާކޮށްލުމަށްޓަކައި ކުޑަ އިރުކޮޅަކަށް ފައްޅިތަކަށް ދެއެވެ. އެއަށްފަހު ކުޅިމަޖާ ފެށެއެވެ. ކޮންމެ ގެއެއްގައާއި ކޮންމެ ހަފުލާއެއްގައި އޮކެސްޓުރާގައި ރާގުކުޅެއެވެ. ލަވަކިޔައެވެ. ރަލާއި ޒުވާންކަން ކަރާއިކަރުޖައްސަމުން ނަށައެވެ.

އެކަމަކު އެއީ މި ދުނިޔޭގެ އެންމެ ފަހު ކުރިސްމަސް ނައިޓެވެ. މީސްތަކުން ތިބީ އެރޭ ޢީސާގެފާނު ދެ ވަނަ ފަހަރަށް ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައެވެ. ދީނީ މަގުދެއްކުންތެރީންގެ ބުނުމާ އެއްގޮތް ވާ ގޮތުގެ މަތީން ދުނިޔޭގެ ހުރިހައި ގައުމު، އެއް ގައުމު އަނެއް ގައުމާ ވަނީ ގުޅައިފައެވެ. އެއްބަސްވެފައި ވަނީ ޢީސާގެފާނު ކޮންމެ ގައުމަކަށް ވަޑައިގަތް ނަމަވެސް އެ ގައުމުން ވަގުތުން މުވާސަލާތީ ސެޓެލައިޓުގެ ޒަރީއާއިން މުޅި ދުނިޔެއަށް ދުރަށް ދެއްކުމަށެވެ. އަދި ރޭޑިއޯގެ ޒަރީއާއިން އެކަލޭގެފާނުގެ އެންގެވުންތައް ދުރަށް ފޮނުވުމަށެވެ. އެއީ އެންމެ ފަހުގެ އަދި ހަމައެކަނި ދީނަކީ ޢީސާއީދީން ކަމާއި މީސްތަކުންނަށް ގިޔާމަތްދުވަހު ރައްކާތެރިކަމުގައި ތިބެވޭނީ އެ ދީނުގެ ހިޔަލުގައި ކަން މުޅި ދުނިޔެއަށް ޔަގީންކޮށްދިނުމަށެވެ.

ބަހާމާ ޖަޒީރާގެ ކުޅިވަރު މާލަމުގައި ފެނެކޭ އެއްފަދައިން ރާ އޮހެމުން ދެއެވެ. އޮކެސްޓުރާ ހަޅޭއްލަވަމުން ގެންދެއެވެ. ހީނ މަޖާކުރާ ޒުވާނުންތައް މިއުޒިކުގެ ހަމައަށް ނަށަމުން ގެންދެއެވެ. ރީތިކަމެވެ. ޒުވާންކަމެވެ. މަސްތެވެ. ދައުވަތެވެ. އަންނާށެވެ. އަހަރެމެން ލޫޓުވައިލާށެވެ. މާދަމާ މި ދުނިޔެ އޮންނާނެކަމެއް ނުވަތަ ނޯންނާނެކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ.

ކުޅިވަރު މާލަމުގެ ކައުންޓަރެއްގެ މަތީގައި ބޮޑު ޓީވީއެއް ހުއްޓެވެ. އެ ވަގުތު ދުނިޔޭގެ ހުރިހައި ޓީވީއެއްގެ މޫނުމަތި ހުރީ ދިއްލިފައެވެ. ރޭޑިއޯއިން ޚާއްޞަ ޕުރޮގުރާމުތައް ދުރަށްފޮނުވަމުން ގެންދެއެވެ. މެންދަމު ބާރަޖަހައި އެއް މިނެޓުގައި ކުއްލިއަކަށް އޮކެސްޓުރާ ހުއްޓުނެވެ. ރޭޑިއޯއިން އުފާވެރިކަމުގެ ޚަބަރު އިއްވަމުން ގެންދިޔައެވެ. މަސީޙު ދެ ވަނަ ފަހަރަށް ދުނިޔެއަށް ވަޑައިގެންފިއެވެ. އިޓަލީގެ ރޯމުން އެކަލޭގެފާނާއި ގުޅައި އެކަލޭގެފާނު ދުރަށް ދެއްކުމުގެ އިންތިޒާމު ކުރެވެމުން އެބަދެއެވެ. ދުނިޔޭގެ މީސްތަކުންނަށް ވަރަށް އަވަހަށް ޓީވީން އެކަލޭގެފާނު ފެނި އެކަލޭގެފާނުގެ ތަޢުލީމުން ފައިދާ ލިބިގަނެވޭނެއެވެ.

