(16 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޑުރައިވަރު ދުވެފައި ހިނގައްޖެއެވެ. ރޫޕުވަތީ މޫނު ބަލާ ލޯގަނޑުން ބަލައިލި އިރު މޫނުމަތީގައި ހުރީ ރުޅިވެރިކަމެވެ. އެކަމަކު މިއަދު އޭނާ ޝަންކަރުގެ ކައިރިއަށް ދާންޖެހިފައިވަނީ ހިނިތުންވުމުގެ ރިހާސަލުކުރަމުންނެވެ. އޭނާ ގަދަކަމުން ހިނިތުންވާން ފެށިއެވެ. ބައިގަޑިއިރު ފަހުން ޓެކުސީ އައި އިރު އަނެއްކާ ވެސް އޭނާގެ މޫޑު ވަނީ ގޯސްވެފައެވެ. އޭނާ ޝަންކަރުގެ ގެއާ ދިމާއަށް ދިޔަ އިރު ދެން އެނާއާ ގެއިން ބައްދަލެއް ނުވާނެ ކަމަށް ހިތަށްއަރަމުން ދިޔައެވެ. އޭރު ހަތެއް ޖަހަން އުޅެނީއެވެ. އެއަރޕޯޓަށް ދާން އަނެއްކާ އިތުރު ބައިގަޑިއިރު ބޭނުން ވާނެއެވެ. އެހައި އިރު ވާންވާ އިރަށް ދެބަފައިން އެއަރޕޯޓުން އެނބުރި އަތުވެދާނެއެވެ. އެހެންކަމުން އޭނާ ޝަންކަރުގެ ގޭގެ ކުރިމައްޗަށް ގޮސްފައި ޓެކްސީ އަނބުރައި ފޮނުވައިލިއެވެ.
ނޯކަރު ގޭގެ ދޮރޯށި ހުޅުވައިލަ ދެމުން ބުންޏެވެ. "ސާހިބާ މިހާރު އެނބުރި ދުރުވާނެކަން ނޭނގޭ."
ރޫޕުވަތީ އޭނާއަށް ދިހަ ރުފިޔާގެ ނޫޓެއް ދީފައި ބުންޏެވެ. "އަހަރެން ސާހިބާގެ ކޮޓަރީގައި ވީ ވާހަކަ ނަން ނުގަންނައްޗޭ."
ނޯކަރު އެއްބަސްވިއެވެ. އޭނާ ޝަންކަރުގެ ކޮޓަރިއަށް ދިޔައެވެ. އަދި ޒުވާން ލޯބިވެރިޔާ ލަންބުވައިލަން ގޮތެއް ވިސްނިއެވެ. އޭނާ ފޮތިގަނޑުގެ ފުރަގަހުގައި ފިލައި ހުންނާނީ އެވެ. ޝަންކަރު ކޮޓަރިއަށް އައުމާ އެކު ފުރަގަހުން އައިސް އޭނާގެ މޫނުގައި އަތްއަޅާނީއެވެ. އޭނާގެ މި އަދާއިން ޝަންކަރު އުފަލުން އޭނާގެ އަތުގެ ތެރެއަށް ރޫޕުވަތީ ގެންދާނެއެވެ. އޭގެ ފަހުން އޭނާ އޭނާގެ ބޭނުމުގެ ވާހަކަ ފަށާނީއެވެ.
ރޫޕުވަތީއާ ނުހަނު ދުރުގައި، އެއަރޕޯޓުގެ ލަގެޖު ހޯލުގެ ކުރިމަތިން ބައްޕައާއި ދަރިފުޅު ބައްދަލުވިއެވެ. ހިންމަތު ރާއޯއަށް އޭނާ ފެނުމާއެކު ހުއްޓުން އެރިއެވެ. އެ ވަގުތު އޭނާއަށް ހީވީ ކުރިމަތީގައި ހުރީ ޝަންކަރެއް ނޫން ހެންނެވެ. ބަލްދޭވުހެންނެވެ. ދެން އޭނާގެ ޚިޔާލުގައި ޕުޝްޕާ އަނގަ އޮރިކުރަން ފެށިއެވެ.
"ހުނ. ބޮޑުވެފައި އަތުވެއްޖެއެއްނު. އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވާން. ނިކަން ބަލްދޭވަށް ބަލައިލަބަލަ. ޝަންކަރުގެ ބައްޕައަކީ އެއީ..."
