ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 14

(18 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފުރަތަމަ ކެއްސައިގަތުމުގެ އެތިފަހަރެވެ. މި ފަހަރު އެތިފަހަރު އެރީ ސީދާ ސިކުނޑިއަށެވެ. އޭނާ ސިހިފައި ރޫޕުވަތީއަށް ބަލައިލިއެވެ. އެ ސިއްރު މީނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކަށް އެ ކަން އެނގޭކަށް އޭނާ ނޭދެއެވެ. އެހެން ވެއްޖެ ނަމަ އޭނާގެ ފިރިހެންކަމަށް އުނިކަން ލިބޭނެއެވެ. އޭނާއަކީ އޭނާގެ އަންހެނުންގެ ދަރިފުޅުގެ ބައްޕަ ކަމަށް ނުވީތީއެވެ.

އޭނާ އާގަންނަމުން ބުންޏެވެ. "ކަކަ... ކަލޭ ތިޔަ ބުނީ ކީކޭ؟"

"މި ބުނަނީ ރަނގަޅަށް. ކަލޭގެ ޒުވާންކަމާއި ސިއްހަތުރަނގަޅުކަން ކަލޭ އުމުރުން ތިރީސް އަހަރަށް ވުރެ ދޮށި ކަމަކަށް ނުދައްކާ. ވީ އިރު ބާވީސް އަހަރުގެ ކުއްޖެއްގެ ބައްޕައަކަށް ވާނީ ކިހިނެއް؟"

ހިންމަތު ރާއޯ އުފާވެއްޖެއެވެ. އޭނާގެ ބައްތިރީސް ދަތް ފެނުނެވެ. ކުރިމަތީގައި ހުރި ބޮޑު ލޯގަނޑު ވެސް ބުނަނީ އޭނާ ޒުވާންކަމަށެވެ. ރީތި ޒުވާން އަންހެނެއްގެ ދުލުންވެސް އެ ކަން ތެދުވެއްޖެއެވެ. އެ ފަދަ ވަގުތެއްގައި އަންހެނުންނަށް ވުރެ ބޮޑަށް ދޮގު ހަދަނީ ލޯގަނޑު ކަމެއް ނުވަތަ ލޯގަނޑަށް ވުރެ ދޮގު ހަދަނީ އަންހެނުން ކަމެއް ފިރިހެނުންގެ ވިސްނުމަކަށް ނާންނާނެއެވެ. އޭނާ ހިސާބަކަށް އުފާވެރި ގޮތް ދައްކަމުން ބުންޏެވެ.

"އެހެން ދޯ. ކަލޭ ތިޔަ އައީ އަހަންނާ ސަމާސާކުރަންތާ!"

"ނޫން. ތެދަށް މި ބުނަނީ. އެ ދުވަހު ކަލޭ ފުރަން ދިޔަ އިރު އިނީ ސޫޓު ލައިގެން. އެއަރޕޯޓަށް ދާން އަހަރެން ކަލޭ ކައިރީގައި ކާރުގެ ފަހަތު ސީޓުގައި އިށީނދެ އިން އިރު ހީވީ... ހީވީ..."

ވާ ގޮތަކީ ކޮބައިތޯ ބެލުމަށް ޓަކައި އޭނާ ޖުމުލަ ފުރިހަމަނުކޮށް ދޫކޮށްލިއެވެ. ހިންމަތު ރާއޯއަށް އޭނާގެ ވާހަކަ ވަރަށް ރަނގަޅުވިއެވެ. އޭނާ ހަނދާން ވެއްޖެއެވެ. އޭނާ ސޫޓުލައިގެން އިންތަން ފެނިފައި ރޫޕުވަތީ ބުނެފައި ވެއެވެ.

"ކަލޭ އެއްގޮތަކަށް ވެސް މުސްކުޅިކަމަކަށް ނުދައްކާ. ތިޔަ ސޫޓުގައި ކަލޭ ކިހައި ޔަންގުވެފައި އިސްމާޓުކަމަށް ދައްކާތަ..."