އެ ޚަބަރު ހަމަ އަޑުއިވުމާއެކު ޔަހޫދީއަކު ރާތަށްޓަކުން ރޭޑިއޯގައި ޖެހިއެވެ. ދެން ހަޅޭއްލަވައިގެންފައި ބުންޏެވެ.

"އެ ދައްކަނީ ކޮން ތާކުންތާކުނުޖެހޭ ވާހަކައެއް. މި އުޅެނީ ދުންތަރިއަކުން ބިމުގައި ޖެހެން. ބާވައިލެއްވި ފޮތްތަކުގައި ވާ ގިޔާމަތް ދުވަސް އަންނާކަށް ނޫން. ދެން އެ މީހުން ދެ ވަނަ ފަހަރަށް ދިރުވައިގެން ޓީވީން ދައްކަން އެ އުޅެނީ ކޮން މަސީޙެއް؟"

ދެ ވަނަ ޔަހޫދީއަކު ތާއީދުކުރިއެވެ. "އާނ. މި ޢީސާއީންނަކީ ލިބޭ ދަނޑިވަޅުން ނުބައި ފައިދާ ހޯދާ ބައެއް. އެ އުޅެނީ މި ދަނޑިވަޅުގެ ފައިދާ ހޯދައިގެން އެ މީހުންގެ ރަސޫލާގެ ޑަމީއެއް ދައްކަން."

"ޔޫ ޝަޓަޕް." ޢީސާއީއަކު ބުންޏެވެ. "ކަލެއަކަށް ހުރިހައި ޢީސާއީންނަށް އިހާނެތި ބަހެއް ރައްދެއް ނުކުރެވޭނެ. އެންމެންނަކީ ލިބޭ ދަނޑިވަޅުން ނުބައި ފައިދާ ހޯދާ ބައެއް ނޫން. އެ މީހުން ރޯމުން މަސީޙަކު ދުރަށް ދައްކާ ނަމަ އޭގެ މާނައަކީ އެއީ ރޯމަން ކެތޮލިކު މީހުންގެ ރޭވުމެކޭ."

ރޯމަން ކެތޮލިކު މީހަކު ރަލުގެ މަސްތުގައި އަރިއަޅާތަން ފެނުނެވެ. ދެން އޭނާ އެ ވާހަކަދެއްކި މީހާގެ އަނގަމަތީގައި ބާރު އެތިފަހަރެއް ޖަހަމުން ބުންޏެވެ.

"ޔޫ ސަން އޮފް އަ ބިޗް. ކަލޭ އަހަރުމެންގެ ދީނާ ދެކޮޅަށް އަދި ރޯމުގެ ޕޯޕާ ދެކޮޅަށް އެއްޗެއް ބުނެފިއްޔާ..."

ވާހަކަ ނުނިމެނީސް ޔަހޫދީއަކު އޭނާގެ އަނގަމަތީގައި ގޮށްމުށުން ޖެހިއެވެ. ދެނަކާ ދެނެއް ނެތެވެ. ދީނުގެ ނަމުގައި ތަޅައިފޮޅުން ފެށުނެވެ. އަންހެނުން ބިރުން ހަޅޭއްލަވަމުން ދުވަން ފެށިއެވެ. ފިރިހެނުން އެކެއް އަނެކެއްގެ ހިމާޔަތުގައި ހަމައިން ނައްޓައިލިއެވެ. އަތުގައި ޖެހުނު އެއްޗެއް އެއްލައި ޖަހަމުން ދިޔައެވެ. އެ ތާނގައި ގިނައީ ޔަހޫދީންނާއި ޢީސާއީންނެވެ. ހިންދޫއަކަށް ހުރީ ހިންމަތު ރާއޯ އެކަންޏެވެ. އޭނާ ރޫޕުވަތީގެ އަތުގައި ހިފައި ދަމަމުން ބޭރަށް ދުއްވައިގަތެވެ. ދެން އެންމެ މުސްލިމަކާއި އެންމެ ބުޑިސްޓެކެވެ. އެ ދެމީހުން ކުރިއްސުރެން ވެސް ތިބީ އެބައިމީހުންނާ ދުރުގައި އެ މީހުންގެ ކޮޓެޖުގައެވެ. އެމީހުން ތިބީ މެޑަމުގެ ހާލުބަލާށެވެ.