ޝަންކަރު ކުރިއަށް ގޮސް ހިންމަތު ރާއޯގެ ގައިގައި ބައްދައިލިއެވެ. "ބައްޕާ! އަޅުގަނޑު ފެނުމުން ބައްޕަ އުފާވެ ނުލެއްވީ ކީއްވެތޯ؟"
އޭނާ ގަދަކަމުން ހިނިތުންވެލައިފައި ކުރިއަށް ޖެހިލަމުން ބުންޏެވެ. "ދަރިފުޅާ! ބައްޕަ މިހިރީ ވަރުބަލިވެފައި. އުފާވަނީކީ މޫނުމައްޗަކުން ނޫން. ހިތުން. ދަރިފުޅު ފެނުމުން ހިތަށް ވީ ގޮތް އެނގޭނީ ހަމަ ބައްޕައަށް. ކަމޯން މައި ސަން! ޑުރައިވު ކުރޭ!"
ދެ މީހުން ކާރުގެ ކުރީ ސީޓުގައި އިށީނެވެ. ޝަންކަރު ކާރު އިސްޓާޓުކޮށްފައި ކުރިއަށް ދުއްވައިލަމުން އެހިއެވެ.
"ބައްޕަ ދެ ދުވަހަށް ދުރުވެފައި އެއް ހަފުތާ ވީ ކީއްވެގެންތޯ؟"
މުހިންމު ކަންތައްތައް އެހައި ފަސޭހައަކުން ނިންމައެއް ނުލެވޭނެ. ބައްޕަ ގެއަށް ގޮސްފައި ދަރިފުޅަށް ބުނެދޭނަން. މި ވަގުތު ބައްޕައަށް ވިސްކީ އެބަ ބޭނުން ވޭ."
އޭނާ ސީޓުގައި ލެނގިލައިފައި ލޯމަރައިލިއެވެ. އެއީ ޝަންކަރު ވާހަކަދެއްކިޔަ ނުދިނުމަށެވެ. އޭނާ މިއުނިކުން ދިއްލީއަށް އައީ މިއަދު ހެނދުނުއެވެ. އެ ތަނުން އޭނާ ޚާރިޖީ ވަޒީރަށް ރިޕޯޓު ހުށައެޅިއެވެ. އެ ދޮގު ރިޕޯޓުގައި ވަނީ އެ ދުންތަރި ބިމުގައި ޖެހޭނެ ކަމަށް ހުރިހައި ސައިންސުވެރިންނާއި ފަލަކިއްޔާތުގެ މާހިރުން އެއްބަސްނުވާ ކަމަށާއި ދެ ތިން ދުވަހެއް ފަހުން އެ ތަރި މަގު ބަދަލުކޮށް އެހެން ފަރާތަކަށް ހިނގައިދާނެ ކަމަށާއި މި ވަގުތު ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ. އެކަމަކު އެ ތަރީގެ މައްޗަށް އަބަދުވެސް ބަލަން ބޭނުންވާ ކަމަށާއި އެ ކަމަށްޓަކައި ގްރީން ވިޗުގެ އޮބުޒަވޭޓަރީއަށް ދާން އެނާއަށް އަންގައިފި ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ބޮޑު ދެ ގައުމުން، ހިންމަތު ރާއޯގެ ޚިދުމަތް ބޭނުންވެގެން ހުށައަޅައިފައި އެބަ އޮތް. އެއީ އަޅުގަނޑުމެންގެ ގައުމަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ހަމަ މާދަމާ ހިންމަތު ރާއޯ ފުރުއްވާ."