އެއް ހަފުތާ ކުރީގެ އެ ވާހަކަ ހަނދާނަށް އައުމުން އޭނާ އުފާވެފައި ވިސްކީގެ ބޮޑު ކޯވަރެއް ކަރުތެރެއަށް އަޅައިލިއެވެ. ރޫޕުވަތީ އިސްޖަހައިލައިފައި ބުންޏެވެ.

"އަހަރެން ކަލެއާ ވަރަށް މުހިންމު ވާހަކަތަކެއް ދައްކައިލަން ބޭނުން. އެކަމަކު މި ތާކު ނޫން. މި ތަނަށް ޝަންކަރު އަތުވެދާނެ."

ހިންމަތު ރާއޯ އިށީނދެގެން އިން ގޮތަށް އިނދެ ހޫރިގެންފައި އޭނާއަށް ބަލައިލިއެވެ. އެންމެ ނަޒަރަކުން މުޅި އޭނާ ފެންނަ ވަރަށް ވުރެ އޭނާ މާ ފުރިހަމައެވެ. އޭނާގެ ބޮލުން ފެށިގެން ފައާ ހަމައަށް ވަކިވަކިން ބެލުމަށްފަހު ގުޅުވައިލުމުން ރީތީގެ ތަސްވީރެއް ފާހަގަކުރެވިގެން ދެއެވެ. އެ ވަގުތު ހިންމަތު ރާއޯ ވިސްނައިލިއެވެ. ބަލްދޭވުގެ ދަރިފުޅު އަތުން އެއްޗެއް އަތުލައިގަތުމުގެ ވަގުތު މި އައީއެވެ. އޭނާ އިށީނދެގެން އިން ތަނުން ތެދުވިއެވެ. އަރިއަޅަމުން ދޮރު ކައިރިއަށް އައިސް އެތެރެއިން ދޮރު ތަންޑުއެޅިއެވެ. ދެން އެނބުރިފައި ބުންޏެވެ.

"މިހާރު މި ތަނަކަށް ޝަންކަރުގެ ބަފައަކަށް ވެސް ނާދެވޭނެ. ބުނޭ! ކީކޭތަ ބުނަން ތިޔަ އުޅެނީ؟"

"ބޭރަށް އަޑު ދާނެ." އޭނާ ތަޅުން މަތިން ތެދުވެގެން ބަނޑިބަނޑިލައްވަމުން ކޮޓަރީގެ މެދަށް އައިސް ހުއްޓުނެވެ.

ހިންމަތު ރާއޯ ރެކޯޑަރު އޮންކުރުމަށްފަހު ބުންޏެވެ.

"މިހާރު އަޑު ބޭރަކަށް ނުދާނެ."

ކޮޓަރީގައި އޮކެސްޓުރާގެ އަޑު އެނބުރެން ފެށިއެވެ. ހިންމަތު ރާއޯގެ ބޯ ވެސް އަނބުރަން ފެށިއެވެ. މިހާރު ރޫޕުވަތީ މޯޅިއަށް ދެމެނީއެވެ.

"އަހަރެން ދުވަހަކުވެސް ޝަންކަރު ދެކެ ލޯތްބެއް ނުވަން. އޭނާއަކީ ހަމައެކަނި އަހަރެންގެ ފިލްމުގެ ޕުރޮޑިއުސަރު. އޭނާގެ ދުލުން ކަލޭގެ ތާރީފު އަޑު އަހައިފައި އަހަރެން ކަލޭ ދެކޭ ހިތުން ކެތްމަދުވި. އަދި ކަލޭ އެންމެ ފުރަތަމަ ފެނުނު ހިނދު އަހަރެންގެ ހިތް ބުނީ އަހަރެން މި ހޯދާ މީހަކީ ކަލެއޭ. ކަލެއަކީ މުޅި ދުނިޔެއަށް މަޝްހޫރު މީހެއް. ދިރިއުޅުމުގެ އަޑިގުޑަންތަކުގެ ތަޖުރިބާކޮށްފައި ހުރި މީހެއް. މިއަދުގެ ޒުވާނުން ހެން މޮޔައެއް ނޫން. ކަލޭ ހަމަ ރަނގަޅަށް އަހަންނަށް ގަދަރު ކުރާނެ."