މެޑަމު ފުލެޗަރގެ ފަހު ވަގުތު އައިސް ޖެހުނެވެ. މުޅި ދުނިޔޭގެ އެންމެން ތިބީ އެ މީހުންގެ ބާކީ ނޭވާކޮޅު އިނގިލިތަކުން ގުނައިލަގުނައިލައެވެ. އެ ފަދަ ވަގުތެއްގައި މުސްކުޅި ދައިތައެއްގެ މަރުގެ ހިތާމަ ކުރާނީ ކާކު ހެއްޔެވެ. އެ ދައިތަ އޮތީ އޭނާގެ ދަރިފުޅާއި ޅީދަރިފުޅާއި ލޯބިވާ މާމަދަރިފުޅާ ދުރުގައި ކުރުކުރު ނޭވާ ލައިލައެވެ. އެއް ގޮތެއްގައި އޭނާގެ ނަސީބު ރަނގަޅެވެ. އަމިއްލަ ލޭގެ ތިމާގެ މީހުންނާ އާއިލާގެ މީހުންގެ މަރުގެ ބިރުވެރި ކުޅިގަނޑު ފެނުމުގެ ކުރިން އޭނާ މަރުވާތީއެވެ.

ހާތޯރާ ސުވާލުކުރިއެވެ. "އަޅުގަނޑު ޑަކުޓަރު ގޮވައިގެން އަންނަންތޯ؟"

ޚޫރުޝީދު ބަލްގުރާމީ މާޔޫސްކަމާ އެކު ހާތޯރާއަށް ބަލައިލިއެވެ. އޭނާގެ ހަމަހިމޭން ނަޒަރު ބުނަމުން ގެންދެއެވެ. ޑަކުޓަރު ގެނައުމަކީ ބޭކާރު ކަމެއް. އެކަމަކު އޭނާ ހިތްހަމަޖައްސައިދިނުމަށް ޓަކައި ބުންޏެވެ. "ލައްބަ. ގޮވައިގެން ދުރުވޭ."

މެޑަމު ބަލިކަށި އަޑަކުން ބުންޏެވެ.

"ނޫނޭ. ދުރުވާނެ ކަމެއް ނެތް. ހާތޯރާ އަޅުގަނޑު ގާތުގައި ހުންނަވާ."

މިހެން ބުނި އިރު އޭނާ ވަރުބަލިވެއްޖެއެވެ. ދެން ފުންކޮށް ނޭވާލަމުން އޭނާ ބުންޏެވެ.

"ޚޫރުޝީދު! އަޅުގަނޑު އަޅުގަނޑުގެ އަތެއް ނުބަލަން. އެހެން ކަމަށް ވިޔަސް އެންމެ ފަހު ވަގުތު ގާތްގަނޑަކަށް ހަމަ ކޮންމެ އިންސާނަކަށް އޭނާގެ ފަހު ވަގުތު އެނގޭނެ."

"ލައްބަ. އެނގޭނެ." ޚޫރުޝީދު ބަލްގުރާމީ ތާއީދުކުރިއެވެ.

"ވައިގަނޑު މާ އަޑު ގަދަކޮށްލައިގެން އެ އުޅެނީ ކީއްވެގެންތޯ؟ ގިޔާމަތް ހަޅޭއްލަވަމުން އަޑުގަދަކުރަމުން އަންނަނީތޯ؟"

"ނޫން. މެޑަމު! އެއީ ކަނޑުގެ ވައި. އެ ވައިގެ އަޑު ކޮންމެ ދުވަހަކުވެސް ހުރޭ."

"ދޮގު ނުހައްދަވާ. ބައްލަވާ. އަޑުއައްސަވާ. މީހުން ހަޅޭއްލަވަނީ."

"އެ އަޑުތައް އެ އިވެނީ ރިކުރިއޭޝަން ހޯލުން. އެ މީހުން އެ އަޑުގަދަ ކުރަނީ ކީއްވެގެން ކަމެއް ނޭނގެ."

"ޚޫރުޝީދު! އަޅުގަނޑު އާދޭސްކުރަން. އަޅުގަނޑަށް ދޮގު ނުހައްދަވާ. ބުނުއްވާ. ކަލާގެ މިހާރުގެ ހިސާބަކީ ކޮބައިތޯ؟ ސިއްރުސިއްރުން އަޅުގަނޑުގެ ކަންފަތް ދޮށުގައި ބުނުއްވާ. އަޅުގަނޑު ކަލާގެ ހިސާބުގެ ނަތީޖާ އަޅުގަނޑުގެ މޭގައި ވަޅުލައިގެން މަރުވެދާނަން. ދޮގު ނުހައްދަވާތި..."

ޚޫރުޝީދު ބަލްގުރާމީ އިރުކޮޅެއް ވަންދެން ދެފުށުއެޅިފައި އިނެވެ. ދެން އޭނާ މެޑަމުގެ ކަންފަތްދޮށަށް ގުދުވެފައި ބުންޏެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.