ހިންމަރު ރާއޯގެ ސަރުކާރުގެ ކުރިމަތީގައި އޭނާގެ ދޮގު ފުރިހަމަވެއްޖެއެވެ. އެހެނީ އޭނާގެ ފުރަގަހުގައި ވަނީ ބޮޑެތި ގައުމުތަކެވެ. މިހާރު މިއީ ދަރިފުޅަށް ދޮގުހަދަންވީ ވަގުތެވެ. އޭނާއަށް އަދި ވަކި ގޮތެއް ނުނިންމެއެވެ. އޭނާގެ ބަދަލުހިފުމުގެ ޖަޒުބާތު ބުނެއެވެ. އެއީ ބަލްދޭވުގެ ދަރިފުޅެވެ. އޭނާއަށް ރަނގަޅަށް ތެދަށް ގިޔާމަތުގެ ވާހަކަތައް ކިޔައިދީގެން ކަންބޮޑު ކުރުވައިފައި ބަހައްޓަންވީއެވެ. ނޫނީ އޭނާ ގާތު ބުނަންވީ ގިޔާމަތުން ސަލާމަތްވުމުގެ އިންތިޒާމުތައް ކުރެވެމުން ދާ ކަމަށާއި އޭނާ އެ ތަނަށް ދާނީ އޭނާގެ ދަރިފުޅު ގޮވައިގެން ކަމަށެވެ. އެކަމަކު ދަރިފުޅަށް ރޫޕުވަތީއެއް ނުގެންދެވޭނެ ކަމަށެވެ.
އާނއެކެވެ. މިއީ ރަނގަޅު ތަދުބީރެކެވެ. ދަރިފުޅު އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރޫޕުވަތީ ދޫކޮށްލާނެއެވެ. އޭރުން އަހަރެން ދަރިފުޅު ބަހައްޓައިފައި ދާނީއެވެ. އޭރުން ދެން އޭނާއަކަށް ރޫޕުވަތީއަށް މޫނު ދައްކާކަށް ނުކެރޭނެއެވެ. ހަރާން ދަރީގެ އަމާ އަހަންނަށް ކެހިދިނީއެވެ. އޭނާއާ އޭނާގެ ލޯބވެރިޔާއާ ދެ މީހުން އެ ދެމީހުންގެ ލޯބީގެ ނިޝާން އަހަރެން ކައިރިއަށް ދޫކޮށްލީއެވެ. މިއޮތް ބޮޑު ދުނިޔޭގައި ހުރި ހަމައެކަނި މޮޔައަކީ އަހަރެން ކަހަލައެވެ. މާތްކަލާކޯ. އަހަރެން މާ ބޮޑަށް ވިސްނައިގެން ނުވާނެއެވެ. ވިސްނީމާ ރުޅި އާދެވެނީއެވެ. ރުޅި އައުމުން ޝަންކަރުގެ ކުރިމަތީގައި ކަންތައްތައް ބޮއްސުންލައިފާނެއެވެ. އޭނާގެ އަމާ ހިނިތުން ވޭވެފައި އަހަންނަށް ކެހިދިން ހެން އަހަރެން ވެސް ހިނިތުންވެފައި އޭނާގެ ދަރި މޮޔަހައްދަން ޖެހޭނެއެވެ.
ގެއަށް ގޮސްފައި ޝަންކަރު ބުންޏެވެ. "ބައްޕާ! ޔޫ ނީޑް ވިސްކީ. އަޅުގަނޑުގެ ކޮޓަރިއަށް ހިންގަވާ. އެންމެ މޮޅު ވިސްކީ ހުންނާނެ."
އޭނާ ދަރިފުޅުގެ ކޮޓަރިއަށް އައިސްފައި ބޭރުފުށުން ބައްޕައެއްގެ ވާޖިބު އަދާކުރަމުން ބުންޏެވެ.
"ތިޔަ އުމުރުގައި ބިޔަރަށްވުރެ ކުރިއަށް ނުގެންދަން އަހަރެން އޮންނާނީ ދަރިފުޅަށް ވިސްނައިދީފައި. އެކަމަކު ދަރިފުޅު މިހާރު ވިސްކީ ބޯން ފެށީ."
ޝަންކަރު ޝޭވާޒް އީގަލް ފުޅިއެއް ނަގައިފައި ރާތަށްޓެއް ހަދަމުން ބުންޏެވެ.
"ހަމައެކަނި ހުރި ފުޅިއަކީ މިއީ. ބައްޕަ ނިކަން ކޫލަރ ބައްލަވައިލައްވަ ބައްލަވަ. ދެން ހުންނާނީ ހުސް ބިޔަރު. އަން ބައްލަވާ. އެއް ނޭވާއިން ހުސްކޮށްލައްވާފައި ބުނުއްވާ. ދުންތަރިން ސަލާމަތްވުމުގެ އުންމީދު އެބަ އޮތްތޯ ނޫނީ ނެތްތޯ؟"
ހިންމަތު ރާއޯ ރާތަށި ހިފައިގެން ސޯފާއެއްގައި އިށީނދެއްޖެއެވެ. ޝަންކަރު ފުން ނޭވާއެއް ލައިފައި ބުންޏެވެ.