ހިންމަތު ރާއޯ އޭނާގެ އަތުގައި ހިފައިފައި ބުންޏެވެ.

"އަހަންނާ ބެހޭ ގޮތުން ތިޔަ ހީކުރީ ރަނގަޅަށް. އަހަރެން އަބަދު ވެސް ކަލެއަށް ގަދަރުކުރާނަން."

މިހެން ބުނެފައި އޭނާ ދޮންދޮން އަތުގައި ބޮސްދޭން ބޯގުދުކޮށްލިއެވެ. ރޫޕުވަތީ އޭނާގެ އަތް ތިރިކޮށްލިއެވެ. ހިންމަތު ރާއޯ ބޮޑަށް ބޯގުދުކޮށްލިއެވެ. އެހައިތަނަށް ދިޔަ އިރު އޭނާގެ ދޮންދޮން އަތް މުސްކުޅި އަތުގެ ތެރެއިން ދޫވެގެން މިނިވަންވެއްޖެއެވެ. ރޫޕުވަތީ ހިނިތުންވަމުން ބުންޏެވެ.

"ޝަންކަރު ކައިވެނި ކުރަންވެގެން އުޅޭކަމާއި އަހަރެން ފަސްޖައްސަމުން އަންނަކަން ވެސް ކަލޭ ހަނދާންހުންނާނެ."

"އާނ. މިހާރު ހުރިހައި އެއްޗެއް ވެސް ހަނދާނަށް އެބަ އާދޭ. ކަލޭ ފެށުނީއްސުރެ ވެސް އަހަރެން ދެކެ ލޯބިވާ ކަން މިހާރު އަހަރެން ގަބޫލުކުރަން."

އޭނާ ދެ އަތް ދަމައިލައިފައި ރޫޕުވަތީގެ މަޑުމަޑު މުލައްދަނޑިއާ ހަމައަށް ގެންދިޔައެވެ. މާ އަޅައިފައި ހުރި ގޮފިގަނޑު ހެލިލިއެވެ. ގުދުގުދުލައިފައި އެނބުރުނެވެ. ހިންމަތު ރާއޯގެ އަތުގައި ޖެހުނީ ހަމައެކަނި ސާޅީގެ ފަސްބައެވެ. އޭނާއަކަށް ފަސްބައަކަށް ނުދެމުނެވެ. ސާޅީ ހުރީ ދައްޗެއްގެ އެހީގައި ބުލައުޒާ ގުޅުވައިފައެވެ.

ދަރޯޕަދީގެ ސާޅީހެން މި ސާޅިއެއް ފަސޭހައަކުން ނުބޭލޭނެއެވެ.

"ކަލޭ އަހަރެންގެ ލޯބި ގަބޫލުކުރަންޏާ، ކަލޭ އަހަރެން ދެކެ ލޯބިވާކަން ފުރަތަމަ ޔަގީންކޮށްދީ! ކަލޭ ދިރިހުންނާނީ ވެސް އަދި މަރުވާނީ ވެސް އަހަންނާ އެކުގައިތަ؟"

"އާނ. އަހަރެން ކަލެއާ އެކުގައި ދިރިހުންނާށާ މަރުވާށާ ހުވާކުރަން."

"ގިޔާމަތެއް އެބަ އާދޭ. އެކަމަކު ވެސް ހުވައާ އެއްގޮތަށް ކަން ކުރާނަންތަ؟"

"އޭނ. އޭނާ ކަންބޮޑުވިއެވެ. ހަގީގަތުގައި ގިޔާމަތް އުޅެނީ ވާށެވެ. އޭނާ ސަލާމަތްވުމަށް ޓަކައި ގުލޯބު އާކަށް ދާން ޖެހެނީ އެކަނި ކަން ވެސް ކުޑަ އިރުކޮޅަކަށް ހަނދާން ނެތުނެވެ. އެކަމަކު މިހާރު އޭނާ އެކަނި ދާންވީ ކީއްވެގެން ހެއްޔެވެ؟ ރޫޕުވަތީ ކަހަލަ ގިޔާމަތެއް އޭނާއާ އެކުގައި ހުރެއްޖެ ނަމަ ގިޔާމަތްދުވަހުން ގިޔާމަތުގެ ހަނީމޫން އަންނާނެއެވެ.