"މި ކޮޓަރީގައި މި މީރުވަސް މި ދުވަނީ ކީއްވެގެން. މިއީ ރޫޕުވަތީ ބޭނުންކުރާ ސެންޓުގެ ވަސް."
"އޭނާ ކޮޓަރީގެ ދޮރު ހުޅުވައިފައި ނޯކަރު ކުރެން އެހިއެވެ. ނޯކަރު ބުންޏެވެ.
"ސާހިބާ. އޭނާ ދުރުވި ކަމަށް ވެސް ވެދާނެ. އެކަމަކު އަޅުގަނޑެއް ނުދެކެން."
ނޯކަރު ދޮގު ހެދިއެވެ. ހިންމަތު ރާއޯ ރާތަށީގެ ދެބައިކުޅައެއްބައި ކަރުބުޑަށް އަޅައިލުމަށްފަހު ބުންޏެވެ.
"ދަރިފުޅަށް ހުވަފެނުގައި ވެސް ރޫޕުވަތީ ފެންނާނެ. އެކަމަކު ދަރިފުޅާ! ގިޔާމަތުން ސާލަމަތްވުމަށް ޓަކައި ދަރިފުޅަށް ދާންޖެހޭނީ ރޫޕުވަތީ މި ތަނަށް ދޫކޮށްލައިފައި."
ޝަންކަރު ކޮޓަރީގެ ދޮރު ލައްޕަމުން ހައިރާންކަމާ އެކު އެހިއެވެ.
"ބައްޕަ ތިޔަ ބުނުއްވަނީ ކީކޭތޯ؟ ވީހައި އަވަހަކަށް އޭނާއާ ކައިވެނިކުރަން ބުނުއްވީ ވެސް ބައްޕަ ނޫންތޯ؟"
"އާނ ބުނިން. އެކަމަކު ވަގުތު ބަދަލުވުމުން ވާހަކަ ވެސް ބަދަލުވާނެ. ދަރިފުޅާ! ދުނިޔޭގެ ބޮޑެތި މީހުން ސަލާމަތް ކުރުމަށް ޓަކައި ވަރަށް ސިއްރު ގޮތެއްގައި ގުލޯބު އާކެއް ބަންނަމުން އެބަ ގެންދޭ. އެއަށް އެރުމުން ސަލާމަތްވާނެ ކަމުގެ އުންމީދު ސަތޭކައަކުން ނުވަދިހައަށް އެބަ އޮތް. މި ބުނި ބޮޑެތި މީހުންގެ ލިސްޓުގައި ބައްޕަގެ ނަން ވެސް ހިމެނޭ. ލޭގެ ގޮތުން ތިމާގެ މީހުންނަށް ވެސް މި ސިއްރު ބުނެދިނުން ވަނީ ބައްޕަމެންނަށް ވަރަށް ބޮޑަށް މަނާކޮށްފައި."
އޭނާ ރާބޯން ފަށައިފިއެވެ. ޝަންކަރު އެހިއެވެ.
"ތީގެ މާނައަކީ އެ ބޮޑެތި މީހުން ދާނީ އެބައިމީހުންގެ ތިމާގެ މީހުން ދޫކޮށްލައިފައޭތޯ؟"
"މަޖުބޫރު. ސިފައިން ގައުމު ސަލާމަތްކުރުމަށް ޓަކައި ދަނީ ގާތްތިމާގެ މީހުން ދޫކޮށްލައިފައި. ބައްޕަމެން މި ދަނީ މި ހަލާކުވާން އުޅޭ ދުނިޔެއަށް ފަހު އައު ދުނިޔެއެއް އާބާދުކުރުމުގެ ހެޔޮ ނިޔަތުގައި. ރަނގަޅު ކަންތަކަށް ޓަކައި ބޮޑެތި ގުރުބާންތައްވާން ޖެހޭނެ. އެކަމަކު ދަރިފުޅު ފިކުރުނުކުރޭ. ބައްޕަ ދާނީ ދަރިފުޅު ގޮވައިގެން."
"އަޅުގަނޑު ރޫޕުވަތީ ދޫކޮށްލައިފައެއް ނުދާނަން."
(ނުނިމޭ)