އޭނާ ހިނިތުންވެލައިފައި ބުންޏެވެ. "ގިޔާމަތުގެ ވާހަކަ އިވިފައި ކަލޭ ތިޔަ ހިމޭންވީ ކީއްވެގެން؟"

"އެއީ ހަމަ ހަގީގަތުގައި ގިޔާމަތް އަންނަން އުޅޭތީ. ޑިސެންބަރުން އަށާވީހުގައި ދުންތަރިއެއް އަހަރެމެންގެ މި ބިމުގައި ޖެހެން އެބަ އުޅޭ."

"އަހަރެން ދެނަހުރިން. ޝަންކަރު އޮތީ އަހަރެން ގާތުގައި ހުރިހައި ވާހަކައެއް ބުނެފައި."

"އޯހ! އެހެންތަ؟ އެކަމަކު މި ގިޔާމަތުން ކަލޭ ސަލާމަތްކުރެވޭނީ ހަމައެކަނި އަހަންނަށް ކަމެއް ކަލެއަކަށް ނޭނގޭނެ.."

"ތިޔަ ކަން ވެސް އަހަރެން ދެނަހުރިން. ކުޑަ އިރުކޮޅެއް ކުރީން ޝަންކަރުގެ ކޮޓަރިން އަހަރެންގެ މީރުވަހެއް ކަލެއަކަށް ނުދުވާތަ؟"

ހިންމަތު ރާއޯ ހައިރާންކަމާ އެކު އެނާއަށް ބަލައިލައިފައި ބުންޏެވެ.

"އޯހ. ކަލޭ ވަރަށް ހުޝިޔާރުތާ!"

"ކަލޭ ވެސް އެހައި ހުޝިޔާރު. އަހަރެން ގާތު ހުވާކުރަމުން، ގިޔާމަތުގެ ވާހަކަ ސިއްރުކުރަނީ."

މިހެން ބުނެފައި އޭނާ ކުއްލިއަކަށް ކައިރިއަށް ޖެހިލިއެވެ. ދެން އޭނާގެ ކަނދުރާގައި މަޑުމަޑު އަތުގެ ހާރު އަޅުވައިފައި ބުންޏެވެ.

"އެކުއެކީގައި މަރުވާން ހުވާކުރުމަކީ މޮޔަ ކަމެއް. ކަލޭ، އަހަރެން ބޭނުން. އަހަރެން އަހަރެންގެ ސަލާމަތް ބޭނުން. އެހެންވީމާ އެކުއެކީގައި ގުލޯބު އާކުގައި ދިރިތިބެން ހުވާކުރޭ!"

ޒުވާން ނޭވާތައް މުސްކުޅި ނޭވާތަކުގައި ޖެހެނީއެވެ. އޭނާ މާނޭވާލަމުން ތުރުތުރުއަޅަމުން ބުންޏެވެ.

"އާނ. މައްސަލައެއް ނެތް. ހުވާކުރަން. އަހަންނާ އެކު ކަލޭ ގުލޯބު އާކަށް ގެންދާނަން."

އޭނާގެ ތުރުތުރުއަޅައަޅާ އޮތް އަތް ރޫޕުވަތީގެ ފުރަގަހަށް އައެވެ. ބުލައުޒުގެ ޒިޕާ ހަމައަށް ފޯރިއެވެ. އެކަމަކު އޭނާއަކަށް ޒިޕު، މަތިން ތިރިއަކަށް ނުގެނެވުނެވެ. ރޫޕުވަތީ ހުރީ ޒިޕުގެ ފަހަތުގައި ހުކެއް ލައިފައެވެ. އެ ހުކު ހުރި ތަނުން ގުޑާނުލައިހައި ހިނދަކު ޒިޕެއް ނުފިރުކޭނެއެވެ. އެ ކަމެއް ހިންމަތު ރާއޯއަކަށް ނޭނގެއެވެ. އެހެން ކަމުން އޭނާ މޮޔައެއް ހެން ޒިޕަށް ކުއްލި ޖަހަމުން ގެންދެއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.